ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މާދަމާ ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ”އެކްސް“ގައި މިރޭ ވިދާޅުވީ، މި އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މާދަމާ ހެނދުނު 10:00ގައި އޮންނާނެ ކަމަށެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު، ރައްޔިތުންގެ މަޖިލިސް ހުޅުއްވަވައި ދެއްވައި، ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި މާޗު މަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ފައްޓަވާނެކަމުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދަތުރެއް ކުރަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
އަދި ހަމަ އެހެންމެ، މި އަހަރުގެ މާޗު މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސް، ހަފުތާއަކު އެއް ފަހަރު، އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ބައްދަލުވުންތަކުގެ ތާވަލު ރައީސް އޮފީހުން ހާމަކުރައްވަމުން ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވައުދުފުޅާ އެއްގޮތަށް، ރައީސް މާދަމާ ނޫސްވެރިންނާ ބައްދަލު ކުރައްވަން ފައްޓަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ