މިނިވަން މުއައްސަސާތައް އިތުރަށް މިނިވަންކުރަން އެ ތަންތަނާ ނުބެހޭ: ސޯލިހު

ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް އިތުރަށް މިނިވަން ކުރުމުގެ ނަމުގައި އެތަންތަނާ އިތުރަށް ނުބެހި، މިހާރު ހުރި ވަރުގައި އެތަންތަން ބެހެއްޓުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ރޭ ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ޝަރުއީ ދާއިރާ މިނިވަންކޮށް، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވުން ނިމުނީ ކަމަށެވެ.
އެއަށް ފަހު، މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާ އަދި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އަދިވެސް އިތުރަށް ކަށަވަރުކުރަންޖެހޭ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ ގާނޫނުތަކަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - އައްޑޫގައި ރޭ ބޭއްވި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ހަރުއަޑުން ރައީސް މުއިއްޒު ވިދާޅުވި ވާހަކަތައް އޭރު އެ މަނިކުފާނު ގަބޫލުކުރެއްވި ކަމަށެވެ. ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވިދާޅުވުމުން އެ ވާހަކަ ވެސް ގަބޫލުކުރެއްވުނު ކަމަށް ސޯލިހު ވިދާޅުވި އެެވެ.
އެކަމަކު، އަނެއްކާވެސް ޝަރުއީ ދާއިރާގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކުރަން ގާނުނުތަކަށް އިސްލާހު ގެންނަ ވާހަކަ ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ސޯލިހު ފާޑުވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ރަނގަޅީ އެކަންތައްތަކާއި އެބޭފުޅުން [ސަރުކާރުން] ދެން ބެހިވަޑައިނުގަތިއްޔާ. އިހަށް މިއޮތް ވަރަށް ބާއްވާ. 2028 ވަނަ އަހަރު ރައްޔިތުން ގޮތް ނިންމާނެ. ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ހަމަ ޔަގީން މިވެރިކަމަށް އާއެކޭ ނުބުނާނެ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން މަސައްކަތްކުރަމުންދަނީ ވެސް 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަން ސަރުކާރަށް ޔަގީންވާތީ ކަމަށެވެ. އެއީ ރައްޔިތުންގެ އިތުބާރު ރައީސް މުއިއްޒަށް ގެއްލިފައިވާކަން އެނގިވަޑައިގަންނަވާތީ ޖަހާ މަޅިއެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޝަރުއީ ދާއިރާއަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ އެވެ. އެކަމަކު، ސަރުކާރާ ދެކޮޅު މައްސަލަތައް ކޯޓުތަކުގެ މަޑުޖެހިފައި އޮތުމާއި އެ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ ބެންޗަށް ވެސް ބަދަލުތަކެއް ގެނެސް، ބައެއް ފަނޑިޔާރުން ވަކިކޮށްފައިވާތީ އިދިކޮޅުން ތުހުމަތުކުރަނީ ޝަރުއީ ދާއިރާއަށް އޮތް ސަރުކާރުގެ ނުފޫޒު މިހާރު ވަކިން ބޮޑު ކަމަށެވެ.
މީގެ އިތުރުން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް، އެ ބަދަލުތައް ގެނައުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާއިރު ޖޭއެސްސީގެ ކޮންޓްރޯލް ވެސް މިވަގުތު އޮތީ ސަރުކާރުގަ އެވެ.
ވަކި ފަނޑިޔާރުންތަކަށް އަމާޒުކޮށް ޖޭއެސްސީން މައްސަލަތައް ބަލަމުންދާކަމުގެ ތުހުމަތުތައް ވެސް ކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ