ވޯޓުގައި އަހާ ސުވާލު އިބާރާތްކުރުމުގެ ބާރު އޮތީ ރައީސަށް، ގާނޫނުއަސާސީގައި ވަކި ގޮތެއް ނެތް: ދައުލަތް

ހިޔާލު ހޯދުމުގެ ވޯޓުގައި އަހަން ޖެހޭ ސުވާލު އިބާރާތްކުރަންވީ ގޮތް ގާނޫނުއަސާސީގައި ނެތް ކަމަށާއި އެ ކަމުގެ ބާރު ގާނޫނަކުން ދީފައިވަނީ ވަކި އިޖުރާއަތްތަކެއް ފުރިހަކޮށްގެން ރައީސަށް ކަމަށް ދިވެހި ދައުލަތުން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި ބިލަށް ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅުއްވަނީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ. އެގޮތުން:
ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލަކީ: ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
މައްސަލަ ހުށަހެޅި ވަކީލުން ފާހަގަކުރާ ގޮތުގައި، މި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާތީ؛ އެހެން ނަމަ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ
ތަފްސީލް - މި މައްސަލާގައި ސުޕްރީމް ކޯޓުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ހައްވާ ސަނާ ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަކީ ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ވަކި ކަންކަމަށް ރައީސަށް ތަސްދީގުކުރެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންކަން ބަޔާންކުރާ މާއްދާއެއް ކަމަށެވެ.
ނަމަވެސް އެފަދަ ވޯޓެއްގައި އަހަން ޖެހޭނެ ސުވާލު އިބާރާތްކުރަން ޖެހޭނެ ގޮތެއް ނުވަތަ ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށް ސަނާ ވިދާޅުވި އެވެ.
"ސުވާލު އިބާރާތްކުރަންވީ ގޮތް ނުވަތަ ފަރުމާކުރަންވީ ގޮތް ބަޔާންކުރާ މާއްދާއެއް ނޫން. ވަކި މުއްދަތުތަކެއް ވެސް ކަނޑައެޅިފައިވާ މާއްދާއެއް ނޫން،" ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނައިބު އޮފީހުގެ ވަކީލު ހައްވާ ސަނާ ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ގާނޫނުއަސާސީން އެކަން ދޫކޮށްލާފައިވަނީ ރައީސަށްކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން ކުރެވޭނެ ގޮތްތަކުގެ އިޖުރާއަތްތައް ބަޔާންކުރަނީ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ކަމަށެވެ. ގާނޫނުގައި ވެސް ކަނޑައަޅާފައި ވަނީ ރައީސް ނެރުއްވާ ގަރާރަކުން ކަން ދައުލަތުގެ ވަކީލު ސަނާ ފާހަގަކުރެއްވި އެވެ.
"ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ އެންމެހާ އުސޫލުތައް ބަޔާންކުރަނީ ރައްޔިތުންގެ ހިޔާލު ހޯދުުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި. އޭގައި މި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރަކުންކަން. އެފަދަ ގަރާރަކުން ރައްޔިތުންގެ ކުރިމައްޗަށް ގެނެވޭ ސުވާލު އޮންނަންވީ ގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް ދޫކޮށްލާފައި،" ސަނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފުވެވޭނެ އޮތީ އެންމެ ދެ ގޮތަކުން ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެއީ:
އެއީ އެ މާއްދާގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ލާޒިމުކުރާ ބިލެއް ފާސްކުރުމުން ރައްޔިތުންގެ ވޯޓަކަށް ނުދިއުން
ރައްޔިތުންގެ ވޯޓުން އަގުލަބިއްޔަތު ލިބޭ ގޮތަކާ އިދިކޮޅަށް ބިލު ތަސްދީގުކުރެއްވުމުގައި ރައީސް އަމަލުކުރެއްވުން
މި މައްސަލަ ހުށަހެޅި އައިކްއާއި ޝިޔާމްގެ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ރައީސަށް ބާރު ދޫކޮށްލި ނަމަވެސް ނުވަތަ އިހުތިޔާރުގައި އޮތް ކަމެއް ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ލާޒިމުކުރާ ކަންކަން ކުރަން ޖެހޭ މަގުސަދު ހާސިލްކުރެވޭ ގޮތަށް ކަމަށެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ލާޒިމުކުރަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަ ނަމަ އެ ކަމެއް ރައްޔިތުން ރުހޭތޯ ބެލުމެވެ. މަޖިލީހުން ފާސްކުރި ބިލުގައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ހަ މަސް އުނިވެގެންދާތީ، ސިދާ އެކަން ރައްޔިތުންގެ ކުރިމަތީގައި އަހާ ސުވާލުގައި އެކަން ހިމެނިގެންދާން ޖެހޭނެ ކަމަށް އަލީ ވިދާޅުވި އެވެ.
"20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ކުރިން ރައްޔިތުން ނިންމި ކަމެއް 2024 ވަނަ އަހަރު 5 އަހަރުދުވަހުގެ ދައުރަކަށް. އެ ދައުރުގެ މެދުތެރެއިން އެއިން 6 މަސްދުވަސް އުނިކުރަން އުޅޭތީ އަނެއްކާވެސް ރައްޔިތުންގެ ކައިރީ އަހަން ޖެހިގެން މި އުޅެނީ. އެ ސުވާލު ކޮންމެ ވެސް ގޮތަކަށް ރައްޔިތުން ކައިރީ އަހާ ސުވާލުގައި ރެފްލެކްޓްކުރެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު ވިދާޅުވީ ދެން އިތުރު އަޑުއެހުމެއް ބާއްވާނީ މައްސަލަ ދިރާސާކުރަމުންދާއިރު މިހާތަނަށް ފާހަގަނުކުރެވޭ ނޫނީ އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ފާހަގަވެއްޖެ ނަމަ ކަމަށެވެ. އެހެން ނޫނީ ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ