ސްކައުޓް ހަރަކާތުންވަނީ ހަރުދަނާ ދަރިންތަކެއް ޤައުމަށް ބިނާކޮށްދީފައި: ރައީސް

ސްކައުޓް ހަރަކާތުންވަނީ ހަރުދަނާ ދަރިންތަކެއް ޤައުމަށް ބިނާކޮށްދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ވަނީ، ވޭތުވެދިޔަ 70 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނަށާއި، މިހާރުވެސް އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވާފައެވެ. ސްކައުޓް ހަރަކާތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ ހަމައެކަނި ހަރަކާތެއް ނޫން ކަމަށާއި، މިއީ އެކަކު އަނެކަކަށް އަޅާލުމާއި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ، އަމިއްލަ ނަފްސު އިސްލާހުކުރުމުގެ މައިދާނެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ސްކައުޓް ހަރަކާތަކީ ރިވެތި އަހުލާގާއި ޒިންމާދާރުކަން އަށަގަންނުވައިދޭ ޢަމަލީ ތަރުބިއްޔަތެކެވެ. "ސްކައުޓުންގެ ކިބައިން ފެންނަ ހިތްވަރާއި، ޢަޒުމާއި، އެކަކުއަނެކަކަށް އެހީތެރިވުމުގެ މާތް ސިފައަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިޙްތިރާމް ކުރުމާއި، އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއް،" ރައީސް ވިދާޅުވިއެވެ.
ގައުމީ ބޮޑެތި ކާރިސާތަކާއި ނުރައްކާތެރި ދަނޑިވަޅުތަކުގައި ސްކައުޓުން ދައްކުވައިދީފައިވަނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއްކަން ފާހަގަކުރައްވަމުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ސްކައުޓުން ކޮށްދިން މިންނެތް މަސައްކަތްތައް އެމަނިކުފާނު ހަނދުމަފުޅު އައުކުރެއްވިއެވެ. މީގެއިތުރުން، އެމަނިކުފާނުގެ އަމިއްލަ ތަޢުލީމީ ހަޔާތުގެ ތަޖުރިބާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ކަބް ސްކައުޓް މޮޓޯ "ޑޫ ޔުއާ ބެސްޓް" އަދި ސްކައުޓް މޮޓޯ "ބީ ޕްރިޕެއާޑް" އަކީ އެމަނިކުފާނުގެ ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގައިވެސް މަގުދައްކައިދިން އުސޫލުތައް ކަމަށެވެ.
ޒުވާނުންނަށް މިފަދަ ތަރުބިއްޔަތެއްގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް ސްކައުޓް ހަރަކާތުން އުނގަންނައިދީފައިވާ ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން ހަރުދަނާ ދަރިންތަކެއް ޤައުމަށް ބިނާވެފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ރަށްތަކުގެ ގުޅުން ބަދަހިކޮށްދިނުމުގެ އިތުރުން ދުނިޔޭގެ ޤައުމުތަކާ ރާއްޖެއާއޮތް ގުޅުން ވަރުގަދަކޮށްދޭ ބާރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ