ސްކޫލް ކުދިންގެ ކުޅިވަރު މުބާރާތްތަކަށް އާ އޮނިގަނޑެއް: އެސޯސިއޭޝަންތަކާއެކު މަޝްވަރާ ފަށައިފި

ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭ ކުޅިވަރު މުބާރާތްތަކުގެ އަދަދު ކަނޑައެޅުމަށާއި، އެ މުބާރާތްތައް ކުރިއަށްގެންދާނެ އާ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ފަށައިފިކަމަށް ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މި ބަދަލުތަކަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެހެން، ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތު ހަރުދަނާ އުސޫލެއްގެ ދަށުން ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި އާ އޮނިގަނޑު އެކުލަވާލުމަށްޓަކައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މަންދޫބުން ހިމެނޭހެން ހާއްސަ ކޮމެޓީއެއް މިހާރު ވަނީ އުފައްދާފައެވެ.
ކުޑަ އުމުރުގައި ”ފެސްޓިވަލް“ އުސޫލުން ކުޅިވަރު ކުރިއަށް ގެންދިއުން
މި ކޮމެޓީގެ މައިގަނޑު މަގުސަދަކީ ކުދިން ކުޑައިރު ގިނަ ކުޅިވަރުތަކެއް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އެގޮތުން، ވަކި އުމުރުފުރާތަކަކަށް ހާއްސަކޮށްގެން މުބާރާތްތައް ބޭއްުމުގެ ބަދަލުގައި، ”ފެސްޓިވަލް“ އުސޫލުން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ ސަބަބުން ކުޑަ އުމުރުގައި މާ ބޮޑު ވާދަވެރިކަމެއްގެ ތެރެއަށް ކުދިން ވައްދާލުމުގެ ބަދަލުގައި، ކުޅިވަރުގެ އަސާސްތަކަށް އަހުލުވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ވާދަވެރި ފެންވަރެއްގައި މުބާރާތްތައް ފަށާނެ އުމުރުފުރާތައް ވަކިން ކަނޑައެޅުމަށްވެސް މި މަޝްވަރާތަކުގައި ވަނީ ނިންމާފައެވެ.
ހުނަރުވެރި އެތުލީޓުން އުފެއްދުމަށް މަގުފަހިވުން
މި ބަދަލާއެކު، ކުދިންނަށް އެކި ކުޅިވަރުތައް ތަޖުރިބާކުރުމަށްފަހު، އެ ކުއްޖަކު އެންމެ ހުނަރުވެރި ނުވަތަ ޝައުގުވެރިވާ ވަކި ކުޅިވަރަކުން ކުރިއަށްދިއުމުގެ މަގު ފަހިވެގެންދާނެއެވެ. ވަޒީރު ވިދާޅުވީ، މި އާ އޮނިގަނޑުގެ ސަބަބުން ސްކޫލް ކުދިން ކުޅިވަރުގެ ތެރޭގައި ހޭދަކުރާ ވަގުތާއި ކިޔެވުމުގެ ވަގުތު މުނާސަބު ގޮތެއްގައި ތަރުތީބު ކުރެވި، ގައުމީ ފެންވަރުގައި ހުނަރުވެރި އެތުލީޓުން އުފެއްދުމަށް އިތުރު ބާރަކަށް ވާނެ ކަމަށެވެ.
މި މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް ތަނުގައި ސްކޫލް މުބާރާތްތައް ބާއްވާނެ ގޮތުގެ ތާވަލާއި އުސޫލުތައް އާންމުކުރާނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ