ދަރުމެންދްރަގެ ހަނދާނުގައި މިއުޒިއަމްއެއް ހުޅުވަނީ

މިދިޔަ ނޮވެންބަރު މަހު މަރުވި އިންޑިއާގެ ލެޖެންޑަރީ އެކްޓަރު ދަރުމެންދްރަ (ދަރޭ)ގެ ހަނދާނުގައި ޚާއްސަ މިއުޒިއަމްއެއް ހުޅުވުމުގެ މަސައްކަތް އާއިލާއިން ކުރަމުން އަންނަ ކަމަށް ކުރީގެ ބަތަލާ އަދި އެކްޓަރުގެ ހަނގު އަނބި ހެމާ މާލިނީ ބުނެފިއެވެ. ދަ އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ބަތަލާ ހެމާ ފިރިމީހާ ދަރުމެންދްރަގެ ހަނދާނުގައި ހުޅުވާ މިއުޒިއަމްގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރި ވަނީ އެކްޓަރުގެ ދޮށީ ދަރިފުޅު އަދި ފިލްމު އެކްޓަރު ސަނީ ޑިއޯލް ކަމަށެވެ. ސަނީއަކީ ދަރޭގެ ފުރަތަމަ ކައިވެންޏަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން އެކަކެވެ. ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ދަރުމެންދްރަގެ ހަނދާނުގައި ހުޅުވަން ނިންމާފައިވާ މިއުޒިއަމްގެ މަސައްކަތް ކުރަނީ އާއިލާގެ ހުރިހާ މެންބަރުންގެ ވެސް ލަފައާއި އިރުޝާދު ހޯދުމަށްފަހު ކަމަށާއި އެކަމާ ގުޅޭ މައުލޫމާތުތައް ސަނީ ހެމާއާ ހިއްސާކުރަމުންދާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ކުރީގެ އެކްޓަރު ދަރޭގެ ހަނގު އަނބި، ބަތަލާ ހެމާ މާލިނީ އަދި ދަރޭގެ ދޮށީ ދަރިފުޅު، އެކްޓަރު ސަނީ ޑިއޯލް--ފޮޓޯ/ޓެލެގްރާފްއިންޑިއާ މި އިންޓަވިއުގައި ހެމާ ވަނީ ދަރޭގެ ފުރަތަމަ އާއިލާއާ އޮންނަ ގުޅުމާ ގުޅޭގޮތުން ވެސް ވާހަކަދައްކާފައެވެ. މީޑިއާތަކުން ދަރޭގެ ދެ އާއިލާގެ ގުޅުން ރަނގަޅު ނޫންކަމަށް ބުނެ ޚަބަރު ފަތުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ހެމާ ވަނީ ބުނެފައެވެ. ދަރޭގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ހަތަރު ކުދިންނާ ވެސް އޮންނަ ގުޅުން އަބަދުވެސް ރަނގަޅު ކަމަށާއި މިއަދުވެސް އެ ގުޅުން އޮތީ އެގޮތުގައި ކަމަށް ހެމާ ވަނީ ބުނެފައެވެ. ދެ އާއިލާގެ އެއްވެސް މެންބަރެއްގެ މެދުގައި މައްސަލައެއް ޖެހި ގުޅުން ގޯސްވެފައިވާކަމުގެ އަޑުތައް ފެތުރެނީ އެ މީހުންގެ ހަގީގަތް ނޭނގޭ މީހުން ހަދަހަދައިގެން ވާހަކަތައް ފަތުރާތީ ކަމަށް ހިންދީ ސިނަމާގެ ރަންޒަމާނުގެ މަޝްހޫރު ފިލްމީ ތަރި ވަނީ ބުނެފައެވެ. އެހެންވެ، އެފަދަ މީހުން ދައްކާ ވާހަކަތަކުގެ ތެދު ދޮގު އޮޅުންފިލުވައިދީ ޖަވާބުދާރީވާން ބޭނުންނުވާ ކަމަށް ހެމާ ވަނީ ބުނެފައެވެ. ހެމާއަކީ އެއްވެސް އިރަކު އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކަތައް އާއްމުކޮށް އެ ވާހަކަތައް ހިއްސާކުރަން ބޭނުންވާ މީހެއް ނޫން ކަމަށް ބަތަލާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ. ހެމާ އާއި ދަރޭ އީޝާ އަދި އަހާނާއާ އެކު--ފޮޓޯ/ޕިންކްވިލާ ދަރޭގެ ދެ އަނބިންނާއި ކުދިންނާ ދެމެދު އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށާއި އެކަކު އަނެކަކު އުޅެނީ ވަރަށް އުފަލުގައި ކަމަށް ހެމާ ވަނީ ބުނެފައެވެ. މި މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރި ދަރޭގެ ފިލްމު "އިއްކީސް"އާ ބެހޭގޮތުން ވާހަކަދައްކަމުން ހެމާ ބުނީ އެ ފިލްމު އަދި ނުބަލާ ކަމަށާއި އެއީ ފިރިމީހާގެ އެންމެ ފަހު ފިލްމީ މަސައްކަތަށް ވުމުން ސްކްރީނުން ދަރޭ ބަލާލުމުގެ ހިތްވަރެއް ހެމާގެ އަދި ނެތް ކަމަށެވެ. ނަމަވެސް، އެކަމަށް އަމިއްލަ މީހާ ނަފުސާނީ ގޮތުން ތައްޔާރުވިހާ އަވަހަކަށް "އިއްކީސް" ބަލާނެ ކަމަށް ހެމާ ވަނީ ބުނެފައެވެ. ހެމާއާއި ދަރޭ ކައިވެނިކޮށްފައިވަނީ 1980 ވަނަ އަހަރެވެ. އެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވާއިރު އޭގެތެރޭއިން ދޮށީ ދަރިފުޅު އީޝާ ޑިއޯލް ވަނީ ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެފައެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ އެކްޓަރު ދަރުމެންދްރަ މަރުވެފައިވަނީ އުމުރުން ދުވަސްވުމުގެ ސަބަބުން ސިއްހީ ހާލަތު މާ ބޮޑަށް ގޯސްވެ ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދިނުމަށް ފަހު ގެއަށް ދޫކޮށްލިތާ މާގިނަ ދުވަސް ނުވަނީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ