ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލާގޮތަށް ބަދަލުކުރިޔަސް، މަޖިލީހުގެ ދައުރު ދިގުކުރެވިދާނެ ހާލަތެއް ގާނޫނުއަސާސީގައި މިހާރު ވެސް އޮތުމުން، އެ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ މަގުސަދު ހާސިލުނުވާނެ ކަމަށް، އާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން އަދި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ބިލު ތަސްދީގުކުރަން ވަނީ ފޮނުވާފަ އެވެ.
އެކަމަކު އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ.
އެހެންވެ، މިދިޔަ މަހުގެ 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނަގަން ނިންމާފައިވަނީ އަންނަ މަހުގެ 4ގަ އެވެ.
ބުނީ ކީކޭ؟ - އާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން އަދި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއިލް އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހުގެ 4ގައި އޮންނަ ހިޔާލު ހޯދުމުގެ ވޯޓުގައި އެ އިސްލާހު ފާސްކުރަން ވޯޓުނުދެއްވާނެ ކަމަށެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހެއް ގެނެސް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރުވަމުންދާ މައިގަނޑު ސަބަބަކީ، ރިޔާސީ އިންތިހާބާ މަޖިލިހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ކަމަށްވާއިރު، މި ބަދަލު ގެނައުމުން އެކަން އެގޮތަށް އަބަދުވެސް ކުރެވޭނެތޯ ސުވާލު އުފެދޭ ކަމަށެވެ.
"ޖަވާބަކީ ނޫނެކެވެ. ސަބަބަކީ، ރައްޔިތުންގެ މަޖިލިހުގެ އުމުރަކީ 5 އަހަރު ކަމަށް ވިޔަސް، ބައެއް ހާލަތުގައި 6 އަހަރަށް ދިގުދެމިގެންދާނޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެފައި އޮތީމައެވެ. އެ ހާލަތުގައި ވާނީ ކިހިނެއް ހެއްޔެވެ؟،" އިބްރާހިމް އިސްމާއިލް ސުވާލު އުފެއްދެވި އެވެ.
މަޖިލީހުގެ އުމުރު ދިގުދެމިގެންދާނެ ހާލަތެއް ގާނޫނުއަސާސީގައި ވާކަމަށް އިބްރާހިމް އިސްމާއިލް އެ އިޝާރާތްކުރައްވަނީ، ގާނޫނުއަސާސީގެ 80 ވަނަ މާއްދާ އަށެވެ. އެ މާއްދާގައިވާ ގޮތުން، ގާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، އާންމު އިންތިހާބެއް ބޭއްވުމަށް ދަތިވެއްޖެ ނަމަ، މަޖިލީހުގެ އުމުރު އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް އިތުރުކުރުމުގެ ގަރާރެއް އެ މަޖިލީހުން ފާސްކުރެވިދާނެ އެވެ.
"ރައީސްއާ މަޖިލިސް މެންބަރުން އެއް ދުވަހަކު ބާއްވާ އިންތިހާބަކުން 5 އަހަރަށް އިންތިހާބު ކޮށްފައި އޮއްވައި، މި ބުނި [ގާނޫނުއަސާސީގެ 80ވަނަ މާއްދާގައި ބުނާ] ހާލަތުގައި މަޖިލިހުގެ މުއްދަތު 6 އަހަރަށް ދިގު ދެމިގެން ދިޔައީމާ، ރިޔާސީ އިންތިހާބު 5 އަހަރު ފަހުން ބޭއްވުން ލާޒިމު ވާއިރު، މަޖިލިހުގެ އިންތިހާބު ބޭއްވޭނީ 6 އަހަރު ފަހުންނެވެ. އެއަށްފަހު ދެން އަނެއްކާވެސް އެ ދެ އިންތިހާބު އަބަދުވެސް އޮންނާނީ އެއް އަހަރުގެ ތަފާތަކާއެކުގަ އެވެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވިގޮތުން:
ގާނޫނުއަސާސީ އެކުލަވައިފައި އޮތް ގޮތާއި، މަގްސަދުތައް ރަނގަޅަށް ނޭނގިތިބެ، ނުވަތަ އެކަން އެނގިތިބެ ނުބައި ނިޔަތުގައި، އިރުއިރުކޮޅާ އެކި ގޮތްގޮތަށް، ތަންތަންކޮޅު ބަދަލުކުރާނަމަ، ބޮޑެތި މައްސަލަތައް ދިމާވާނެ
ހެޔޮ ގޮތަކީ އެ އޮތްގޮތަށް ބާއްވައިގެން، އެ ހިންގޭތޯ ބެލުން
މިހާރު މި ކުރެވޭ ކަމަކީ، ސިޔާސީ ވަކި މަގުސަދެއް މި ވަގުތަށް ހާސިލް ކުރުމަށް، އިންތިގާލީ ހާލަތެއް ނެތި، އިންތިގާލީ ކަމެއް ކުރުން؛ ގާނޫނުއަސާސީ އެކަމަކަށް ތަނެއް ނުދޭ
މި ބަދަލު މިއޮތްގޮތަށް ގެނެސްފިނަމަ، ގާނޫނުއަސާސީއިން ކަށަވަރު ކުރި ހައްގުތައް ގެއްލި، ހުދުމުހުތާރު ވެރިކަމަކަށް އަނެއްކާވެސް ފުރޮޅުމުގެ މަގު ހުޅުވޭނޭ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން، ދިވެހި ރައްޔިތުން ވެސް އެ ވޯޓަށް ނޫނެކޭ ބުނުމަށް އިލްތިމާސްކުރެއްވި އެވެ.
"ވަރަށް ފުންކޮށް ވިސްނުމަށްފަހު، މި އިސްލާހަށް ވޯޓު ނުދޭން ނިންމައިފީމެވެ. ގާނޫނުއަސާސީގެ ޑްރާފްޓް އެކުލެވި ކޮމިޓީގެ 283 ޖަލްސާގެ ތެރެއިން 282 ޖަލްސާގެ ރިއާސަތު ބެލެހެއްޓި މީހާގެ ހައިސިއްޔަތުން، މި އިސްލާހަށް ނޫނެކޭ ބުނުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް އަހުރެން އިލްތިމާސްކުރަމެވެ،" އިބްރާހިމް އިސްމާއިލްގެ ޕޯސްޓުގައިވެ އެވެ.
ގުޅުންހުރި ކަމެއް - ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައި ބޮޑެތި ފުށޫއެރުންތަކެއް ހުރުމުން، އެ ބިލު ބާތިލުކުރުމަށާއި އެކަމާގުޅޭ ހިޔާލު ހޯދުމުގެ ވޯޓު ބޭއްވުން ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލަތަކެއް ވެސް ހުށަހަޅާފަ އެވެ.
ގާނޫނުއަސާސީ އޮތް ގޮތުން 2 އިންތިހާބު އެއްކޮށްލުމުގެ މަގުސަދު ހާސިލެއްނުވާނެ: އިބްރާހިމް އިސްމާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ