ސްޕޯޓްސް ފިޝިންގްއާއި ސްޕިއަރ ފިޝިންގް ފަދަ ދާއިރާތަކަށް އިސްކަންދީގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވާ މި ސިނާއަތް ސިންދަފާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
ރާއްޖެއަކީ %99 ކަނޑު އޮންނަ ޤައުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ވަކިން ޚާއްސަކޮށް ސްޕޯޓްސް ފިޝިންގްފަދަ ދާއިރާތަކަކީ މިހާތަނަށް ރެގިއުލޭޓް ކުރެވިގެން ސީދާ ފޯކަސްއެއް ދެވިގެން ކުރިއަށްގެންދާ ދާއިރާތަކެއް ނޫން ކަމަށެވެ.
ވަޒީރު ޠާރިޤު ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ފިޝިންގް ޓޫރިޒަމް މާކެޓަކީ 2025 ވަނަ އަހަރާ ހަމައަށް އައިރު ގާތްގަނޑަކަށް 90 ބިލިޔަން ޑޮލަރުގެ އަގުހުރި މާކެޓެކެވެ. އަދި 2035 ވަނަ އަހަރާ ހަމައަށް މި އަދަދު 252 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ސްޕޯޓްސް ފިޝިންގްއަށް އަންނަ ފަތުރުވެރިންގެ %55 ވުރެ ގިނަ މީހުން ބޭނުންވަނީ ފުން ކަނޑުތަކުގައި މަސްވެރިކަން ކުރަން ކަމަށެވެ. އެހެންކަމުން، ބިގް ގޭމް ފިޝިންގްއަކީ މި ސެގްމަންޓުގެ އެންމެ ބޮޑު ބައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި މީގެ 40 އަހަރު ކުރިން މަނާކޮށްފައިވާ ސްޕިއަރ ފިޝިންގް ނުވަތަ ބަޑިޖަހައިގެން މަސްހިފުމުގެ ހަރަކާތްތައް އަލުން ހުއްދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ވަޒީރު ވިދާޅުވީ ސްޕިއަރ ފިޝިންގް މާކެޓަކީ އަހަރަކު %7.4 ގެ ކުރިއެރުމެއް ހޯދަމުންދާ، 1.12 ބިލިޔަން ޑޮލަރުގެ ބޮޑު މާކެޓެއް ކަމަށެވެ. މިކަމަށް ހުޅުވާލުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑައިވިންގް ދާއިރާއަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ޓެކްނިކަލް އަދި ރެކްރިއޭޝަނަލް ޑައިވިންގްއަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
"ރެކްރިއޭޝަން ޑައިވިންގަ ހަމައެކަނި 30 މީޓަރަށް ދެވޭނީ. އެހެންނަމަވެސް މިކަމަށް ހުޅުވާލެވިގެންދާނީ 40 މީޓަރަށްވެސް ޑައިވެކުރެވޭނެ އިންތިޒާމުތަކާވެސް އެކީގައި. ވަރަށް އަވަހަށް މިކަމާ ބެހޭ ޓެކްނިކަލް މަސައްކަތްތައް ނިންމާ ޑައިވިން ސްކޫލްތަކާއި އެއްކޮށް މަސައްކަތްކޮށް އެ ހުއްދަތަށް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ. މިވެސް ހަމަ ގާތްގަނޑަށް 5.2 ބިލިޔަން ޑޮލަރުގެ މާކެޓެއް. އެެހެންމަ އެކަންތައްވެސް ވަރަށް އަވަހަށް ހުޅުވާލެވިގެންދާނެ." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި، ލިވަބޯޑު އޮޕަރޭޓަރުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާއި، ހަލާލް ޓޫރިޒަމް، އެޑިއުކޭޝަން ޓޫރިޒަމް އަދި ރިސާޗް ޓޫރިޒަމް ތަރައްޤީކުރުން ހިމެނޭ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ސްޕޯޓްސް ފިޝިންގް ފަދަ ދާއިރާތަކުން ފަތުރުވެރިކަން ސިންދަފާތުކުރަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ