ރާއްޖެ ޖޫނިއަރސް ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި 25 ސްކޫލު

މި މަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 14 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރސް ފުޓްބޯޅަ ޗެމްޕިއަންޝިޕް 2026" މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
ޖުމްލަ ހަ ގްރޫޕަކަށް ޓީމުތައް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 25 ސްކޫލެއްގެ ޓީމުތައް ވާދަކުރާއިރު، ގްރޫޕް 6 ފިޔަވާ ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ، ގްރޫޕް 5 ގައި ފަސް ޓީމު ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތައް ބެހިފައިވާ ގޮތަށް ބަލާއިރު، ގްރޫޕް 1 ގައި ގުޅީ ސްކޫލާއެކު ހިމެނެނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ކަލާފާނު ސްކޫލް އަދި ޢިމާދުއްދީން ސްކޫލެވެ. ގްރޫޕް 2 ގައި މާފުށީ ސްކޫލާއެކު މުޙްޔިއްދީން ސްކޫލްގެ އިތުރުން ކެޔޮދޫ ސްކޫލް އަދި ހުރަވީ ސްކޫލް ހިމެނޭއިރު، ގްރޫޕް 3 ގައި ހިމެނެނީ ތާއްޖުއްދީން ސްކޫލް، ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލް، ހުރާ ސްކޫލް އަދި އދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.
ގްރޫޕް 4 އަކަށް ބަލާއިރު، މި ގްރޫޕްގައި ހިމެނެނީ ހިރިޔާ ސްކޫލް އަދި މަޖީދިއްޔާ ސްކޫލްގެ އިތުރުން ރެހެންދި ސްކޫލް އަދި އަމީނިއްޔާ ސްކޫލެވެ. ގްރޫޕް 5 ގައި ހިންމަފުށީ ސްކޫލް، ދަރުމަވަންތަ ސްކޫލް، އިސްކަންދަރު ސްކޫލް އަދި ޣާޒީ ސްކޫލް ހިނެމޭއިރު، ގްރޫޕް 6 ގައި ހިމެނެނީ ޞަލާޙުއްދީން ސްކޫލް، ޢަރަބިއްޔާ ސްކޫލް، ގުރައިދޫ ސްކޫލް، ކ.އަތޮޅު މަދަރުސާ އަދި ޖަމާލުއްދީން ސްކޫލެވެ.
ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތަކުގައި ގްރޭޑް 7 އިން ދަށުގެ ކުދިންނަށް ނުކުޅެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުސޫލާ ގުޅިގެން ކުރިން ބާއްވަމުން އަންނަ އިންޓަރ ސުކޫލު އެކި އުމުރުފުރާތަކުގެ މުބާރާތްތައް މި އަހަރުން ފެށިގެން ނުބާއްވާ ގޮތައް ވަނީ ހަމަޖެހިފައެވެ. އޭގެ ބަދަލު އިންޓަރ ސުކޫލު މުބާރާތްތައް ބޭއްވެ އެންމެ ދަށް އުމުރު ފުރައަކީ 14 އަހަރުންދަށް ކަމަށްވެސް ވަނީ އެ އުސޫލުގައި ކަނޑައަޅާފައެވެ.
މި އަހަރުން ފެށިގެން ބާއްވާ އިންޓަރ ސުކޫލު 14 އަހަރުން މަތީގެ މުބާރާތްތައް ބޭއްވުމަށް ހަމެޖެހިފަ ވަނީ "ރާއްޖެ ޖޫނިއަރސް ޗެމްޕިއަންޝިޕްގެ ނަަމުގައެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ