ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލައި، މި މަޖިލީހުގެ ދައުރު ކުރުކޮށްލަން ހުށަހަޅައިފި

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފިއެވެ. ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. އެއާއެކު، އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހަޅުއްވާފައިވެއެވެ. އޭރުން 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، 21ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ އެ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހެވެ. އަދި މިހާރު ހިނގާ 20ވަނަ މަޖިލިސް އެ ދުވަހު އުވޭނެއެވެ. ފާހަގަކުރެވޭ ގޮތުގައި ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އޭރު ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމުން ކަމަށެވެ. އެގޮތުން މަޖިލިސް އިންތިޚާބު ނިމުނުއިރު 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ދެ ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށް ރައީސް ވިދާޅުވިއެވެ. "ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްވާނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެކު އެކީގައި ބޭއްވުމުން،" ރައީސް ވިދާޅުވިއެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ