އިޒްރޭލުގެ އަސްކަރީ ކޯޓުތަކުން ކުށް ސާބިތުވާ ކަމަށް ހުކުމް އިއްވާ ފަލަސްތީނުގެ ރައްުޔިތުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އާ ގާނޫނެއް އިއްޔެ ފާސްކޮށްފި އެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ގާނޫނުގައިވާ ގޮތުން، ފުރާނައަށް ގެއްލުންދޭ ފަދަ ހަމަލާތައް ދޭ ފަލަސްތީނު މީހުންނަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ދަންޖައްސައިގެން މަރުގެ އަދަބު ދިނުމެވެ.
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ 62 މެންބަރުންގެ ތާއީދާ އެކު ފާސްކުރި މި ގާނޫނު ބުނާ ގޮތުން، ކުށް ސާބިތުވާތާ 90 ދުވަހުގެ ތެރޭގައި އަދަބު ތަންފީޒުކުރަން ޖެހެ އެވެ. އަދި ހާއްސަ ހާލަތްތަކެއްގައި އުމުރުދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް، މި ގާނޫނުގެ ދަށުން އަދަބަށް ލުއިދިނުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
މި ގާނޫނަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މި ގާނޫނަކީ ހަމައެކަނި ފަލަސްތީނު މީހުންނަށް އަމާޒުކޮށް، ޔަހޫދީން އިސްތިސްނާވާ ގޮތަށް ހަދާފައިވާ ތަފާތުކުރުންތަކުން ފުރިގެންވާ ގާނޫނެކެވެ.
އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު މި ނިންމުމަށް ތާއީދުކޮށް ބުނެފައިވަނީ، މިއީ އިންސާފު ގާއިމުކުރެވުނު ދުވަހެއް ކަމަށާއި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ ކޮންމެ މީހަކު އިހްތިޔާރު އެ ކުރަނީ މަރު ކަމަށެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މި ގާނޫނު ކުށްވެރިކުރައްވައި ވިދާޅުވީ، މިފަދަ ފިޔަވަޅުތަކުން ފަލަސްތީނުގެ ރައްޔިތުންގެ އަޒުމެއް ނުގުޑުވޭނެ ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި ޔޫރަޕްގެ އިސް މަސްއޫލުވެރިން ސިފަކުރެއްވި ގޮތުގައި، މިއީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފު، ތަފާތުކުރުންތައް އެކުލެވޭ ނިންމުމެކެވެ. މި ގާނޫނު އިޒްރޭލުގެ ސުޕްރީމް ކޯޓުގައި ގޮންޖަހައި އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެ އެވެ.
ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދެވޭ ގާނޫނެއް އިޒްރޭލުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ