އެސްއޯއީތަކުން ދައުލަތަށް 160 މިލިޔަން ރުފިޔާގެ ޑިވިޑެންޓެއް

މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ދައުލަތަށް 160 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 36 އިންސައްތަ ދަށް އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ވާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް 160 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް ލިބުނު 258 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 36 އިންސައްތަ ދަށް އަަދަދެކެެވެ.
މިއަހަރުގެ ބަޖެޓުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް 552 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ ތެރެއިން މިހާތަނަށް ދަޢުތަލަށް ލިބިފައިވަނީ، މި އަދަދުގެ 30 އިންސައްތައެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ޑިވިޑެންޑުން ލިބޭ އާމްދަނީ ދަށްވާ މައިގަނޑު އެއް ސަބަބަކީ، ކުންފުނިތަކުގެ ފައިދާ ދަށްވުން ކަމަށެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޑިވިޑެންޑާއި އެހެން ގޮތްގޮތުން ދައުލަތަށް ފައިދާއާއި އިންޓްރެސްޓުގެ ގޮތުގައި 769 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވެއެވެ. މީގެ ތެރެއިން މިހާތަނަށް ދައުލަތަށް ލިބިފައިވަނީ، މުޅި ޖުމްލަ 243 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ ބަޖެޓުގެ 31 އިންސައްތައެވެ.
ފަހަކަށްއައިސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ދަޢުލަތަށް ޑިވިޑެންޓުގެ ގޮތުގައި ލިބުނު މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ޑިވިޑެންޑާއި ފައިދާތަކުން ދައުލަތަށް 823 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ އަހަރު ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. މިއީ، އެސްއޯއީތަކުން ދައުލަތަށް ވަންނަ އާމްދަނީގެ ވަރަށް ބޮޑު ދަށްވުމެކެވެ.
ދައުލަތުގައި ސަރުކާރު ހިއްސާވާ 30 ކުންފުނި އޮތްއިރު ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް މި އަހަރު އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ، 6 ކުންފުނިންނެވެ. އެއީ އެމްޕީއެލްއާއި، އެމްއޭސީއެލްއާއި، ދިރާގާއި، ބީއެމްއެލްއާއި، އެޗްޑީސީ އަދި އެމްޑަބްލިއުއެސްސީ އިންނެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ކަނޑައަޅާފައިވަނ، ދިރާގުންނެވެ. އެ ކުންފުނިން 262 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މީގެ އިތުރުން 154 މިލިޔަން ރުފިޔާއާއެކު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ބީއެމްއެލްއިންނެވެ. އަދި އެމްއޭސީއެލްއިން 50 މިލިޔަން ރުފިޔާ، އެމްޑަބްލިއުއެސްސީއިން 30 މިލިޔަން ރުފިޔާ، އެޗްޑީސީއިން 20 މިލިޔަން ރުފިޔާ އަދި އެމްޕީއެލްއިން 12 މިލިޔަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ