ރާއްޖޭގެ ކުޅިތައް ހިމާޔަތްކުރަން އީޔޫއިން 4 މިލިއަން ޔޫރޯގެ ހިލޭ އެހީއެއް ދީފި
މޫސުމީ ބަދަލުތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހިރާއްޖެއަށް ހަތަރު މިލިއަން ޔޫރޯގެ ހިލޭ އެހީއެއް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. "މުޖުތަމައު ބައިވެރިކޮށްގެން ރާއްޖޭގެ ކުޅިތައް ހިމާޔަތްކޮށް އާލާކުރުން" މި ނަމުގައި ހިންގާ މަޝްރޫއުގެ ފައިނޭންސިން އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން ސޮއިކުރެއްވި އެއްބަސްވުން ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ، އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާރިއާ ކާމެން މޮރޭނޯ ރޭމުންޑޯގެ ފަރާތްޕުޅުން، އީޔޫ ޑެލިގޭޝަންގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޖޮހާން ހެސޭއެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއި އީޔޫ ޑެލިގޭޝަންގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ. ހިމާޔަތްކުރުމަށް ނިންމައިފައިވާ ލ. މާބައިދޫ ކޯރު-- ފޮޓޯ/ ރާއްޕެ ފޮޓޯގްރަފާ މި އެއްބަސްވުމުގެ ދަށުން އީޔޫއިން ފޯރުކޮށްދޭ ހަތަރު މިލިއަން ޔޫރޯގެ ހިލޭ އެހީ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ، ދިރުންތައް ރައްކާތެރިކުރުމަށާއި، އައްސޭރިފަށް ހިމާޔަތްކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމުގައި ކުޅިތަކުން އަދާކުރާ ދައުރު ފުޅާކުރުމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ ރަށު ފެންވަރުގައި މުޖުތަމައުގެ ބައިވެރިވުމާއެކުގައެވެ. ޚާރިޖީ ވުޒާރާއިން ނެރުނު ގުޅިފައިވާ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އެހީއަކީ ޕެރިސް އެގްރީމަންޓްގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ނޭޝަނަލީ ޑިޓަމިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) 3.0 ތަންފީޒުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހާއްސަކޮށް އައްސޭރިފަށުގެ ސަރަހައްދުތަކުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން މޫސުމީ ބަދަލުތަކަށް ހޭނުމަށް ރައްޔިތުން އިސްވެ ކުރާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ބާރުލިބިގެންދާނެއެވެ. އެއްބަސްވުން ބަދަލުކުރުމަށް ފަހު ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝެރީނާ ވަނީ، ތަފާތު އެކި ދާއިރާތަކުން ރާއްޖެއަށް އީޔޫއިން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްސަކޮށް މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގައި އީޔޫގެ ދައުރު އޭނާ ފާހަގަކުރެއްވިއެވެ. "ޔޫރަޕިއަން ޔޫނިއަނަކީ ތަފާތު އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް. ހާއްސަކޮށް މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ކަނޑައަޅާފައިވާ އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އީޔޫއިން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރުވެރިވަން" ޝެރީނާ ވިދާޅުވިއެވެ. އައްސޭރިފަށުގެ ނިޒާމުތައް ހިމާޔަތްކުރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި ސިޔާސަތުތައް އިސްލާހުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޑރ. ޖޮހާން ހެސޭ ވިދާޅުވީ، ކުޅިތަކަކީ އައްސޭރިފަށް ހިމާޔަތްކޮށްދީ، ދިރުންތައް ރައްކާތެރިކޮށްދީ އަދި ކާބަން ރައްކާކޮށްދޭ މުހިންމު ތަންތަން ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ރަށު ފެންވަރުގައި ހުރި ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ލަފާކުރެއެވެ. ރާއްޖޭގެ ރަށްރަށުގެ ފެންފަށަލަ ހިމާޔަތްކުރުމުގައާއި، އުދައެރުން ފަދަ ކާރިސާތަކުން ރަށްރަށް ސަލާމަތްކުރުމުގައި ކުޅިތަކާއި ފުރަބަދަތައް މުހިންމު ދައުރެއް އަދާކުރާއިރު، ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމުގައި އާންމުންގެ ބައިވެރިވުން މި މަޝްރޫއުގެ ތެރެއިން އިތުރުވެގެންދާނެއެވެ. މިއީ މޫސުމީ ބަދަލުތަކާ ގުޅިގެން ވެފައިވާ ވައުދުތައް އަމަލީ ގޮތުން ތަންފީޒުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއާއި އީޔޫއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅެކެވެ. ކުރިއަށް އޮތް ތާނގައި މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ރަށްރަށުގައި ފެށިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ