ސުޕްރީމް ކޯޓުގައި ތިބެން ވާނީ، އިސްލާމީ ޝަރީއަތުގެ މަސްދަރުތައް ގަބޫލުކޮށް އަމަލު ކުރާ ފަނޑިޔާރުން: އިބްރާހިމް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިބެންވާނީ އިސްލާމީ ޝަރީއަތުގެ މަސްދަރުތައް ގަބޫލުކޮށް އަމަލު ކުރާ ފަނޑިޔާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓިވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އިބްރާހިމް ވިދާޅުވީ މިއީ މުސްލިމް، އިސްލާމީ ގައުމެއްކަމަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިބެންވާނީ އިސްލާމީ ޝަރީއަތުގެ މަސްދަރުތައް ގަބޫލުކޮށް އަމަލު ކުރާ ފަނޑިޔާރުންތައްކަމަށެވެ. އަދި ހާއްސަކޮށް އެ ފަނޑިޔާރުން ވާން ޖެހޭނީ މައްސަލައެއްގައި ނެރޭ ރައުޔެއް ނުވަތަ ނިންމުމެއްގެ ސަބަބުން ޝަރީއަތުގެ މަސްދަރުތައް ހަލާކު ނުވާ ބޭފުޅުންކަމަށެވެ.
އިބްރާހިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުން އަމިއްލަ ހައިސިއްޔަތުން ގިސޯސް ހިފުމާއި ގުޅޭގޮތުން ގެންގުޅެނީ ތަފާތު ވިސްނުމެއް ކަމަށެވެ. އަދި ގިސޯސްގެ ހައްދަށް އެބޭފުޅުން އިންކާރު ކުރައްވާއިރު، އެ ފަނޑިޔާރުންގެ ރައުޔުތަކުގައި ވެސް މަރުގެ އަދަބު ތަންފީޒު ކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައި އެބަހުރިކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ބަޔަކު ރިޕޯޓު ކުރިޔަސް ނުކުރިޔަސް ކަންބޮޑުވާންވީ ކަންތަކަކީ މިއީކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމަށް ކުރާ ތުހުމަތުތައް މެމްބަރު ދޮގު ކުރެއްވި އެވެ. އަދި ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލައެއް ފެންމަތި ކުރުމުން ޖުޑިޝަލް ސާވިސް ކޮމިޝަނުން އެކަން ތަހުގީގު ކުރަން ފެށުމަކީ ގޯހެއް ނޫންކަމަށެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ކޯޓުގައި ކުރިޔަށް ދަނިކޮށް، ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ އިއްތިފާގެއްކަމަށް ވިދާޅުވި އެވެ.
ހުރިހާ ގޮތަކުން ވިސްނާއިރު، މި ދަނޑިވަޅުގައި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާއަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަމުން ދިއުމަކީ ރަނގަޅަށް ހިނގި ކަމެއްގެ ގޮތުގައި އިބްރާހިމް ވިދާޅުވި އެވެ. އަދި މާ ފަހުން އެ ފަނޑިޔާރުންނަކީ ޖިނާއީ ކަމެއް ސާބިތުވާ ބައެއްކަމަށްވެއްޖެނަމަ ދިވެހި ރައްޔިތުންގެ އެތައް ހައްގެއް ގެއްލޭނެކަމަށް ވިދާޅުވި އެވެ.
މެމްބަރު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބަލަން ފެށުމުގެ ކުރިޔަށް ވަރަށް ގިނަ މަރުހަލާތައްވާކަމަށެވެ. އަދި ފަނޑިޔާރުންނަށް އިމްތިޔާޒުތަކާއި ގާނޫނީ އެތައް ހިމާޔަތްތަކެއް ލިބިފައިވާކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭނަމަ އެކަމަށް ވަރަށް ސަމާލުވާން ޖެހޭނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ