އާޖެންޓީނާގެ ހިތްތަކުން ނުފިލަނީ ސައޫދީ އަރަބިއާ އަތުން ބަލިވި ހަނދާން: ކޯޗު

އެންމެ ފަހުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައޫދީ އަރަބިއާ އަތުން އާޖެންޓީނާ ބަލިވި ހަނދާން އެބަހުރި ކަމަށާއި މިހެންވެ އަލްޖީރިއާ މެޗަށް ނުކުންނާނީ ފަރުވާތެރިވެގެން ކަމަށް ކޯޗު ލަޔޮނަލް ސްކަލޯނީ ބުނެފި އެވެ.
އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބު ކުރީ ސައޫދީ އަތުން ބަލިވި މެޗަށް ފަހު ފަސް އެނބުރި ބެލުމެއްނެތި އެވެ.
"އެ ހަނދާން އަހަރުމެންގެ ސިކުނޑީގައި އަދިވެސް އެބަހުރި. މިހެންވެ މި މުބާރާތުގައި އަހަރުމެން ފުރަތަމަ މެޗަށް ނުކުންނައިރު އެންމެން ވެސް އެ ވާހަކަ ދައްކާ. އަލްޖީރިއާ އަކީ ވަރުގަދަ ޓީމެއް. މުބާރާތުގެ ފުރަތަމަ މެޗަކީ އެއްގޮތަކަށް ވެސް ފަސޭހަ މެޗެއް ނޫން،" ސްކަލޯނީ ބުންޏެވެ.
ކޯޗު ބުނީ ހާނިއްކަވެފައި ތިބި އާޖެންޓީނާގެ ކުޅުންތެރިން މިހާރު ފިޓް ކަމަށެވެ. މި ގޮތުން ފޯވަޑް ހޫލިއަން އަލްވަރޭޒްގެ ކަކުލުގެ ތަދާއި ކީޕަރު އެމެލިއާނޯ މާޓިނޭޒްގެ އިނގިލީގައިވާ ރެނދު މިހާރު ރަނގަޅެވެ. ނަމަވެސް ފަލަމަސްގަނޑުގެ ތަދާހުރެ ޑިފެންޑަރު ނިކޮލަސް އޮޓެމެންޑީ މި މެޗުގައި ފެނުން ދުރެވެ.
"އަހަރުމެންނަށް އެނގޭ އަހަރުމެންނަކީ ޗެމްޕިއަނުންކަން. އެންމެންވެސް އަހަރުމެން ބަލިކުރަން ބޭނުންވާކަން. އަހަރުމެންނަށް ގަރަތުގައި އެކަން ފެނުނު. ކޮންމެ ޓީމަކުން ވެސް ވަރުގަދަ ފައިޓެއް ދީފާނެ. އެ މީހުންގެ މޮޅު ކުޅުންތެރިން އެބަތިވި. އަހަރުމެންގެ ގޭމް ޕްލޭނާއެކު ރަނގަޅަށް ޑިފެންސް ރާވާލަން ޖެހޭނެ މި މެޗުގައި،" އޮޓެމެންޑީ ބުންޏެވެ.
މި މެޗަށް ފަހު އާޖެންޓީނާ އަށް މި ގްރޫޕުގައި ދެން އޮންނާނީ އޮސްޓްރިއާ އާއި ޖޯޑަންގެ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ