މަންމަން ޝައިތާނަކަށް ނުވެ ބަސްބުނާށެވެ!

ބުއްދިވެރި ހިކުމަތްތެރި ވާހަކައެއްގައިވެ އެވެ. ޑިކްޓޭޓަރަކު އޭނާގެ އެންމެ އިސް އެހީތެރިއެއްގެ ގޮތުގައި ވަޒީރަކު ކަނޑައެޅުމަށް ބޭނުންވެގެން ދަރުބާރު އެއްކޮށްފައި އެންގިއެވެ. މުޅި ރައްޔިތުންނަށް އަންގާ އިއުލާނުކުރާށެވެ. ގޯންޏެއް ފުރާ މީދާ އަޅައިގެން އެސޮރުމެން ދިރިތިއްބައި މި ދަރުބާރަށް ހާޒިރުކުރާ މީހަކަށް އަހަރެންގެ އެންމެ އިސް އެހީތެރިކަމާއި ދައުލަތުގެ ބޮޑު ވަޒީރުކަން ދޭނަމެވެ. 
ކޮންމެއަކަސް އިސްއެހީތެރިކަމާއި ބޮޑު ވަޒީރުކަން ހޯދަން އެކަމަށް ދަހިލަވާފައި ތިބި މީހުންގަނޑު އުޅެގަތީކީ ތިޔަހެނެއް ނޫނެވެ. ކޮންމެ މީހަކު ގޯންޏެއް ހިފައިގެން މީދާ ހިފަން ނުކުމެއްޖެއެވެ. އެކަމަކު ދިމާވަނީ ވަރަށް ދެރަވަރުކަމެކެވެ. ދިހަވަރަކަށް މީދާ އެއްވާއިރަށް ގޯނި ކާލައިގެން އެސޮރުމެން ބަޗަނީއެވެ. މިކަމެއް ހިނގާތާ އެތައް ދުވަހެއް ފަހުން އެއް ދުވަހަކު މީހަކު މިކަން ކާމިޔާބުކޮށްފިއެވެ. 
ރަސްގެފާނުގެ ދަރުބާރަށް ގޯންޏެއް ފުރާ މީދާ ހިފައިގެން ގޯނި ނިކަން ބާރަށް ދެއަތުން ދެފަރާތަށް ހަލުވަމުން މީހަކު އައިސް ވަދެއްޖެއެވެ. ރަސްގެފާނު އޭނާއަށް ވަރަށް މަތީ ދަރަޖައިގެ ތަރުހީބާއި އިއްޒަތް އަރުވާފައި އެކަން ހާސިލުކުރި ގޮތުގެ ސިއްރަކީ ކޮބާތޯ އަހައިފިއެވެ. އޭނާ ރަސްގެފާނަށް ދެންނެވިއެވެ. އެކަމުގައި ތިމަންނާހެދީ ނިކަން ކުޑަކުޑަ ހީލަތެކެވެ. މީދާތައް ގޯންޏަށް އަޅަމުންދިޔަ އެއްވެސް ވަގުތަކު ގޯނި ދެފަރާތަށާއި މައްޗަށާއި ތިރިއަށް ހެލުވުން ހަމަ އެއްވެސް ވަރަކަށް ހުއްޓާނުލަމެވެ. އެހެންވީމާ އެއްމީދާ އަނެއް މީދަލާ މީދާތައް މީދާތަކައިގެން ސަލާމަތްނުވެވިގެން އުޅެނިކޮށް ތިމަންނާ އެގޯނި ފުރާ މީދާ އަޅައިގެން ހަލުވަމުން ތަޅުވަމުން ދަރުބާރަށް ގެނައީއެވެ. 
ރަސްގެފާނު އޭނާގެ މޮޅު ބުއްދިއާއި މަކަރުވެރިކަން ފެނި އަޖައިބުވެ ރައްޔިތުންގެ މައްޗަށް ބޮޑު ވަޒީރަކު ކަމުގައި އޭނާ އައްޔަންކުރިއެވެ. ޑިކްޓޭޓަރޝިޕަކަށް އެޔަށްވުރެ އިސްއެހީތެރިއަކު ލިބިދާނެތޯއެވެ. އޭނާގެ މައިގަނޑު ސްޓްރެޓެޖީއަކަށްވާނީ، ރައްޔިތުން އެއްބަޔަކު އަނެއް ބަޔަކަށް ގޯނި ތެރޭގައި ހެލުވުމެވެ. އޭރަށް އެންމެން އެއްބައިކިޔާފައި ގޯނި ފަޅާލާނެ ދުވަހެއް ނާންނާނެތީއެވެ. 
ޝައްކެތް ނެތެވެ. އިސްވެ އެދިޔައީ ހިޔާލީ ވާހަކައެކެވެ. އެކަމަކު ވާހަކައަކީ އިސްލާމީ ތަރުބިއްޔަތުގައި ވިސްނައިދިނުމުގެ އެއް ވަސީލަތެވެ. އެހެންވެގެން ދަންނަވާލީއެވެ. އަޅުގަނޑު ހަދާންކޮށްދޭން ބޭނުންވަނީ ސަބައު ސޫރަތުގެ 46 ވަނަ އާޔަތެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް ނަސޭހަތްތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން ﷲ އަށްޓަކައި (ހައްގު މަގު ހޯދުމުގައި) ޤާއިމުވެތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ...."
ދިވެހިން ވިސްނާ ފިކުރުކުރާން ހުރި ކަންކަން ވަރަށް ވެސް ގިނައެވެ. އެބަޔެއްގެ އަމިއްލަ އަތުން އެބަޔަކު އަމިއްލައަށް އެބަޔެއްގެ ކަންކަން އިސްލާހު ނުކުރި ނަމަ، ކަމެއް ރަނގަޅުނުވާނެއެވެ. މިކަން މިހެން ދެނެތިބޭ ހާލު ހަރުކަށިކަމާއި ޑިކްޓޭޓަރުކަމުގެ ކުރިމަތީގައި ބަހެއް ވެސް ނުބުނެ ކިޔަވައިގެން ތިބި މީހުން ހަނުތިބޭ ތިބުމަށް ނިމުން ގެންނާނެ ގޮތެއް އެއީވެސް ވިސްނާފިކުރުކުރާންޖެހޭ ކަމެކެވެ.
އަލްއަޢުރާފު ސޫރަތުގެ 176 ވަނަ އާޔަތުގެ ފަހަތު ބައިގައިވެއެވެ. "...ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ." މިއާޔަތަށް ވިސްނާ ނަޒަރުކުރާއިރު ވާހަކައިގެ ޒަރީއާއިން ކަންކަން ވިސްނައިދިނުމަކީ ކީރިތި ޤުރުއާން މީސްތަކުންނަށް ކަންކަން އަންގައިދިނުމާއި ބުއްދިކުރުމަށް ދައުވަތުދިނުމުގައި ގެނެސްދީފައިވާ އެއް މަންހަޖެވެ.
މިލިޔުމުގެ މިހާ ހިސާބުން ވެސް އަނެއްކާވެސް އަޅުގަނޑުގެ ހިޔާލަށް އަންނަނީ ވާހަކައެކެވެ. އެއްސަހަރެއްގައި އުޅުނު ރަސްކަލަކަށް މީހަކު ދެ ބާޒު ވެދުމަށް އެރުވިއެވެ. ބަގީޗާ ބަލަހައްޓާ މީހާއާ ދެބާޒު ހަވާލުކުރިތާ މަހެއްހާ ދުވަސް ފަހުން އައިސްފައި އެމީހާ ރަސްގެފާނަށް ދެންނެވިއެވެ. އެއް ބާޒު ނިކަން ނަލަކޮށް އުދުހިއުޅެއެވެ. އަނެއް ބާޒު ހަމަ ގަހެއްގެ ގޮފިގަނޑުގައި އިށީނދެގެން އިންނަނީއެވެ. 
ރަސްގެފާނު މިކަމާ ފިކުރުބޮޑުވެގެން ކަމުގެ މާހިރަކު ގެނެސްފައި އެކަން ހައްލުކުރުމަށް ހަވާލުކުރިއެވެ. މީނާއާ މިކަމެއް ހަވާލުކުރެވުނުތާ ގަޑިއެއްހާއިރު ނުވަނީސް ބާޒު އުދުހޭތަން ފެންނާން ފަށައިފިއެވެ. ރަސްގެފާނު އޭނާ ގެނެސްފައި  އެކަންކުރި ގޮތް ކިޔައިދޭން ވިދާޅުވުމުން އޭނާ ދެންނެވިއެވެ. އެކަން ކުރީ ނިކަން ފަސޭހަ ކަމާއެކުގައެވެ. ބާޒު އިށީނދެގެން އިންނަ ގޮފިގަނޑު އަހަރެން ކަނޑާލީއެވެ. ދެން ނުއުދުހި ވާނެ ހަމަ އެއްވެސްގޮތެއް އެސޮރަށް ނެތުނީއެވެ. 
ގައުމެއް އިސްލާހުކުރެވޭނީ އެގައުމެއްގެ ނަގާކިޔަންތިބި ބޮޑެތި މީހުން އެކަމާ އުޅެގެންނެވެ. ދިވެހިރާއްޖެ ވެއްޓިފައި މިވާ އަނދަވަޅުން އަރައިގަނެވޭނީ ތަންދޮރު ދަންނަ ކިޔަވައިގެން ތިބި މީހުން ކޮރަޕްޝަނާއި ފަސާދައިގެ ކުރިމަތީގައި ނިކަން ކެރިތިބެގެން މޫނަކަށް ކަނދުރާއަކަށް ނުބަލާ ބަސްބުނެގެންނެވެ.
ދިވެހި ރައްޔިތުންނަށް އެރެވިފައިމިވާ ގޯނިގަނޑު ފަޅާލާފައި ނުކުމެގަނެވޭނީ އަނިޔާވެރިކަމާއި ޑިކްޓޭޓަރުކަމުގެ މައްޗަށް ބިނާކޮށްފައިވާ ސިޔާސީ ފަސާދައާ ކިޔަވައިގެންތިބި މީހުން ނިކަން ކެރިގެން ކުރިމަތިލައިގެންނެވެ. ހޯދަންވީ ކިޔަވައިގެން ތިބި ތަންދޮރު ދަންނަ މީހުން އިށީނދެގެން އެތިބަ ގޮފިގަނޑު ކަނޑާލަން އެނގޭނެ އަދި ކެރޭނެ ސިޔާސީ ލީޑަރެކެވެ.
ބުއްދިވެރިޔަކު ވިދާޅުވެފައިވެއެވެ. ހައްގު ބަސް ބުނަންވެއްޖެނަމަ ބިރުން ވައިއަޑުން އެވާހަކަ ދައްކާއުޅޭ، އެކަމަކު ފަސާދައިގެ ކަމެއް ނަމަ މަމޮޅުވެފައި އަޑުހަރުކޮށް އެވާހަކަދައްކާ އަޑުއިވޭ، އެތައް ހާސް ފަހަރަކު ހަމަ އެއްދޮގުތަކެއްގެ މައްޗަށް ބިނާކުރާ ދޮގު ސިޔާސީ ވައުދުތަކަށް ހެއްލޭ، މުޖުތަމައެއް ފެނިއްޖެނަމަ އެ މުޖުތަމައަކާ މެދު ދަންނާށެވެ! ޑިކްޓޭޓަރުކަން އެ މުޖުތަމައެއްގެ ސިކުނޑިއާއި ކަރާމާތް އެވަނީ ތާއަބަދަށް ނައްތާ ނަގާލާފައެވެ.
އާލްޢިމްރާން ސޫރަތުގެ 104 ވަނަ އާޔަތް ހަނދާންކުރާށެވެ! "ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެމީހުންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."
އަރަބި ހަރުބަހުގައިވެއެވެ. ހައްގު ބަސް ނުބުނެ ހަނު ހުންނަ މީހަކީ މަންމަން ޝައިތާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ