ސާފް 20 އަހަރުން ދަށުގެ މުބާރާތް: ފުރަތަމަ މެޗުގައި ނޭޕާލުން ބޫޓާން ބަލިކޮށްފި ސާފް 20 އަހަރުން ދަށުގެ މުބާރާތް: ފުރަތަމަ މެޗުގައި ނޭޕާލުން ބޫޓާން ބަލިކޮށްފި

މާލޭގައި މިއަދު ފެށި ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ގްރޫޕް އޭގެ ފުރަތަމަ މެޗުން ނޭޕާލުން 2-1 އިން ބޫޓާން ބަލިކޮށް މުބާާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެެވެ.
ގްރޫޕް އޭގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ، މުބާރާތް ހޯސްޓްކުރާ ރާއްޖޭގެ އިތުރުން ސްރީ ލަންކާ އެވެ. މިރޭ، 20:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ލަންކާ އާއި ރާއްޖެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ނޭޕާލުން އަވަސް ކުޅުމަކާ އެކު ފަށަައި، ލިބޭ ފުރުސަތުތަަކުގައި ބޫޓާންގެ ފަހަތަށް ބާރުބޮޑުކުރަން ފެށި އެވެ. އެ ގޮތުން، މެޗުގައި، ނޭޕާލުން ލީޑުނެގި ލަނޑު ޖެހީ، ހަތް ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާތެރެއިން ލިބުނު ޖެހުމަކުން، ނޭޕާލްގެ ސުޖަން ޑަންގޯލް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާ އެކު ލިބުނު ލީޑުގައި އޮވެގެން ނޭޕާލުން ފުރަތަމަ ހާފުގައި ކުރީގައި އޮވެގެން ނިންމާލި އެވެ.
ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނިޓްގައި ނޭޕާލުން ވަނީ ލީޑުފުޅާކޮށްފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި އޭރިއާބޭރުން ނޭޕާލުގެ ސުބާޝް ބާމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަހުން، ވެސް ނޭޕާލަށް އިތުރު ގޯލުތަކެއް ޖަހަން ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ.
މެޗުގައި ބޫޓާނުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ 83 ވަނަ މިނިޓްގަ އެވެ. ބޫޓާނުން ރަނގަޅު ޕާސިން ކުޅުމަކާ އެކު، ނޭޕާލްގެ އޭރިއާތެރެއިން ޖާގައެއް ތަނަވަސްކުރިއިރު، މި ލަނޑު ޖެހީ، ދެންޑަޕް ގެޔެސްޓެން އެވެ. އޭރިއާތެރެއިން އޭނާ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އިތުރު ގޯލެއް ޖަހައި، އެއްވަރުކުރެވޭތޯ ބޫޓާނުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ނޭޕާލުން ކުޅޭ ދެ ވަނަ މެޗުގައި ބުދަ ދުވަހު ހަވީރު ސްރީ ލަންކާއާ ބައްދަލުކުރާއިރު، ބޫޓާނުން ދެ ވަނަ މެޗުގައި ބުދަ ދުވަހުގެރޭ ރާއްޖެއާ ކުޅޭނެ އެވެ.
ގްރޫޕް ބީގައި ހިމެނެނީ، ބަންގްލަދޭޝް، ޕާކިސްތާން އަދި އިންޑިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ