އެއީ 'ކުޑަސިޓީ'ގެ ޒަމާނަށް ނުވި ނަމަ އަލީ ހިލްމީގެ އަޑު ދިވެހިންނަށް އިވުމުގެ ފުރުސަތު، ފަހަރެއްގައި، ނުލިބުނީހެވެ.
އޭރު ރަށެއްގެ މީހަކަށް މާލޭގައި އުޅެވޭނީ ތައުލީމު ހާސިލްކުރަން، ބޭސްކުރަން ނުވަތަ ވަޒީފާއެއް އަދާކުރާށެވެ. އެމީހަކު މާލޭގައި ހުންނަން ހުއްދަދޭ ގެއިން ހުށައަޅަން ޖެހޭ 'ކުޑަސިޓީ'ގައި ހިމެނޭ ކަންކަން ފުރިހަމަކުރޭތޯ، މުނިސިޕަލްޓީން ބަލަ އެވެ. ހިލްމީ އުޅުއްވި ވަޒީފާއިން ވަކިވެވަޑައިގަތުމާއި ތައުލީމު ހާސިލްކުރެއްވުން ފަދަ ކަމެއް ވެސް ނުކުރައްވާކަން މުނިސިޕަލްޓީއަށް އެނގުމުން އޭނާއަށް އޮތީ ދެ ގޮތެކެވެ: ވީހާވެސް އަވަހަކަށް ވަޒީފާއަކަށް ވެންނެވުން ނުވަތަ އުފަން ރަށް ގދ. ތިނަދުއަށް އެނބުރި ވަޑައިގަތުމެވެ.
ހިލްމީ ހިޔާރުކުރެއްވީ ކޮންމެ ތަނަކުން، ކޮންމެ ވަޒީފާއެއް ނަމަވެސް ހޯއްދެވުމެވެ. އެ އުއްމީދުގައި ދިވެހިރާއްޖޭގެ އަޑުގެ ސްޓޮކް ކީޕަރުގެ ވަޒީފާއަށް ވެސް ސިޓީ ލެއްވީ އެވެ. ކުރަން ޖެހެނީ ކޮން ކަމެއްކަން ވެސް އެނގިވަޑައިނުގަންނަވާ ހާލުގަ އެވެ. އެކަމަކު 30 އޮކްޓޯބަރު 1984ގައި ހިލްމީއަށް ދިވެހިރާއްޖޭގެ އަޑުގެ ސްޓޮކް ކީޕަރުގެ ވަޒީފާ ލިބިވަޑައިގަތެވެ.
މިދިއަ ހަފުތާގައި، އުމުރުން 65 އަހަރު ވުމާ އެކު، ދިވެހިރާއްޖޭގެ އަޑުން އެ ރިޓަޔަކުރެއްވީ، އެ ދަތުރުގައި ދިގު 41 އަހަރުގެ ހިދުމަތަކަށް ފަހު އެވެ. އެއީ އާދައިގެ ބޭފުޅެއް ވެސް ނޫންމެ އެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން މުޅި ރާއްޖެއަށް ފަތުރާލި އަޑެކެވެ. މަޝްހޫރު އަޑެކެވެ. އެތައް ޕްރޮގްރާމެއްގެ އުފެއްދުންތެރިއެކެވެ.
"ޚިދުމަތުގެ ވަފާތެރި ނަމޫނާއެއް،" މިއީ މިހާރު ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް ވެރިޔަކަށް ހުންނެވި އަދި ހުށައެޅުންތެރިޔާ ނަސްރުﷲ އިދުރީސް، ސީނިއަ އެގްޒެކްޓިވް ޕްރޮޑިއުސަރު ހިލްމީގެ ހިދުމަތް ސިފަކުރެއްވި ގޮތެވެ.
"އަލްވަދާޢު ޙިލްމީ - 41 އަހަރާއި، 4 މަހާއި، 7 ދުވަސް—މިއީ ހަމައެކަނި ހިސާބު އަކުރުތަކެއް ނޫނެވެ. މިއީ މުޅި އުމުރުގެ ބޮޑު ބައެއް ޤައުމީ ޚިދުމަތުގައި ހޭދަކޮށްލި އިޚްލާޞްތެރި ކަމުގެ ދިގު ދަތުރެކެވެ،" ނަސްރުﷲގެ ފޭސްބުކްގައި ލިއުއްވި އެވެ.
ހިލްމީ، 1970ގެ އަހަރުތަކުގެ މެދުތެރޭގައި، މާލެ ވަޑައިގަތީ ތައުލީމު ހާސިލްކުރައްވާށެވެ. އެކަމަކު އުމުރުން ދޮށީވުމާ އެކު ސްކޫލަކަށް ވަނުމުގެ ބަދަލުގައި އޭނާ ގުޅިވަޑައިގަތީ، ދިވެހި ބަހުގެ އަދީބު މުލީ އަބްދުﷲ ސޯދިގު (ސޯދުބޭ) ހިންގެވި ހާއްސަ ކްލާހަކާ އެވެ. ދަރިވަރުންނަށް ހެޔޮ، މަޖާ އަދި އެހާމެ ގާތް ސޯދިގަކީ އެހެން ފުރުސަތުތައް ވެސް ކުދިންނަށް ހޯއްދަވައިދެއްވި ބޭފުޅެކެވެ. އެގޮތުން 1979ގައި ސަރުކާރުގެ ވަޒީފާއަށް ހިލްމީ ފުރަތަމަ ވެއްދުމުގެ ހުރިހާ ކަމެއްހެން ކޮށްދެއްވީ ސޯދިގެވެ. ހިލްމީ ވިދާޅުވި ގޮތުން ނަމަ "ސިޓީ ލިއެ، ސިޓީ ގެންދަންވާ ތަން ބުނެ، އަހަރެން ލައްވާ ސިޓީގައި ސޮއިކުރުވީ ވެސް ސޯދުބެ" އެވެ.
އޭނާގެ ފުރަތަމަ ވަޒީފާއަކީ އޭރުގެ ހުޅުލޭ އެއާޕޯޓްގެ އެކި މަސައްކަތަށް ހާއްސަކުރި ޔުނިޓެއްގެ ވަގުތީ ދެ ނަންބަރު ކާތިބުކަމެވެ.
އެކަމަކު ތިމާގެ އަސްލު ހުނަރާއި ހަޔާތުގެ މިސްރާބު އޮތީ އެހެން ދިމާލެއްގައި ކަމަށް ވާތީ، ހިލްމީއަށް އެ ޔުނިޓްގައި ވެސް، އޭގެ ފަހުން ވަޒީފާ ހޯއްދެވި، ސެންޓްރަލް ހޮސްޕިޓަލް އާއި އީޑީސީ އަދި އެމްޓީސީސީގެ މެރިން ޑިޕާޓްމަންޓް ފަދަ ތަނެއްގައި ވެސް ދެމިހުންނެވޭ ގޮތެއް ނުވި އެވެ. ވަޒީފާ ގެއްލެނީ އެވެ. އެއްވެސް ކަމެއް ނެތި އުޅުއްވަނިކޮށް މާލޭ މުނިސިޕަލްޓީން 'ކުޑަސިޓީ'ގެ މައްސަލާގައި ފޮނުވި ސިޓީއާ އެކު ހަގީގަތުގައި ދެން އެ ފެށުނީ އޭނާގެ ހަޔާތުގެ އެންމެ ކާމިޔާބު ދަތުރެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސްޓޮކް ކީޕަރުގެ މަގާމެވެ. އޭގެ ފަހުން އޮޕަރޭޓަރަކަށެވެ.
"އޮޕަރޭޓަރުގެ މަގާމު ލިބުނީމާ ތަނަށް ވަރަށް ލޯބި ޖެހިއްޖެ،" ހިލްމީ ވިދާޅުވި އެވެ.
އެއީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް އެ އޮންނަ ގަޑިއެއްގައި ފޮނުވުމުގެ ޒިންމާ އުފުލަން ޖެހޭ މުވައްޒަފެވެ. ދިވެހިރާއްޖޭގެ އަޑުގެ މަޝްހޫރު ހުށައެޅުންތެރިންނާ ކޮންމެ ދުވަހަކު ބައްދަލުވެ، އެ މީހުންގެ މަސައްކަތް ކައިރިން ތަޖުރިބާކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތު ވެސް މެ އެވެ.
"ވަރަށް އެކުވެރި މިޒާޖެއްގެ ބަޔަކު އުޅުނީ. މަތީ މަގާމެއް، ދަށް މަގާމެއް އެހެން ތަފާތުކުރުމެއް ވެސް ނޯވޭ. އެންމެން ވަރަށް ގުޅިގެން، ވަރަށް މަޖާކޮށް، ވަރަށް އެހީތެރިވުމުގެ ސިފަތަކެއް ހުންނަނީ،" ހިލްމީ ވިދާޅުވި އެވެ.
ބޭރުގެ ތަޖުރިބާކާރުން އައިސް ދިވެހިރާއްޖޭގެ އަޑުގައި އޭރު ހިންގި، ސްކްރިޕްޓް ލިއަން ދަސްކޮށްދޭ ކޯހާއި ޑްރާމާ ލިއުމުގެ ކޯހުގައި އޭނާ ބައިވެރިވެވަޑައިގަތީ، އޮޕަރޭޓަރަކަށް އުޅުއްވަމުން ވެސް، ޕްރޮގްރާމްގެ ދާއިރާއަށް އުފެދެން ފެށި ލޯބީގަ އެވެ. އެ ކޯސްތަކުގައި އޭނާގެ ހުނަރު ފެނި، ބޭރުގެ ތަޖުރިބާކާރުންނާއި އޭރު ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް އުފެއްދުންތެރިން ކަމަށްވާ ޔޫސުފް ރިޔާޒު ފަދަ ބޭފުޅުންނަށް ވެސް ފާހަގަވެ، ޕްރޮގްރާމް ސެކްޝަނަށް ބަދަލުވުމުގެ ހިޔާލު ދެއްވި އެވެ.
"ދެން އަޅުގަނޑު އެކަމަށް އެދުނީމާ ގެންދެވީ އިބްރާހިމް މަނިކު އަރިއަހަށް. ވިދާޅުވީ ހިލްމީއޭ އެއީ ވަރަށް ބިޒީ މަސައްކަތެކޭ، ހާއްސަ ދުވަސްތަކުގައި ގެއަށް ނުދެވި ވެސް އުޅެން ޖެހިދާނެއޭ ދެ ދުވަސް، ތިން ދުވަސް ވަންދެން ވެސް،" ހިލްމީ ވިދާޅުވި އެވެ.
އެއީ ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު އެއް އަޑުގެ ވެރިޔާ އަދި އޭރު ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް ވެރިޔާ، އަލްމަރުހޫމް ސަމަރުބްލޫ އިބްރާހިމް މަނިކު، ފުރަތަމަ ވިދާޅުވި ބަސްކޮޅެވެ. އޭނާއަށް ހިލްމީ ދެންނެވީ ކިތައްމެ ބިޒީ ނަމަވެސް ޕްރޮގްރާމް ސެކްޝަނަށް ބަދަލުވާން ބޭނުން ވާހަކަ އެވެ. އިބްރާހިމް މަނިކު އެ ފުރުސަތު ދެއްވުމުން 1991ގައި ޕްރޮގްރާމް ސެކްޝަންގެ ޓީމާ ގުޅިވަޑައިގަތެވެ.
އެއީ މުޅި ރާއްޖެއަށް މަޝްހޫރު އެތައް ބައެއްގެ ތެރެއަށް ރަސްމީ ޒިންމާއަކާ އެކު ހިލްމީ ވެސް ވެންނެވުމެވެ. ނަންތަކުގެ ލިސްޓެއް ހަދާ ނަމަ، ބަދުރުއްނަސީރެވެ. މިންނާ ވަޖީހު، ޒާހިދާ އިބްރާހިމް، ނަޖުމާ ހުސެއިން، ޒުނޭރާ އަހުމަދު، ހަފުސާ އަލީ، މޫމިނާ އިބްރާހިމް، ޝަރުމީލާ ހަސަން އަދި އަލީ އަބްދުﷲ ފަދަ ޝަހުސިއްޔަތުތަކެވެ. އޭރު މުޅި ރާއްޖެއަށް ފެތުރިފައި އޮންނަނީ އެ ބޭފުޅުންގެ އަަޑެވެ.
ހިލްމީގެ އަޑު ދިވެހިންނާ ހަމައަށް ވާސިލްވާން ވެސް ކުރިމަތިވީ ކުއްލި ފުރުސަތަކެވެ. 'ހަބަރު ފީތާ'އަކީ އޭރު މެންދުރު ފަހު 2:00ގައި އޮންނަ ހަބަރު ގަޑިއަށް ފަހު، އޭގެ ތެރެއިން ބައެއް ހަބަރުތަކުގެ ތަފްސީލު ގެނެސްދޭ ޕްރޮގްރާމެވެ. 'ހަބަރު ފީތާ' ހައްދަވަމުން އައި އަލީ އަބްދުﷲއަށް ދިމާވި މައްސަލައަކާ ގުޅިގެން 'ދިވެހިރާއްޖޭގެ އަޑުން' ދުވަސްކޮޅަކަށް ދުރަށް ވަޑައިގަތެވެ. އެތަން ފޫބައްދަން، އިސް ވެރިންނަށް ފެނިވަޑައިގަތީ، ހިލްމީ އެވެ.
"ބަދުރު ވިދާޅުވެއްޖެ އިބްރާހިމް މަނިކު އަންގަވައިފިއޭ ހިލްމީއާ ހަވާލުކުރަން 'ހަބަރު ފީތާ'، 'ވޭތުވެދިޔަ ހަފުތާގައި ރާއްޖެ'، 'ވޭތުވެދިޔަ ހަފުތާގައި ދުނިޔެ' ހަދަން. އެކަމަކު ހިލާ އެއްބަހެއް ނުވެވުނު،" ހިލްމީ ވިދާޅުވި އެވެ.
'ހަބަރު ފީތާ'އަކީ އިންޓަވިއުތަކެއްގެ މައްޗަށް ބިނާވި ޕްރޮގްރާމެކެވެ. އޭނާގެ އެ ތަޖުރިބާއެއް ނެތެވެ. މުޅި ހަފުތާގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިނގި ކަންކަން ގެނެސްދޭ ދެ ޕްރޮގްރާމަކީ، އޭރު ވަރަށް ގިނަ ބަޔަކު އަޑުއެހި، މަޝްހޫރު އުފެއްދުންތަކެވެ. އެހެންވެ މުޅި ރާއްޖެއަށް މަޝްހޫރު އެކަހަލަ ހުށައެޅުންތަކަކާ ހަވާލުވެވަޑައިގަތުމުގެ ގާބިލްކަމާ މެދު އޭނާއަށް އޮތީ ޝައްކެވެ.
ނަމަވެސް އިބްރާހިމް މަނިކުގެ ނިންމެވުން ބަދަލެއް ނުވި އެވެ. އެހެންވެ ބަދުރުއްނަސީރު އެދިވަޑައިގަތީ 'ތިމަންނަ ބުނީތީ މިކަން ކޮށްދޭށޭ' އެވެ. އެންމެ ފަހުން ހިލްމީ އެކަން ގަބޫލުކުރެއްވި އެވެ.
އަލީ އަބްދުﷲގެ އަޑަށް ބިނާވި އަދި އަހާލަން ފަސޭހަވި ހުށައެޅުން މުޅިން އާ މީހަކު ގެނެސްދޭން ފެށުމުން 'ހަބަރު ފީތާ' އަޑުއަހާ ބައެއް މީހުންނަށް ގަބޫލެއްނުކުރެވުނެވެ. އެ ޕްރޮގްރާމް ހަދަން "އެ ނޫން އެހެން މީހަކު ނެތީހޭ" ބުނެ، އަންނަ ފާޑުކިއުންތައް ވެސް ތަކުރާރުވި އެވެ. އެކަމާ ކުޑަކޮށް މާޔޫސްވުމާ އެކު ބަދްރުއްނަސީރު ވިދާޅުވީ "މީހުން ދައްކާ ވާހަކައާ އަޅާލާނެ ކަމެއް ނެތޭ، ކުރިއަށް ދާށޭ' އެވެ. އެ ހިތްވަރު ދެއްވުމާ އެކު ހިލްމީ އޭނާގެ މަސައްކަތުގައި ދެމިހުންނެވި އެވެ.
"ދެން ފަހުން މީހުންނަށް އަހަރެންގެ ހުށައެޅުން ވެސް ކަމުހިނގައްޖެ. ޝަކުވާތައް ހުއްޓުނު،" ހިލްމީ ވިދާޅުވި އެވެ.
ދޮޅު އަހަރު ވަންދެން 'ހަބަރު ފީތާ' ހެއްދެވި އެވެ. އެއީ ދިވެހިރާއްޖޭގެ އަޑުގައި އޭނާގެ ހިދުމަތްތަކުގެ ތެރެއިން މިހާރު ވެސް އެންމެ ފާހަގަކުރައްވާ އުފެއްދުމެވެ. މީހުންނާ ގުޅުން ބަދަހިކުރައްވަން ދަސްކުރެއްވީ އޭގެ ތެރެއިންނެވެ. އެކި ހާލަތްތަކުގައި މީހުންނާ ސުވާލުކުރައްވާނެ ގޮތް އެނގިވަޑައިގަތީ އޭގެ ތެރެއިންނެވެ. މިނިސްޓަރުންނާއި ސަރުކާރުގެ އިސް ވެރިންނާއި އަތޮޅުވެރިންނާއި ކަތީބުންގެ ދަންނަ ބޭފުޅަކަށް އޭނާ ވެވަޑައިގަތީ އޭގެ ތެރެއިންނެވެ.
"އެއް ޕްރޮގްރާމް ނަގަންޏާ އަހަންނަށް ހަމަ ބުނެވޭނީ ހަބަރު ފީތާއޭ އަހަންނަށް އެންމެ ރަނގަޅަށް ހެދުނު އެއްޗަކީ،" ހިލްމީ ވިދާޅުވި އެވެ.
"އެއީ ވަރަށް ގިނަ ތަޖުރިބާތަކެއް އަހަންނަށް އަސްލު ލިބުނީ. ދެން އަހަރެންގެ އަޑު މުޅި ރާއްޖެއަށް ފުރަތަމަ އިވުނީ ވެސް ހަބަރު ފީތާއިން."
ހަބަރު ފީތާގެ ފުރަތަމަ އިންޓަވިއުއަށް ހިލްމީ ވަޑައިގެންނެވި ދުވަސް އޭނާގެ ހަނދާނުގައި މިހާރު ވެސް އެބަ ހުއްޓެވެ. އޭރުގެ ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ މިނިސްޓަރު އައްބާސް އިބްރާހިމްގެ އިންޓަވިއު އެވެ. ކޮނޑުގައި ރެކޯޑަރު އަޅުއްވައިގެން މިނިސްޓްރީއަށް ވަަޑައިގަތަސް އޭނާގެ ބިރު ދިޔައީ ބޮޑުވަމުންނެވެ.
"އަހަރެން އިން ގޮތުން އައްބާސް ވިދާޅުވީ ބިރުގަތްފައި ދޯއޭ ތި އިނީ. ބިރުގަންނާނެކަމެއް ނެތޭ. ކުރަން ބޭނުން ސުވާލެއް ކުރާށޭ، ޖަވާބު ދޭނަމޭ،" ހިލްމީ ވިދާޅުވި އެވެ.
އައްބާސްގެ އެ ވާހަކަފުޅު އޭނާގެ ހަނދާނުން އަދިވެސް ފިލައިގެން ނުދެ އެވެ. އެއީ ބިރެއް ނެތި ކޮންމެ މީހަކާ ވެސް އިންޓަވިއުކުރަން އޭނާއަށް ހިތްވަރު ލިބުނު ބަސްކޮޅެވެ. ހިލްމީ ވިދާޅުވި ގޮތުގައި އައްބާސްއަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ވެސް މުހިންމު ބޭފުޅެކެވެ. އެފަދަ ބޭފުޅަކު އޭނާގެ ހިތަށް ގެނެސްދެއްވި އެ ހަމަޖެހުން ވީ އަމިއްލަ ނަފުސަށް ލިބުނު އިތުބާރަކަށެވެ.
"އަހަންނާ ނުގުޅޭ މިނިސްޓަރެއް، އިންޓަވިއު ނުނަގާ އަތޮޅުވެރިއެއް، ކަތީބެއް އޭރު ނުހުންނާނެ،" ހިލްމީ ވިދާޅުވި އެވެ.
"މުޅި ރާއްޖޭގެ އެކި ހިސާބުތަކުން އެކި މީހުން ދަސްވެ، ރައްޓެހިކަން އުފައްދަން ލިބުނު ފުރުސަތެއް އެއީ. އެހެންވެ ބުނެވޭނީ [ހަބަރު ފީތާ] އެއީއޭ ހަމަ އެންމެ ހިތްހަމަޖެހުނު އުފެއްދުމަކީ."
މީހާގެ މޮޅުކަމަކީ އާ ތަޖުރިބާތައް ހޯދުމެވެ. އެއް މަސައްކަތެއް ކުރިޔަސް އޭގެ ތެރެއިން އާ ކަންކަން ދަސްކުރުމެވެ. ހިލްމީއަކީ އޭގެ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އަޑުގައި ހުރިހާ މައުލޫއެއްގައި ކަހަލަ ގޮތަކަށް ތަފާތު ޕްރޮގްރާމްތައް އުފައްދަވައި، ހުށައެޅުއްވި އެވެ. އިޖުތިމާއީ މައްސައަކަށް ވިޔަސް، ހާއްސަ ވަކި ދާއިރާއެއް، މިސާލަކަށް ދަނޑުވެރިކަމާއި މަސްވެރިކަން ކަމަށް ވިޔަސް، ނޫނީ ދީނީ މައުލޫއު ނަމަވެސް، އޭނާގެ އުފެއްދުންތަކުގެ މުއްސަނދިކަން ބޮޑެވެ.
ފުޓްބޯޅަ ކޮމަންޓޭޓަރަކަށް ވާން މަސައްކަތްކުރެއްވި ދުވަސްތަކެއް ވެސް އައެވެ. އެކަމަކު ބައެއް ފަހަރަށް އެ ލަވަން ޖެހޭ 'ހަޅޭއްކާ'އި ހުއްޓުމެއް ނެތި ގިނަ ވަގުތު އަވަސް އަވަހަށް ވާހަކަ ދައްކަން ޖެހުމަކީ، އޭނާގެ ކަރަށް ކެތްވި ކަމަކަށް ނުވި އެވެ. ނަމަވެސް އެހާ ހިސާބުން ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން ކުޑަވެ، އެއާ ދުރަށް ވަޑައިގަތީކީ ނޫނެވެ. އޭނާ ފެއްޓެވީ ފުޓްބޯޅަ މެޗުތަކާ ބެހޭ ހާއްސަ ޕްރޮގްރާމެއް، ރޭގަނޑު ގެނެސްދެއްވާށެވެ. ފުޓްބޯޅައިގެ ތަފާސްހިސާބުތައް ރައްކާކުރައްވާށެވެ.
'ހަވީރު'ގައި އަޅުގަނޑު 'މީހުން' ކޮލަމް ހެދިއިރު 1994ގައި ހިލްމީއާ ބެހޭ ގޮތުން ލިއުނީމެވެ.
"ރޭޑިއޯ ޕްރޮގްރާމެއް ތައްޔާރުކުރާ އިރު ވީހާވެސް ގިނައެއްކޮށް މައުލޫމާތު ހޯދުމަށް އަލީ ހިލްމީ މަސައްކަތްކުރާކަން އެނގެނީ ފުޓްބޯޅަ މޫސުމުގައި އޭނާ ގެންގުޅޭ ފައިލުންނެވެ. މިވެނި ކުޅުންތެރިޔަކަށް ކިތައް ކާޑު ދައްކައިފައިވޭތޯ ނުވަތަ ޖަހާފައި ވަނީ ކިތައް ލަނޑުތޯ ސުވާލުކޮށްފި ނަމަ ޖަވާބު ދިނުމަކީ ހިލްމީއަށް އުނދަގޫ ކަަމަކަށް ނުވާނެ އެވެ،" އެ ކޮލަމްގައި ލިއުނީމެވެ.
އެ މައުލޫމާތު އެއްކުރައްވަން އޭނާ ފެއްޓެވީ 1993ގަ އެވެ. މެޗެއްގައި ރެފްރީއަކު ކުޅުންތެރިޔަކަށް ކާޑެއް ދެއްކިޔަސް ބައެއް ފަހަރަށް ރެފްރީ ރިޕޯޓްގައި އެ ކާޑުގެ ވާހަކަ ނުލިޔެވި ހަނދާނުން ކައްސާލަ އެވެ. އެކަން އޭރު ރަނގަޅުކޮށްދެއްވަނީ ހިލްމީ އެވެ. ރެފްރީންނާ ބައްދަލުކުރައްވައި، މެޗުގެ މިވެނި ވަގުތެއްގައި، މިވެނި ކުޅުންތެރިޔަކަށް މިވެނި ކާޑެއް ދެއްކިކަން އޭނާ ކަށަވަރުކަމާ އެކު ވިދާޅުވެ އެވެ.
ހިލްމީއަކީ ކުޅިވަރުގެ ވެސް ބޭފުޅެކެވެ. ގައުމީ މުބާރާތުގެ ދެވަނަ ޑިވިޒަނާއި އެއްވަނަ ޑިވިޒަންގައި ގޯލްކީޕަރަކަށް ކުޅުއްވި އެވެ. ގައުމީ ބެޑްމިންޓަން މުބާރާތުގައި ވާދަކުރެއްވި އެވެ.
ކުޅިވަރުގެ ކޮމަންޓޭޓަރަކަށް ނުވެވުމަކީ ނާކާމިޔާބީއެއް ނޫނެވެ. އޭނާ އެކަން ފޫބެއްދެވީ ފުޓްބޯޅައިގެ ތަފާސްހިސާބުތަކުންނެވެ. އެހެންވެ އޭނާގެ އެހީ ނެތި ކޮމެންޓްރީ ފުރިހަމައެއް ނުވެ އެވެ.
މަސައްކަތުގެ މުޅި ހަޔާތަށް ބަލާ ނަމަ، ހިލްމީއަށް ވުރެ ގިނައިން ދިވެހިރާއްޖޭގެ އަޑުގައި ޕްރޮގްރާމް ހެދި އެހެން ހުށައެޅުންތެރިޔަކު/ޕްރޮޑިއުސަރަކު ހުރުން ދުރެވެ.
"ހަދަން ބޭނުންވެ ނުހެދުނު ޕްރޮގްރާމެއް ނޫނީ މައުލޫއުއެއް ހިއެއްނުވޭ ހުންނާނެ ހެންނެއް. އެކަމަކު ބައެއް ފަހަރަށް ހަދާ ޕްރޮގްރާމްތަކުގެ މަޝްވަރާއަށް ދާއިރު އެހެން މީހަކު ހުށައަޅާފާނެ އަހަރެން ހަދަން ބޭނުންވި އެއްޗެއް. އެ ހާލަތުގައި އެ އެއްޗެއް އެމީހަކަށް ދޫކޮށްލަނީ،" ހިލްމީ ވިދާޅުވި އެވެ.
ނަސްރުﷲ ވިދާޅުވި ގޮތަށް 41 އަހަރަކީ ހަޔާތެއްގެ ބޮޑު ބައެކެވެ. އެ ހަގީގަތަށް އެއްޗެއް އިތުރުކޮށްލާ ނަމަ ބުނެވޭނީ އެއީ އަމިއްލަ ދިރިއުޅުމުގެ ވެސް ގުރުބާނީއެއް ކަމަށެވެ. އެއީ ހިލްމީއަށް ވެސް ދެބަސްނުވެވޭނެ ހަގީގަތެކެވެ.
"އަހަރެން ކައިވެނިކުރީ 23 އަހަރުގައި. ދެ ކުދިން ލިބި އެ ދެ ކުދިން އޭ ލެވެލް ނިންމައިފި. އެކަމަކު އާއިލާއަށް ދޭން ޖެހޭ ވަރަށް ވަގުތެއް ނުދެވުނު. އޮފީހުގެ ކަންކަމުގައި ގިނަ ވަގުތު ހޭދަވީ،" ހިލްމީ ވިދާޅުވި އެވެ.
"އެކަމަކު އަންހެނުން ވެސް، ކުދިން ވެސް، ބައްޕަ ދުނިޔޭގައި ހުންނެވި އިރު ބައްޕަ ވެސް، އަދި މަންމަ ވެސް، މިއިން އެއްވެސް މީހަކު ޝަކުވާއެއް ނުކުރޭ. ހިތްހަމަނުޖެހިގެން ވެސް ވާހަކައެއް ނުދައްކާ."
އޭނާ ވިދާޅުވި ގޮތުގައި މުޅި އާއިލާގެ ފަރާތުން ވެސް ލިބިވަޑައިގަތީ އެއްބާރުލުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ކެތްތެރިކަމުގެ އެއްބާރުލުމެވެ.
އުމުރުން 65 އަހަރު ވުމުން ރިޓަޔަކުރެއްވުމުގެ ދުވަހަށް އޭނާ ކުރިންސުރެ އައީ ތައްޔާރުވަމުންނެވެ. ސިކުނޑިއަށް އެކަން ވިސްނައިދެއްވި އެވެ. ހަޔާތުގެ އެހާ ބޮޑު އެއްޗެއް ދޫކުރައްވާފައި، ގެއަށް ވަޑައިގަތުމަކީ ހިތަށް އަސަރުކުރާނެ ކަމެކެވެ. އާއެނކެވެ. އެ އަސަރުކުރި އެވެ. ފަޅުކަން ފެނުނެވެ. ވަޒީފާއިން ވަކިވެ އޮފީހަށް ވަޑައިނުުގެން ފުރަތަމަ ގޭގައި ހުންނެވީ މިދިއަ ހޮނިހިރުދުވަހެވެ. އެއީ ރަސްމީ ބަންދު ދުވަހެއް ކަމުން، އެހާ ބޮޑު އުނިކަމެއް ފެނިވަޑައެއް ނުގަތެވެ.
"އެކަމަކު އާދިއްތަދުވަހު ވަރަށް ދެރަވި. ވަރަށް ބޮޑު ފަޅުކަމެއް އިހުސާސްކުރެވުނީ،" ހިލްމީ ވިދާޅުވި އެވެ.
އޭގެ ކުރީގެ ބުރާސްފަތިދުވަހު އޭނާއަށް ރޮވުނެވެ. ރޮވެން ޖެހޭ ތަނެއްގަ އެވެ. ރޮވޭ ކަހަލަ އަގުވަޒަންކުރުންތަކާއި ހަނދާންތަކެއްގެ ތެރޭގަ އެވެ. ދިވެހިރާއްޖޭގެ އަޑުގެ މީޓިން ރޫމުގަ އެވެ. ހުރިހާ މުވައްޒަފުންގެ ކުރިމަތީގަ އެވެ.
އެއީ އޭނާ ރިޓަޔަކުރައްވާތީ ބޭއްވި މުވައްޒަފުންގެ ބައްދަލުވުމެއްކަމެއް ފުރަތަމަ އެނގިވަޑައެއް ނުގަތެވެ. އެކަމަކު އެއީ އޭނާއަށް އޮތް ހާއްސަ އަގުވަޒަންކުރުމެކެވެ.
"އަސްލު ހަމަ ރޮވުނު. އެކި ރަހުމަތްތެރިން އެކި ހަނދާންތައް އާކުރި،" ހިލްމީ ވިދާޅުވި އެވެ.
އޭނާގެ ވަކިވެވަޑައިގަތުން މުޅި ޕީއެސްއެމްއިން ވެސް ފާހަގަކުރި އެވެ. އެކަން އޮތީ މިދިއަ އާދިއްތަދުވަހު ޓީވީއެމްގެ މައި ސްޓޫޑިއޯގަ އެވެ. އެ ހަފުލާގައި ވެސް، ހިލްމީ ވިދާޅުވީ، އޭނާގެ ހިދުމަތްތަކުގެ ހަނދާންތައް އާކުރުމުން "ހަމަ ރޮވުނު" ކަމަށެވެ.
އުނިކަމާއި ފަޅުކަން އޮތީ ހަމައެކަނި އޭނާއަކަށް ނޫނެވެ. އޭނާއާ އެކު ދިގު މުއްދަތެއްގައި މަސައްކަތްކުރި އެހެން މުވައްޒަފުންނަށް ވެސް މެ އެވެ. ނަސްރުﷲ ކަހަލަ ބޭފުޅުންނެވެ.
"ޙިލްމީއަކީ ތަރުތީބުން މަސައްކަތް ކުރުމުގެ ނަމޫނާއެކެވެ. ފަރުވާތެރިކަމުގެ ލާމަސީލު މިސާލެކެވެ،" ނަސްރުﷲގެ އެފްބީގައި ލިއުއްވި އެވެ.
"މިއަދު އޮފީހަށް ވަދެވުނު ވަގުތު އިހުސާސްކުރެވުނު ފަޅުކަމުން ބުނެދެނީ، އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައި ޙިލްމީގެ މަޤާމާއި އޭނާގެ ހިއްސާގެ ބޮޑުކަމެވެ."
ހިލްމީއާ އެކު މަސައްކަތްކުރި ހުރިހާ މުވައްޒަފުންނާ މެދު ވެސް އޭނާގެ ހިތްޕުޅުގައި އޮތީ ލޯތްބެވެ. އަވަހާރަވެފައިވާ ސަމަރުބްލޫ އިބްރާހިމް މަނިކުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުއާކުރެއްވި އެވެ.
"އަދާކުރާ މަގާމަށް ވުރެ އަޅުގަނޑަށް މުހިންމީ އުފެދިފައި އޮތް އަޚުވަންތަކަމުގެ ބަދަހި ގުޅުން. ޕްރޮގްރާމް އުފެއްދުމުގައި ބޭނުންވި ކޮންމެ ވަގުތަކު އެހީތެރިވެދެއްވި، ނަސްރުﷲ އިދުރީސް، މުހައްމަދު ޝާކިރު، އަލީ ރާޒީ، އެކުގައި އެންމެ ގިނަ ދުވަހު މަސައްކުރެއްވި މުހައްމަދު ރަމީޒަށް ހިތުގެ އިހުލާސްތެރި ލޯތްބާ އެކު ވަރަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ހިލްމީ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އަޑުގެ އެހުންތެރިންނަށް ވެސް އެ ފަޅުކަން އިހުސާސްކުރެވޭނެ ކަމާ މެދު ޝައްކެއް ނެތެވެ. އެކަމަކު ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެތީ ހިލްމީގެ އެ ހިދުމަތުގެ ސަފުހާ ވެސް މިހާރު މިވަނީ ލިއެ ނިމިފަ އެވެ. ދެން ބުނެލަން ޖެހޭނީ ޝުކުރިއްޔާއޭ އެވެ. އަހަރެމެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ހަނދާނެކޭ އެވެ.
ހިލްމީ 41 އަހަރަށް ފަހު އެ ގެނެސްދިނީ ފަޅުކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ