މީޑިއާ ރިޕޯޓަރުންނަށް ސަލްމާންގެ ނުރުހުން
ހޮސްޕިޓަލެއްގެ ބޭރުން ފޮޓޯގްރާފަރުންނާ ދެމެދު ހިނގި ހޫނު ބަހުގެ ހަމަލާތަކަކަށްފަހު، ބޮލީވުޑްގެ ތަރި ސަލްމާން ޚާން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފިއެވެ. މުމްބާއީގެ ހޮސްޕިޓަލަކުން ސަލްމާން ނުކުތް ވަގުތު، އެތަނުގައި ތިބި ފޮޓޯގްރާފަރުން ސަލްމާންގެ ކުރިއަށް އޮތް ފިލްމު "މާތުރޫބޫމީ"ގެ ނަން ކިޔައި ބާރަށް ހަޅޭއްލަވަން ފެށުމުން، އެކްޓަރު ވަނީ އެކަމާ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން، ސަލްމާން ވަނީ ފޮޓޯގްރާފަރުންނާ ކުރިމަތިލައި އެ އެންމެން މޮޔަވީތޯ ބުނެ ސުވާލު އުފައްދާފައެވެ. މި ހާދިސާއާ ގުޅިގެން އިންސްޓަގްރާމްގައި ކުރި ސިލްސިލާ ޕޯސްޓުތަކެއްގައި ސަލްމާން ވަނީ ފޮޓޯގްރާފަރުންގެ އެ އަމަލަކީ އޭނާގެ އަމިއްލަ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ސަލްމާން ބުނި ގޮތުގައި ހޮސްޕިޓަލެއްގެ ބޭރުގައި އޭނާއަށް ދިމާވެފައިވާ ހިތާމަވެރި ދަނޑިވަޅެއްގައި ނޫސްވެރިން އެކަމާ އުފާކުރާ މަންޒަރު ފެނުމުން ވަރަށް ބޮޑަށް ދެރަވި ކަމަށާއި، އޭނާއަކީ އަބަދުވެސް ނޫސްވެރިންނަށް އެހީތެރިވެ، އެމީހުންގެ ދިރިއުޅުމުގެ ކަންކަމަށް އިހުތިރާމްކުރާ މީހެއް ކަމަށެވެ. ސަލްމާން ޚާން ހޮސްޕިޓަލުގެ ބޭރުގައި ރިޕޯޓަރުންނާ ވާހަކަ ދައްކަނީ--ފޮޓޯ/އެންޑީޓީވީ ނަމަވެސް ސަލްމާންއަށް ކުރިމަތިވެފައިވާ ހިތާމަވެރި ދަނޑިވަޅެއްގެ ބޭނުންކޮށް ޚަބަރު ފަތުރައި ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ، ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި، އެމީހުންގެ އަމިއްލަ އާއިލާއަށް މިފަދަ ކަމެއް ދިމާވުމުން އިހުސާސްވާނެ ގޮތާ މެދު ވިސްނާލުމަށް ސަލްމާން ވަނީ އިލްތިމާސްކުރިއެވެ. ސަލްމާންގެ އެންމެ ފަހު ޕޯސްޓުގައި ބުނެފައި ވަނީ، އުމުރުން 60 އަހަރުވީ ނަމަވެސް، ހައްގު ހޯދަން ހަނގުރާމަ ކުރަން ހަނދާން ނުނެތޭ ކަމަށާއި، ޖަލަށް ލިޔަސް ބިރުނުގަންނާނެ ކަމަށެވެ. ސަލްމާންގެ ފަރާތުން މީޑިއާއަށް ނުރުހުމުގެ ޕޯސްޓުތަކެއް އަމާޒުވެފައި މިވަނީ، އެކަނިވެރިކަމާ ގުޅޭގޮތުން އެކްޓަރު ކުރިން ކުރި ޕޯސްޓެއްގެ ސަބަބުން ސަޕޯޓަރުން ކަންބޮޑުވެފައި ވަނިކޮށެވެ. ނަމަވެސް، އެއީ ސަލްމާންގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ކަމެއް ނޫން ކަމަށް ފަހުން އެކްޓަރު ވަނީ ސާފުކޮށްދީފައެވެ. ސަލްމާން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ "މާތުރޫބޫމީ" އިންނެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ރަސްމީ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ