ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގައި އިމާރާތް ކުރާ ފްލެޓްތަކުގެ ކުލި ހުންނާނީ ގާތްގަނޑަކަށް 10،000 ރުފިޔާގައިކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ 1224 ޔުނިޓުގެ މަސައްކަތް ފަށާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ބޭންކާ ގުޅިގެން މިފަދަ މަޝްރޫއުއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް އަތްފޯރާފަށުގައި، އެފޯޑަބަލް ހައުސިން ކެޓަގަރީގައި ހިމެނޭ މީހުންނަށް ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވަހިކަން ހަމަޖައްސައިދިނުން ކަމަށެވެ.
ބީއެމްއެލްއިން އަޅާ ފްލެޓުތަކުގެ ކުލި އަދި މުޅިން ފައިނަލް ނުކުރި ނަމަވެސް ބޭންކުން މިހާރު ހަދަމުން އަންނަ ހިސާބުތަކުގެ އަލީގައި ލަފާކުރެވޭ އަދަދެއް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން ގާތްގަނޑަކަށް 10 ވަރަކަށް ހާސް ރުފިޔާގެ ހިސާބުގައި ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި ހަމަޖެހިގެންދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް 10 ވަރަކަށް ހާސް ރުފިޔާގެ ހިސާބުގައި ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި ހަމަޖެހިގެންދިއުމަކީ އެކަށީގެންވާ ކަމެއް، އަޅުގަނޑުމެން މިހާރު ހިސާބުކުރަމުންދާ ވަރުން ބަލާއިރު. ބާޒާރުގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި އުޅެނީ 25،000ރުފިޔާއާއި 30،000ރުފިޔާއާ ދެމެދުގައި. އެހެންވީމަ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ. އަނެއްކާ މުޅިން މި ހަދަނީ ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓުތައް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ، އައިއެންއޭއެޗުގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާރޓްމަންޓުތަކެކެވެ.
• ހުޅުމާލެ ފޭސް 3: 1224 ހައުސިން ޔުނިޓް، ސީ.އެމް.އީ.ސީ
• ހުޅުމާލެ ފޭސް 3: 1190 ހައުސިން ޔުނިޓް، ބީ.ޔޫ.ސީ.ޖީ
• ހުޅުމާލެ ފޭސް 1: 364 ހައުސިން ޔުނިޓް، އަމީން ކޮންސްޓްރަކްޝަން
• ހުޅުމާލެ ފޭސް 1: 182 ހައުސިން ޔުނިޓް، އެފް ޑަންލިއު ކޮންސްޓްރަކްޝަން
• ވިލިމާލެ: 300 ހައުސިން ޔުނިޓް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން
މި މަޝްރޫޢުގައި ދޫކުރާ ޔުނިޓުތަކަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ބީއެމްއެލްގެ ހައުސިން މަޝްރޫޢުގެ ޔުނިޓްތައް އިމާރާތްކުރާނީ، މިދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަޤުވާމީ އަދި ރާއްޖޭގެ ކުންފުނިތަކުންނެވެ. އެގޮތުން ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން ސީއެމްއީސީގެ އިތުރުން މި މަޝްރޫއުގެ ފްލެޓްތައް އިމާރަތްކުރާ ކުންފުނިތަކަކީ، ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.
މި މަޝްރޫޢުތައް ނިމުމުން ހުޅުމާލެ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3260 ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރެވޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. އަދި މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
ބީއެމްއެލްގެ އަމާޒަކީ މި ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލުމެވެ.
އަގުހެޔޮ ފްލެޓުތަކުގެ ކުއްޔަކީ ގާތްގަނޑަކަށް 10،000 ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ