ކަތުމަންޑޫ، ނޭޕާލް (މާޗް 26) - ނޭޕާލްގެ ސަރުކާރުގެ ފަރާތުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް، ނޭޝަނަލް ސްޕޯޓްސް ކައުންސިލުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (އަންފާ) ތިން މަސްދުވަހަށް ސަސްޕެންޑް ކުރަން ނިންމައިފި އެވެ.
ސްޕޯޓްސް ކައުންސިލްގެ މި ނިންމުމާ އެކު، ސަރުކާރުގެ ނުފޫޒު ނޭޕާލްގެ ފުޓްބޯޅަ އަށް ފޯރި ކަމަށް ނިންމައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ނޭޕާލް ސަސްޕެންޑް ކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.
އެ ގޮތުން، ސްޕޯޓްސް ކައުންސިލްގެ ހިންގާ ގަވާއިދުން ލިބިދޭ ބާރުގެ ބޭނުންކޮށް އަންފާ ސަސްޕެންޑް ކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ، ދާދި ފަހުން ބާއްވަން މަސައްކަތްކުރި އަންފާގެ އިންތިހާބުގެ ކަންކަން ސްޕޯޓްސް ކައުންސިލުން ދިން ލަފަޔާ އެއްގޮތަށް ކުރިއަށް ނުގެންދިއުމުންނެެވެ. ފެބްރުއަރީ 11 ގައި ބާއްވަން ނިންމި އަންފާގެ އިންތިހާބު ނޭޕާލުގެ ޕަޓާން ހައި ކޯޓުން ޖެނުއަރީ މަހު ނިންމި ނިންމުމާ އެއްގޮތަށް ހުއްޓިފައި އޮތް ނަމަވެސް، އަންފާ އިން މަސައްކަތް ކުރަމުން އައީ މާދަމާ އެ އިންތިހާބު ބޭއްވުމަށެވެ.
އެކަމަކު، އިއްޔެ ސްޕޯޓްސް ކައުންސިލުން މި ވަނީ އަންފާ ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑްކުރަން ނިންމީ، އަންގާރަ ދުވަހު، އަންފާ އަށް ޖަވާބުދާރީވާން ދިން 24 ގަޑިއިރުގެ މުހުލަތުގެ ތެރޭގައި އެކަން ކޮށްފައިވަނީ، ސްޕޯޓްސް ކައުންސިލުން ލަފާ ދޭ ގޮތާ އެއްގޮތަށް ކަމަށްނުވާތީ އެވެ.
ސްޕޯޓްސް ކައުންސިލުން ތިން މަހަށް އަންފާ ސަސްޕެންޑްކުރުމާ އެކު، މި މުއްދަތުގައި އަންފާ އިން ބާއްވާ އެއްވެސް މުބާރާތެއް ބަލައިނުގަންނަން ނޭޕާލް ސަރުކާރުން މި ވަނީ ނިންމައިފަ އެވެ.
ސަރުކާރުން އަންފާ ހިންގުމަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށް ސްޕޯޓްސް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި، އެ ކަމަށް ބަލައި، ފީފާ އިން އަންފާ ސަސްޕެންޑްނުކުރާނެ ކަމަށް ސްޕޯޓްސް ކައުންސިލުން ދެކުނު ނަމަވެސް، މީގެ ކުރިން މި ފަދަ ކަންކަމުގައި ފީފާ އިން ގައުމުތައް ސަސްޕެންޑް ކޮށްފައި އެބަހުއްޓެވެ.
އޭގެ ތެރޭގައި، ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ ޕާކިސްތާން، އިންޑިއާ އަދި ސްރީ ލަންކާ ވެސް ހިމެނެ އެވެ.
ނޭޕާލުން ވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެ، ބާކީ މެޗެއް އޮއްވައި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފަ އެވެ.
ނޭޕާލް އަށް ފީފާ ސަސްޕެންޝަނެއް އައުމުގެ ބިރު ބޮޑުވެއްޖެ ނޭޕާލް އަށް ފީފާ ސަސްޕެންޝަނެއް އައުމުގެ ބިރު ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ