ވަށަފަރު ކައުންސިލް އޮޑިޓް: ބައެއް މުވައްޒަފުން ޕެންޝަން ސްކީމުގައި ނުހިމެނުމުގެ އިތުރުން މާލީ ކަންކަން ރަނގަޅަށް ބަލާފައެއް ވެސް ނެތް

ވަޝަފަރު ކައުންސިލުން އެ ކައުންސިލުގެ ބައެއް މުވައްޒަފުން ޕެންޝަން ސްކީމުގައި ހިމަނާފައި ނުވުމުގެ އިތުރުން ކައުންސިލްގެ މާލީ ކަންކަން ރަނގަޅަށް ބަލާފައި ނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ ވަށަފަރު ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ، ގިނަ އަދަދެއްގެ ނަގުދު ފައިސާ ރައްކާތެރި ނޫން ތަންތަނުގައި ބަހައްޓާފައިވުމާއި، ލިބޭ ފައިސާ ގަވާއިދުން ބޭންކު އެކައުންޓަށް ޖަމާކޮށްފައިނުވާ މައްސަަލަ ފާހަގަކޮށް އެކަން އިސްލާހުކުރަން ލަފާދީފައެވެ. އޮޑިޓް ރިޕޯޓުގައި ވަނީ 2022 ވަނަ އަހަރުގެ އޮޑިޓްކުރި މުއްދަތުގެ ތެރޭގައި ދެ ދުވަހެއްގެ މަތީން ނަގުދު ފައިސާ ގުނިއިރު، ޖުމްލަ 93،644 ރުފިޔާ ކައުންސިލްގެ އިދާރާގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކައުންސިލް އިދާރާގެ ދެ މުވައްޒަފެއްގެ ހާޒިރުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ފައިސާ ގުނިއިރު، ކައުންސިލް މުއައްޒަފުންގެ ބެލުމުގެ ދަށުގައި ހުރި ތަޅުލެވޭ ލޮކަރެއްގައި 69،068 ރުފިޔާ ހުރިކަމަށާއި އެ ފައިސާއަކީ، އެ ވަގުތު ކައުންސިލް އިދާރާގައި ހުރި ހުރިހާ ނަގުދު ފައިސާކަމަށާއި އިދާރާގެ އިތުރު ތަނެއްގައި ނަގުދު ފައިސާ ނުހުންނާނެ ކަމަށް ކައުންސިލް އިދާރާއިން އޭރު މައުލޫމާތު ދިން ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް އޭގެ ތިން ދުވަސްފަހުން އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ކައުންސިލް އިދާރާގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އިތުރު ފައިސާ ހުރިކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށާއި އެ ފައިސާ ކައުންސިލްގެ ދެ މުއައްޒަފެއްގެ ހާޒިރުގައި ގުނިއިރު، 24،576 ރުފިޔާ ހުރިކަަން އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެ ފައިސާގެ ތެރޭގައި މިހާރު ބޭނުންނުކުރާ ކުރީގެ ނޫޓުތަކުގެ އަދަދު ޖުމްލަ 6،955 އަދި މިހާރު ބޭނުންކުރާ ފައިސާ ނޫޓުތަކުގެ 17،621 ރުފިޔާ ހުރިކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އޮޑިޓު ރިޕޯޓުގައި ވަނީ ވަށަފަރު ކައުންސިލުން 2020 ވަނަ އަހަރާއި 2022 ވަނަ އަހަރު ވެސް ގަވާއިދުން ފައިސާ ޖަމާނުކުރާ ކަމަށް ބޭންކް ސްޓޭޓްމެންޓްތަކުން އެނގޭކަން ހާމަކޮށްފައެވެ. އެހެންކަމުން އެ ކައުންސިލަށް ވަނީ، ފައިސާ ލިބޭ ދުވަހު އެ ފައިސާ އެކައުންޓަށް ޖަމާކުރުމަށާއި ޖަމާނުކޮށް ބަހައްޓާ ފައިސާ އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ބެހެއްޓޭނަމަ ދުވާލަކު އެއްފަހަރު ފައިސާ ޖަމާނުކޮށް ބެހެއްޓުމަށް އެ އޮފީހެއްގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދަ ހޯދުމަށް ލަފާދީފައެވެ. މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ވަނީ ޕެންޝަނާއި ބެހޭ ގާނޫނާއި އެއްގޮތަށް ބައެއް މުއައްޒަފުން ޕެންޝަން ސްކީމުގައި ބައިވެރިކޮށްފައި ނުވާތީ އެކަން ފާހަގަކޮށްފައެވެ. އެގޮތުން ވަށަފަރު ކައުންސިލް އިދާރާގައި "ކޮންޓްރެކްޓް" އަދި "ވޭޖް އެމްޕްލޯއިމަންޓް"ގެ އުސޫލުން 2022 ވަނަ އަހަރު ވަޒީފާ އަދާކޮށްފައިވާ ބައެއް މުއައްޒަފުން ޕެންޝަން ސްކީމުގައި ބައިވެރިކޮށް، ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ފައިސާ މުސާރައިން ކަނޑާފައި ނުވާކަން ވަނީ ފާޙަގަކޮށްފައެވެ. އެހެންކަމުން ގާނޫނުގައިވާ ގޮތުގެ މަތީން ކައުންސިލް އިދާރާގައި "ކޮންޓްރެކްޓް" އަދި "ވޭޖް އެމްޕްލޯއިމެންޓް"ގެ އުސޫލުން ވަޒީފާ އަދާކުރާ މުއައްޒަފުން، ރިޓަޔާމެންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ