މުޅި ރާއްޖޭގެ ވެސް ސަމާލުކަން ކުޅުދުއްފުށި ސިޓީގެ މި އަހަރުގެ ބޮޑު އީދުގެ މަށިމާލި ޕެރޭޑް މިއަދު ބާއްވަން ތައްޔާރުވެއްޖެ އެވެ.
ކައުންސިލުން މިއަދު ބުނީ އެ ހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު 4:30-6:00 އަށެވެ. މާލި ޕެރޭޑް ޗެނަލް 13 ގެ އިތުރުން ކުޅުދުއްފުށީ ޔޫޓިއުބް ޗެނަލް އިން ލައިވް ވެސް ކުރާނެ އެވެ.
މި އަހަރުގެ މަށި ޕެރޭޑްގައި ބައިވެރިވާން ސިޓީ ކައުންސިލުން މި މަހުގެ ކުރީކޮޅު ހުޅުވައިލި އިރު ބުނެފައި ވަނީ ޕެރޭޑްގައި ބައިވެރިވެވޭނީ އިސްލާމް ދީނާ ފުށުނާރާ މާލިތައް ކަމަށާއި މާލިތަކަށް ޒިންމާވާނީ އެ ދައްކައިލާ ފަރާތަކުން ކަމަށެވެ. އަދި ޕެރޭޑްގައި ބައިވެރިކުރާ މާލިތައް ހުންނަން ވާނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން މާލިތަކުގައި މީހުންގެ ފޮޓޯ އާއި ނަން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށާއި ކުދި ބޮޑު އެންމެން މާލި ޕެރޭޑްގައި ބައިވެރިވާން އެދޭ ކަމަށް ވެސް ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވެ އެވެ.
ބޮޑު އީދުގައި މަށި މާލި ޕެރޭޑް ކުޅުދުއްފުށީގައި ބޭއްވުމަކީ ވަރަށް ކުރިން ފެށިގެން ހިންގަމުން އަންނަ ކާމިޔާބު ހަރަކާތެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް މާލި ޕެރޭޑަށްމުޅި ރާއްޖޭގެ ސަމާލުކަން ވެސް ލިބެ އެވެ.
މި މާލި ޕެރޭޑަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުން ނުފުއްދާ ވައުދުތައް ހަނދާންކޮށް ދިނުމާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަން މާލި ޕެރޭޑްގެ ތެރޭގައި ފެންނަން ފެށުމެވެ. މީގެ ސަބަބުން މުޅި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް އިންތިޒާރުކުރާ މާލި ޕެރޭޑަކަށް ކުޅުދުއްފުށީގައި ބޮޑު އީދަށް ބާއްވާ މާލި ޕެރޭޑްވެގެން ގޮސްފައިވެ އެވެ.
އެ ސިޓީގެ ޕެރޭޑްގައި ދައްކައިލާ ބައެއް މާލިތަކާ ގުޅިގެން މީގެ ކުރިން ސިޔާސީ ބައެއް ފަރާތްތަކުގެ ނުރުހުން ވެސް އަމާޒުވެފައިވެ އެވެ.
އީދަށް ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މާލި ޕެރޭޑްތައް ބާއްވަ އެވެ. އެކަމަކު މުޅި ރާއްޖެ އެންމެ މަޝްހޫރު ކުޅުދުއްފުށީގެ މާލި ޕެރޭޑެވެ.
ކުޅުދުއްފުށީ މަށިމާލި ޕެރޭޑް މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ