ސްރީލަންކާގެ ކަރަންޓު ބިލުތައް ބޮޑުކޮށްފި
ސްރީލަންކާގެ ކަރަންޓުގެ އަގުތައް މި އަހަރުގެ ދެވަނަ ކުއާޓަރަށް ބޮޑުކުރަން އެ ގައުމުގެ ޕަބްލިކް ޔުޓިލިޓީސް ކޮމިޝަން އޮފް ސްރީލަންކާ (ޕީޔޫސީއެސްއެލް)އިން ނިންމައިފިއެވެ. ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލާއެކު، ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލައި އެކި ގިންތިތަކުން އަގުތައް ވަނީ އުފުލިފައެވެ. ޕީޔޫސީއެސްއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މަހެއްގެ މައްޗަށް 30 ޔުނިޓަށްވުރެ ދަށްކޮށް ކަރަންޓު ބޭނުންކުރާ ގޭބިސީތަކުގެ ބިލުން 4.3 އިންސައްތަ (15 ރުޕީސް) ބޮޑުވާނެއެވެ. އަދި 31 ޔުނިޓާއި 60 ޔުނިޓާ ދެމެދުން ކަރަންޓު ބޭނުންކުރުމުން 6.9 އިންސައްތަ (45 ރުޕީސް) އިތުރުވާއިރު، 61 ޔުނިޓާއި 90 ޔުނިޓާ ދެމެދުގެ ގިންތިއަށްވެސް 6.9 އިންސައްތަ (120 ރުޕީސް) ގެ ކުރިއެރުމެއް އަންނާނެއެވެ. މީގެ އިތުރުން 91 ޔުނިޓާއި 180 ޔުނިޓާ ދެމެދުން ބޭނުންކުރާ މީހުންގެ ބިލު 7.2 އިންސައްތަ (420 ރުޕީސް) އިން ބޮޑުވާއިރު، 180 ޔުނިޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ބިލުތަކަށް 25 އިންސައްތައިގެ ބޮޑުވުމެއް އަންނާނެއެވެ. މި ބަދަލު ގެނެސްފައިވަނީ ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އިން ކަރަންޓުގެ އަގުތައް 13.56 އިންސައްތައިން ބޮޑުކުރުމަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. ނަމަވެސް އާންމު ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމުގެ ގޮތުން ޕީޔޫސީއެސްއެލް އިން ނިންމީ ގިންތިތަކަކަށް ބަހާލައިގެން އަގުތައް ބޮޑުކުރުމަށެވެ. ގޭބިސީތަކުގެ އިތުރުން، ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ކަރަންޓު ބިލު 8.7 އިންސައްތައިން އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ ބިލު 9.9 އިންސައްތައިން ބޮޑުވާނެއެވެ. ކަރަންޓުގެ އަގުތަކަށް މި ގެނައި ބަދަލަކީ ސްރީލަންކާގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ދައުލަތުގެ ކުންފުނިތަކުގެ ގެއްލުން ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ