ސްމޯލީ ބޭނުންވި ގޮތަށް ފީފާ މެދުވެރިކޮށް އެފްއޭއެމް އަތުން އެއް މިލިއަން ޑޮލަރު ނެގޭގޮތެއް ނުވި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރި، އިނގިރޭސިވިލާތުގެ  ޕޯލް ސްމޯލީ އަށް ނުލިބި ހުރި މުސާރަ ކަމަށް ބުނެ، އެފްއޭއެމް އަތުން 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ޑޮލަރު) ނަގަން ފީފާ އަށް ހުށަހެޅި މައްސަލަ ސްމޯލީ އަށް ނާކާމިޔާބުވެއްޖެ އެވެ. 
ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި އެފްއޭއެމްގެ ރައީސަކަށް ކުރިން ހުންނެވި، ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕުން ގެނައި، ސްމޯލީ، މަގާމުގައި ހޭދަކުރި ފުރަތަމަ އަހަރަށް ފަހު ދޫކޮށްލީ 2024 ވަަނަ އަހަރު އެވެ. ދިގު ކޮންޓްރެކްޓެއް އޮއްވައި، އޭނާ މަގާމުން ވަކިކުރި ނިންމުން ސްމޯލީ ވަނީ ފީފާގެ ޓްރައިބިއުނަލް އަށް ހުށަހަޅައިފަ އެވެ. 
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރަކަށް، 15000 ޑޮލަރުގެ މުސާރަ އަކަށް ސްމޯލީ މަސައްކަތް ކުރަމުން އަންނަނިކޮށް، އެފްއޭއެމް އިން ރާއްޖެ އަށް ސްމޯލީ ގެނައީ ބޮޑު މުސާރަ އަކަށެވެ. މަގާމުގައި ހުރެ ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް އެކަށޭނެ މަސައްކަތެއް ސްމޯލީ އަށް ކުރެވޭގޮތެއްނުވި އެވެ. އަދި، އޭނާގެ ބެލުމުގެ ދަށުން ހިންގި ކޯޗިން ކޯސްތަކެއްގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފައެވެ. 
އެފްއޭއެމާ ދެކޮޅަށް ސްމޯލީ މިދިޔަ އަހަރު ހުށަހެޅި މައްސަލައިގައި، އޭނާ އެދިފައިވަނީ ކޮންޓްރެކްޓްގެ މުއްދަތަށް، ފަސް އަހަރަށް ޖެހޭ މުސާރަ އަށް ވާ 1.2 މިލިއަން ޑޮލަރު އެފްއޭއެމް އިން ހޯދުމަށެވެ. 
މިއަދު ނެރުނު ބަޔާނެއްގައި އެފްއޭއެމް އިން ބުނެފައިވަނީ، މި މައްސަލަ ފީފާގެ ޓްރައިބިއުނަލް އިން ނިންމާފައިވަނީ، އެފްއޭއެމް އާ އެއްކޮޅަށް ކަމަށެވެ. 
ފީފާގެ މި ނިންމުމަކީ، ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު މާލީ ގޮތުން އޮތް ހާލަތުން އަރައިގަންނަން ކުރާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. އެފްއޭއެމްގައި އެންމެ ފަހުން އޮތް ލީޑަޝިޕުން އެ އެސޯސިއޭޝަން ހިންގި ދޯހަޅި އުސޫލުތަކުގެ ސަބަބުން އެސޯސިއޭޝަންގެ ގިނަ ކަންކަން މިހާރު އޮތް ލީޑަޝިޕުން ފަށަން ޖެހުނީ ސުމަކުންނެވެ.
އެ ގޮތުން، އެފްއޭއެމްގެ ކުރީގެ ލީޑަޝިޕްގެ ނިންމުންތަކުގެ ސަބަބުން، މާލީ ގޮތުން ބޮޑެތި ބުރަ އުފުލަން ޖެހޭ ގޮތަށް ކުރެވިފައިވާ ކަންކަމުން އެފްއޭއެމް ހިންދެމިލައިގެން ކުރިއަށްދެވޭނެ މަގު ތަަނަވަސްވުމަކީ، އެސޯސިއޭޝަނުން ސިފަކުރާ ގޮތުގައި ދިވެހި ފުޓްބޯޅައިގެ ދުރުރާސްތާ ވިސްނުންތަކާއު ޖުމްލަކޮށް މި ގައުމުގެ ފުޓްބޯޅައިގެ ކުރިމަގަށް ފައިދާކުރާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ