ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފްލެޓަށް ކުރިމަތިލާން ހާއްސަ ކެޓަގަރީއެއް

މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހުޅުވާލި ސްކީމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
މިހާރު އެ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ފަރާތްތަކުން ފުލެޓަށް ކުރިމަތިލާ އިރު، މީގެ ކުރިން ކަނޑައަޅާފައިވާ މުއްދަތުތައް އެ ފަރާތްތަކުގެ މައްޗަކަށް ނުހިނގާނެ ގޮތަށް އުސޫލު އިސްލާހުކޮށްފައިވާ ކަމަށެވެ. އެއީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ، މަދުވެގެން އެއް އަހަރު ދުވަސް އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވާންޖެހޭނެ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ޝަރުތު ކަމަށް މިނިސްޓްރީން ބުންޏެވެ.
ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުން ވޭތުވެދިޔަ އެއް އަހަރު ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވަތަ މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި ފަސް އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އެޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ފޯމު ހުށަހަޅަން ޖެހޭނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ