އެމެރިކާގެ ރިޔާސީ ގަޑުވަރު ކައިރިން ބަޑީގެ ޙަމަލާ ދިން މީހަކު މަރާލައިފި

ހޮނިހިރު ދުވަހުގެ ރޭގަނޑު އެމެރިކާގެ ރިޔާސީ ގަޑުވަރު ވައިޓް ހައުސްގެ ޗެކްޕޮއިންޓަކަށް ބަޑިން ހަމަލާދިން މީހަކަށް، ސަލާމަތީ ބާރުތަކުން ދިން ރައްދު ހަމަލާގައި ޒަޚަމްވެ، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް އެމެރިކާގެ ސީކްރެޓް ސާވިސް އިން ހާމަކޮށްފިއެވެ.
ސީކްރެޓް ސާވިސްއިން ރޮޔިޓާރސްއަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ މީހާ ވައިޓް ހައުސް ކައިރީގައި އޮންނަ 17 ވަނަ މަގާއި ޕެންސިލްވޭނިއާ އެވެނިއު ގުޅޭ ހިސާބުގައި ހުރި ޗެކްޕޮއިންޓަކަށް ގޮސް، އޭނާގެ ދަބަހުން ބަޑިއެއް ނަގައި އޮފިސަރުންނަށް އަމާޒުކޮށް ހަމަލާދޭން ފެށި ކަމަށެވެ. މިއާއެކު، އެ ތަނުގައި ތިބި އޮފިސަރުން ވަނީ ރައްދުގައި ބަޑިޖަހައި، ތުހުމަތުކުރެވޭ މީހާ ހުއްޓުވާފައެވެ.
މި ހާދިސާގައި އެ ސަރަހައްދުގައި ހުރި އާންމު މީހެއްގެ ގަޔަށްވެސް ބަޑީގެ ވަޒަން އަރާފައިވާ ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް، އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި، އެ މީހާގެ ގަޔަށް ވަޒަން އެރީ ހަމަލާދިން މީހާގެ ބަޑިން ކަމެއް ނުވަތަ ދެފަރާތުގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކުގެ ތެރޭގައި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ތުހުމަތުކުރެވޭ މީހާއަކީ ނަފްސާނީ ގޮތުން ބަލިކަށި މީހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހެއް ކަމަށާއި، މީގެ ކުރިންވެސް އޭނާއަށް އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް އަމުރެއް ނެރެފައިވާ ކަމަށް ތަންފީޒީ އިދާރާތަކުން މައުލޫމާތުދެއެވެ.
މި ހާދިސާ ހިނގި ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ހުންނެވި ނަމަވެސް، ސަލާމަތީ ބާރުގެ އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ސީކްރެޓް ސާވިސް އިން ބުނެފައިވެއެވެ.
މި ހަމަލާ ދީފައި މިވަނީ، ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ ރޭގަނޑުގެ ފަރިއްކޮޅު ބޭއްވި ހޮޓަލެއްގެ ތެރޭގައި ބަޑީގެ ހަމަލާތަކެއްދީ، ރައީސް ޓްރަމްޕާއި އެހެނިހެން އިސް ބޭފުޅުން ކުއްލި ގޮތަކަށް އެ ތަނުން ނެރެން ޖެހުނު ހާދިސާއަށް މަހެއްހާ ދުވަސް ވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ