ވޯލްޑް ކަޕަށް ހަފުތާއެއް ވީއިރު ވެސް އެމެރިކާ އަށް ދަތުރުކުރުމުގެ ވިސާ އިރާން ޓީމަށް ލިބިފައިނުވާކަން ހާމަވެއްޖެ އެވެ.
އަންނަ ހަފުތާގައި ފަށާ މުބާރާތުގައި އިރާން ޓީމުން، ގްރޫޕް ސްޓޭޖްގައި ކުޅޭ ހުރިހާ މެޗެއް ވެސް ކުޅޭނީ އެމެރިކާގެ ފަސްގަނޑުގަ އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމަށް އިރާނުން ކޭމްޕް ކުރީ ތުރުކީގެ އަނަޓޯލިއާގަ އެވެ. ތުރުކީގައި ހޭދަވި މުއްދަތުގައި އިރާނުގެ ޓީމުން ވަނީ ތުރުކީގެ ވެރިރަށް އަންކާރާ އަށް ދަތުރުކޮށް، އެ ރަށުގައި ހުންނަ އެމެރިކާގެ އެމްބަސީން ވިސާގެ އިދާރީ ކަންކަން ފުރިހަމަކޮށްފަ އެވެ.
އެކަމަކު އަދި މިހާތަނަށް ވެސް އެމެރިކާގެ ވިސާ އެ ޓީމަށް ނުލިބެ އެވެ.
ވޯލްޑް ކަޕްގައި އިރާނުގެ ޓީމު ކޭމްޕް ކުރަން، ކުރިން ހަމަޖެހިފައި އޮތީ އެމެރިކާގެ އެރިޒޯނާގަ އެވެ. އެކަމަކު ވިސާގެ މައްސަލަތަކާ ހުރެ، އިރާނުގެ އެދުމަށް އެ ޓީމުގެ ކޭމްޕް މެކްސިކޯ އަށް ބަދަލުކުރަން ފީފާއިން ނިންމި އެވެ.
އިރާނުގެ ޓީމުން، ކޭމްޕް ކުރާނީ އެމެރިކާގެ ބޯޑަރާއި މެކްސިކޯ ގުޅުވައިދޭ ސިޓީ ކަމަށްވާ ޓިހުއާނާގަ އެވެ. މެކްސިކޯ އަށް ދަތުރުކުރަން އިރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު ފުރާނެ އެވެ.
މެކްސިކޯ އަށް ދާނީ ސްޕެއިން މަގުންނެވެ. އަދި އާދިއްތަ ދުވަހު މެކްސިކޯގައި ތިބޭނެ ކަމަށް އިރާނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.
މެކްސިކޯގެ ވިސާ ލިބުނު ކަމެއް އިރާނުގެ ޓީމަކުން ނުބުނެ އެވެ. އެކަމަކު މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް ވިދާޅުވެފައި ވަނީ، ފީފާގެ އެދުމުގެ މަތިން އިރާން ޓީމަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އުއްމީދުކުރަނީ މެކްސިކޯގައި ޓީމު ކޭމްޕް ކުރުމަށް ފަހު، އެ ޓީމުގެ މެޗުތައް ފެށުމުގެ ކުރިން އެމެރިކާގެ ވިސާގެ ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށެވެ.
ވޯލްޑް ކަޕްގައި އިރާން ހިމެނުނީ ބެލްޖިއަމް އާއި މިސްރު އަދި ނިއުޒީލޭންޑާ އެކު ގްރޫޕް ޖީ ގަ އެވެ. ނިއުޒީލޭންޑް އަދި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުތައް މި މަހު 15 އަދި 21 ގައި ކުޅޭނީ ލޮސް އެންޖެލިސްގަ އެވެ. އެއަށްފަހު، ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭނެ އެވެ.
ވޯލްޑް ކަޕްގައި އިރާން ބައިވެރި ނުވެދާނެކަމަށް ވެސް ކުރިން ބެލެވުނެވެ. އެއީ އެމެރިކާ އާއި އިޒްރޭލުން އިސްވެ ފެބްރުއަރީ 28 ގައި އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެންނެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހު 11 އިން އަންނަ މަހުގެ 19 އަށެވެ.
އިރާނުގެ ޓީމަށް އަދިވެސް އެމެރިކާއިން ވިސާ ނުދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ