ކައުންސިލް އިންތިޚާބާ ގުޅޭ ދެ މައްސަލައެއް ހައިކޯޓުން ބޭރުކޮށްލައިފި
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު އަލުން ގުނަން އެންގުމަށް އެދި ހުށަހެޅި ދެ މައްސަލައެއް ހައިކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބާ ގުޅިގެން ހައިކޯޓަށް އެކި ފަރާތްތަކުން މައްސަލަތައް ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިން އެމްޑީޕީގެ ފަރާތުން ހުށަހެޅި ނ. ވެލިދޫ ދާއިރާގެ މައްސަލައަކާއި، ޕީއެންސީގެ ކެންޑީޑޭޓް ހުށަހެޅި ތ. ތިމަރަފުށި ކައުންސިލްގެ މައްސަލައެއް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ. މިއަދު ހައިކޯޓުން ބޭރުކުރި ދެ މައްސަލައިގެ ތެރެއިން އެމްޑީޕީގެ ފަރާތުން ހުށަހެޅީ ވެލިދޫ ދާއިރާގެ ވޯޓު ފޮށްޓެއް އަލުން ގުނުމަށް ފަހު، އެމްޑީޕީގެ ދެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުތައް ބާތިލް ކޮށްފައިވާތީ އެ ފޮށީގެ ވޯޓުތައް އަލުން ގުނުމަށެވެ. އަދި ތިމަރަފުށީ ކައުންސިލަށް ވާދަކުރި ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާ ހުށަހެޅީ މާލޭގައި ބެހެއްޓި ފޮށްޓެއްގެ ވަގުތީ ނަތީޖާ އިއުލާންކުރި ފަހުން ބާތިލް ވޯޓުތައް ވެސް ހިމެނޭ ގޮތަށް ކޮމިޝަނުން ނަތީޖާ ޝީޓަށް ބަދަލު ގެނެސް އެހެން ކެންޑިޑޭޓަކު ހޮވިފައިވާ ކަމަށް އިއުލާން ކޮށްފައިވާ ކަމަށް ބުނެއެވެ. އެ ދެ މައްސަލައާ ގުޅިގެން ވެސް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާ ޚިލާފުވާ ގޮތެއް ބަޔާންކޮށްދީފައި ނުވާތީ، އެ ދެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށެވެ. އަދިވެސް އިންތިޚާބާ ގުޅޭ ބައެއް މައްސަލަތައް ހައިކޯޓުގައި ވަކި ގޮތެއް ނުނިމި އެބަހުއްޓެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބަކާ ގުޅޭގޮތުން ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ، އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އިންތިޚާބުތަކާބެހޭ ޢާއްމު ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރްޙަލާގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. ހައިކޯޓުން ނިންމާ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ. އިންތިޚާބުތަކާބެހޭ ޢާންމު ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލައެއް ކޯޓަށް ހުށަހަޅަންވާނީ، އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ