40 އަހަރުގެ ނޯޔާ ބަޔާންގެ ކޮންޓްރެެކްޓް އާ ކޮށްފި

މިއުނިކް (މެއި 16) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ އުމުރުން 40 އަހަރުގެ މެނުއަލް ނޯޔާ، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކޮށްފި އެވެ. 
ޝާލްކާ ދޫކޮށް ނޯޔާ، ބަޔާނަށް ސޮއިކުރީ 2011 ވަނަ އަހަރު އެވެ.  ނޯޔާ، ބަޔާނާ އެކު މި ފަަހަރު ކޮންޓްރެކްޓް އާ މި ކުރީ އެމެރިކާ އާއި ސައުދީ އަރަބިއްޔާގެ ކްލަބްތަކުގެ ހުށަހެޅުންތަކެއް ދޫކޮށްލައިފަ އެވެ. 
ބަޔާނަށް ކުޅެދިން މެޗުތަކުގައި 269 މެޗުގައި ކޮޅަށް ގޯލެއް ވަނަނުދީ ނިންމާލި ނޯޔާ ބުނީ، ބަޔާނާ އެކު ކުރިއަށްދިއުމުގައި މި ފަަހަރު ނިންމަން ޖެހުނީ ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި ކަމަށެވެ. އެ ގޮތުން، ބަޔާންގައި މިހާރު އޮތް ޓީމާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދިދާނެ ކަމަށް ނޯޔާ ދެކެ އެވެ. 
"އަހަރެމެންގެ ގޯލްކީޕަރު ޓީމު ވެސް މި އޮތީ ވަރަށް ރަނގަޅަށް. އަހަރެން ބޭނުން ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭން،" ނޯޔާ ބުންޏެވެ. 
ބަޔާންގެ ދެ ވަނަ ކީޕަރު، ސްވެން އުލްރައިޝް ވެސް ވަނީ އެއް އަހަރަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. 
ހަމުގެ ކެންސަރަށް ތިން ފަހަރު ފަރުވާ ހޯދި ނޯޔާ އަށް މިދިޔަ އަހަރުތަކުގައި އަނިޔާގެ އެކި މައްސަލަތައް ވެސް ދިމާވި އެވެ. ގައުމީ ޓީމުން ރިޓަޔާކުރުމަށް ފަހު، ނޯޔާގެ ފޯކަސް ކްލަބް ކެރިއަރަށް ހުރިއިރު، ބަޔާނަށް ކުޅެދިން 597 މެޗުގައި އޭނާ ވަނީ ދެ ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން 13 ފަހަރު ޖަރުމަނު ލީގު ތަށި ހޯދައިފަ އެވެ. އަދި، ބަޔާނާ އެކު، ނޯޔާ ހޯދި ތަށިތަކުގެ ޖުމްލަ އަކީ، 33 ޓްރޮފީ އެވެ. 
ޖަރުމަނު ގައުމީ ޓީމާ އެކު، 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ނޯޔާ، ގައުމީ ޓީމުން ރިޓަޔާކުރީ 2024 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު އެވެ. މި ފަަހަރުގެ ވޯލްޑް ކަޕަށް ނޯޔާ އަލުން ޖަރުމަނު ޓީމަށް އަންނަން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އޭނާ ވަނީ މިހާތަނަށް އެކަން ދޮގުކޮށްފަ އެވެ. 
ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ބަޔާނުން މި ސީޒަނުގަައި ޖަރުމަނު ކަޕް ޗެމްޕިއަންކަން ހޯދަން ވެސް ވަނީ އަމާޒުހިފައިފަ އެވެ. އެ ގޮތުން، ފައިިނަލުގައި މި މަހު 23 ވަނަ ދުވަހު ބަޔާނުން ކުޅޭނީ ސްޓުޓްގާޓާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ