އާ ޓާމިނަލް ހަދަން ނެގި ލޯނުތައް ދައްކަން އެމްއޭސީއެލްއިން 40 މިލިއަން ޑޮލަރު ނަގައިފި އާ ޓާމިނަލް ހަދަން ނެގި ލޯނުތައް ދައްކަން އެމްއޭސީއެލްއިން 40 މިލިއަން ޑޮލަރު ނަގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ތަރައްގީކުރަން ނެގި ލޯނުތައް އަނބުރާ ދައްކަން ލަންކާގެ ބޭންކުތަކަކުން 40 މިލިއަން ޑޮލަރުގެ ލޯނެއް އެމްއޭސީއެލްއިން ނަގާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
ލަންކާގެ ޑެއިލީ ފައިނޭންޝަލް ޓައިމްސް ނޫހުގައި ލިޔެފައިވާ ގޮތުގައި، އެމްއޭސީއެލްއަށް މި ފައިސާ ހަމަޖައްސައި ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ލަންކާގެ އެންޑީބީ އިންވެސްޓުމަންޓު ބޭންކުންނެވެ. އެންޑީބީއާ އެކީ މި ފައިނޭންސިންގައި ބައިވެރިވީ ހެޓަން ނޭޝަނަލް ބޭންކާއި ނޭޝަންސް ޓްރަސްޓް ބޭންކާއި ހަބީބު ބޭންކުގެ ރާއްޖެ ބްރާންޗުންނެވެ.
ލަންކާގެ ނޫސްތަކުގައި ވަނީ އެންޑީބީގެ ވެރިންނާއި އެމްއޭސީއެލްގެ ވެރިން އެކުގައި ނަގާފައިވާ ފޮޓޮއެއް ވެސް ހިއްސާކޮށްފަ އެވެ. ނަމަވެސް އެމްއޭސީއެލްއިން މިހާތަނަށް މި މުއާމަލާތާ ގުޅިގެން އެއްވެސް މައުލޫމާތެއް ނުދެ އެވެ.
ޓާމިނަލް އަޅަން ނެގި ލޯނުތައް ދައްކަން އެމްއޭސީއެލްއިން އިތުރު ލޯނެއް ނެގިއިރު، މި އެއާޕޯޓުގެ ތަރައްގީކުރަން ނަގާފައިވާ ލޯނުތަކުގެ އަގު 390 މިލިއަން ޑޮލަރަށް އަރަ އެވެ. އެ ލޯނުތަކަކީ:
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް [200 މިލިއަން ޑޮލަރު]
ސައުދީ ފަންޑުން ދެ ފަހަރެއްގެ މަތިން 100 މިލިއަން ޑޮލަރު ނަގާފައިވެ އެވެ. މި ފަންޑުން ނަގާފައިވާ ލޯނު ދައްކަން ފެށީ ފުރަތަމަ ފައިސާ ނެގި ތާރީހުން ފެށިގެން ފަސް އަހަރު ފަހުންނެވެ. ފައިސާ ދައްކަން ޖެހެނީ 40 އަހަރަށް ބަހާލައިގެން، ކޮންމެ އަހަރެއްގެ ފެބްރުއަރީ އަދި އޮގަސްޓުގަ އެވެ.
އަބޫ ދާބީ ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން [90 މިލިއަން ޑޮލަރު]
އަބޫ ދާބީ ފަންޑުން ފައިސާ ނެގީ އެއް ފަހަރު 50 މިލިއަން ޑޮލަރު އަދި ފަހުން 40 މިލިއަން ޑޮލަރުގެ ލޯނެކެވެ. މި ފަންޑުން ނަގާފައިވާ ލޯނުތައް ދައްކަން ފެށީ، ފުރަތަމަ ފައިސާ ނެގި ތާރީހުން ފެށިގެން ތިން އަހަރު ފަހުންނެވެ. ލޯނު އަނބުރާ ދައްކަނީ 24 އަހަރަށް ބަހާލައިގެންނެވެ. ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ މާޗު އަދި ސެޕްޓެމްބަރުގަ އެވެ.
ކުވެއިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް [50 މިލިއަން ޑޮލަރު]
ކުވެއިތު ފަންޑުން ނަގާފައިވާ 50 މިލިއަން ޑޮލަރު އަނބުރާ ދައްކަން ފެށީ ލޯނަށް ފުރަތަމަ ފައިސާ ދޫކުރިތާ ހަތަރު އަހަރު ފަހުންނެވެ. ލޯނު އަނބުރާ ދައްކަން ލިބެނީ 32 އަހަރެވެ. ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ ޖެނުއަރީ އަދި ޖުލައިގަ އެވެ.
އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް [50 މިލިއަން ޑޮލަރު]
އޯޕެކް ފަންޑުން ނަގާފައިވާ 50 މިލިއަން ޑޮލަރު އަނބުރާ ދައްކަން ފެށީ، ލޯނަށް ފުރަތަމަ ފައިސާ ދޫކުރިތާ ހަތަރު އަހަރު ފަހުންނެވެ. ލޯނު އަނބުރާ ދައްކަން ލިބެނީ 28 އަހަރެވެ. ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ ޖެނުއަރީ އަދި ޖުލައިގަ އެވެ.
ޓާމިނަލް ތަރައްގީކުރަން ނެގި ލޯނުތަކުގެ އިތުރުން ރަންވޭ އާއި ފިއުލް ފާމް އާއި ސީޕްލޭން ޓާމިނަލާއި ކާގޯ ޓާމިނަލާއި ވީއައިޕީ ޓާމިނަލް ތަރައްގީކުރަން ނެގި ލޯނުތައް ހިމެނުމުން، އެއާޕޯޓު ތަރައްގީކުރަން ނަގާފައިވާ ލޯނުތަކުގެ އަގު 812 މިލިއަން ޑޮލަރު (12.5 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.
އެމްއޭސީއެލްއަކީ ސަރުކާރު ކުންފުނިތަކުން ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ވައްދާ، އެންމެ ގިނައިން ފައިދާވާ އެއް ކުންފުންޏެވެ. އެ ކުންފުނިން ވަނީ 2024 ގައި ވެސް ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޯދާފަ އެވެ.
ނަމަވެސް މި ފަހުން އެ ކުންފުނީގެ މަސައްކަތު ދާއިރާގެ ބޭރުން ކުންފުނިތަކެއް އުފައްދައިގެން މަސައްކަތް ކުރަމުން ދާތީ އެމްއޭސީއެލްގެ މާލީ ހާލަތާ މެދު ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ކުންފުނިން ބިން ހިއްކަމުގެ މަސައްކަތް ކުރާތީ އެވެ.
އެމްއޭސީއެލްއިން ވަނީ ބިން ހިއްކުމުގެ މަސައްކަތަށް ހާއްސަކޮށްގެން ދެ ސަބްސިޑަރީ ކުންފުނި އުފައްދާފަ އެވެ. މި ކުންފުނިތަކުން ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ އާއި އެ ކުންފުންޏާ ހަވާލުކޮށްފައިވާ އެއާޕޯޓުތަކަށް ބޭނުންވާ ބިން ހިއްކުން ހިމެނެ އެވެ.
ބިން ހިއްކުމުގެ މަސައްކަތަށް އެމްއޭސީއެލްއިން ވަނީ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރު ގެނެސްފަ އެވެ. އޭގެ އިތުރުން، ހުޅުމާލެ ތިނެކާއި ގިރާވަރުފަޅު ހިއްކަނީ ވެސް އެމްއޭސީއެލްގެ ކުންފުނިތައް މެދުވެރިކޮށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ޕްރޮޖެކްޓުތަކަށް ކޮންޓްރެކްޓަރުންނަށް ފައިސާ ދެނީ އެމްއޭސީއެލްއިންނެވެ. މިހެން ނަމަވެސް ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ކުންފުނިން ވަނީ މި ކަމުގައި ބަހެއް ބުނަން އިންކާރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ