ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ދެ ހަފްތާ ކުރިން ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ، އަތޮޅު ކައުންސިލްގެ މުޅި ބާބު އެކީ ގާނޫނުއަސާސީން އުނި ކުރުމަށެވެ. އަދި ދެން އަންނަ އިންތިހާބަކުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލުމަށް ލާމަރުކަޒީ ގާނޫނަށް ވެސް އިސްލާހު ހުށަހެޅި އެވެ. މިދިޔަ ހަފްތާގައި އެ ބިލު މަޖިލީހުން ފާސްކޮށްފައިވެ އެވެ.
ތަފްސީލު - ސަރުކާރުގެ ފަރާތުން ޕީއެންަސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ގާނޫނުއަސާސީއަށް ހުށަހެޅުއްވި އެ އިސްލާހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިއަދު އެވެ. އެކަން ރައީސް އޮފީހުން ދެންމެ ވަނީ އާންމުކޮށްފަ އެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ގޮތުން، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނެ އެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާ އެކު އެ ކައުންސިލްގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން ކަމަށް ބަޔާން ކުރެ އެވެ.
ޝުޖާއު އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ. އޭގެ ނަތީޖާއަކީ ދެން އަތޮޅު ކައުންސިލްތައް އުވުމެވެ.
ނަމަވެސް އިސްލާހުގައިވާ ގޮތުން، މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވަންދެން ދެމި ތިބޭނެ އެވެ. އެހެންކަމުން، މިހާރު އޮތް އަތޮޅު ކައުންސިލްތަކަކީ މި ގާނޫނުއަސާސީގެ ދަށުން އެންމެ ފަހު އަތޮޅު ކައުންސިލުތަކަށް ވާނެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޝުޖާއުގެ އިސްލާހުގައި އޭނާ ވަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ، އެ މެންބަރަކު މަގާމު ގެއްލުމުގެ ކުރިން ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނެގުމަށް ވެސް ހިމަނާފަ އެވެ. ނަމަވެސް ބިލު މަޖިލީހުން ފާސްކުރީ ބިލުގެ އެ ބައި އުނިކުރުމަށް ފަހު އެވެ.
ގާނޫނުއަސާސީން އަތޮޅު ކައުންސިލް އުނި ކުރި އިސްލާހު ތަސްދީގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ