ޖުޑިޝަރީ އިސްލާހުކުރަން ރައީސްގެ ވިސްނުންފުޅަކީ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ކައުންސިލު ރުޖޫއަކުރުން
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓާއި ހައިކޯޓާއި މަތީ ކޯޓުތަކުގެ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ކައުންސިލު އަލުން އެކުލަވައިލުމަށް ގާނޫނަށް ބަދަލު ގެންނަން ބޭނުންފުޅުވާކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ. ދެހާސް ދިހަވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން، ޖުޑީޝަލް ކައުންސިލުގެ ނަމުގައި، ކޯޓުތަކުން ހަދަންޖެހޭ ގަވައިދުތައް އެއް އުސޫލަކުން ހަދައި، ހުރިހާ ކޯޓެއްގައި އެއް މިންގަނޑުތަކެއް ހިފެހެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން، އަދި ކޯޓުތައް ހިންގުމާގުޅޭ ގޮތުން މަޝްވަރާ ދިނުމަށް ކައުންސިލެއް އުފައްދައިފައިވެއެވެ. އެ ކައުންސިލު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ އިސް ފަނޑިޔާރާއި، ދަށު ކޯޓުތަކުގެ އިސް ގާޒީންނާއި، އުތުރުގެ މެޖިސްޓްރޭޓަކާއި ދެކުނުގެ މެޖިސްޓްރޭޓެއްގެ މައްޗަށެވެ. އެކަމަކު މާ ގިނަ ދުވަހެއްނުވެ، ސުޕްރީމް ކޯޓުން ވަނީ، އެ ކައުންސިލާ ގުޅުންހުރި މާއްދާތައް އުވައިލައިފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ބަދަލު ގެނެސް، 2019ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖޭއެސްސީގެ ދަށަށް ގެނައި ކަމަށެވެ. އޭގެ ސަބަބުން ނުސީދާގޮތުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވިފައިވާ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، ޖޭއެސްސީގެ ދަށުގައި ޑީޖޭއޭ އޮންނަ އޮތުން ނިމުމަކަށް ގެނެސް، އެންމެ ފުރަތަމަ ޖުޑީޝަރީގެ ކަންކަން ރޭވިފައިވާ ގޮތަށް ބަދަލުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ. "ޖުޑީޝަލް ކައުންސިލް ރީއިންސްޓޭޓްކުރެވޭނެ ކަހަލަ ގޮތަކަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަދި އޭގެ އިތުރަށް އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ޑީޖޭއޭ ބަދަލުވެގެން ދިއުން، އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލު އަދި އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ އަޅުގަނޑު ހިތުން ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް،" އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން، މެޖިސްޓްރޭޓް ކޯޓުތަކުގައި ބާރު ގަދައި އިދާރީ އިސްވެރިންގެ ކަމަށާއި، އެއީ ޖުޑީޝަރީ މަސައްކަތްކުރުމަށް ނޭދެވޭ އަސަރު ކުރާނޭ ކަމެއް ކަމަށެވެ. ޖޭއެސްސީ މިނިވަންކޮށް، އެ ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަކީ މިދިޔަ އެމްޑީޕީ ސަރުކާރުގެވެސް އަދި މި ސަރުކާރުގެވެސް ވައުދެކެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހަށް ޖޭއެއެސްސީ އިސްލާހުކުރުމަށް އޭރުގެ އިދިކޮޅު ޕީޕީއެމް / ޕީއެންސީން ތިން ފަހަރެއްގެ މަތިން ހުށަހަޅައިގެން ވަނީ ބޭރުކޮށްލައިފައެވެ. މި ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހަށް ޖޭއެސްސީ އިސްލާހުކުރުމަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިހާތަނަށް މި ސަރުކާރުންވެސް ޖޭއެސްސީ އިސްލާހުކުރަން ހުށަހަޅައިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ