ތިލަމާލެ ބްރިޖުގެ ކޮލިޓީއާމެދު ސުވާލެއް ނެތް، އެއީ އެންމެ ފެންވަރު ރަނގަޅު މަސައްކަތް: އެފްކޯންސް

ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ޚަރަދުވާ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ކޮލިޓީއާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، ކުރަނީ އެންމެ މަތީ ފެންވަރުގެ މަސައްކަތް ކަމަށް އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސްއިން ބުނެފިއެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން "ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު އެސްއެމް ވިސްވަމުރްތީ ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ އެންމެ މަތީ ފެންވަރުގައި ކަމަށެވެ. އަދި ފެންވަރު ހިފެހެއްޓުމުގެ އެއްވެސް ކަމެއް ދޫކޮށްނުލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު އެސްއެމް ވިސްވަމުރްތީ --- ސަން ފޮޓޯ: މުޙައްމަދު ޝާން "މިނިސްޓްރީން ކަނޑައަޅައިފައިވާ ބައިނަލްއަގްވާމީ ކޮންސަލްޓަންޓުން ވެސް އަޅުގަނޑުމެންގެ މަސައްކަތް ސުޕަވައިޒްކުރަމުން. އެހެންކަމުން ކޮންމެ މަސައްކަތެއް ވެސް ކޮންސަލްޓަންޓު ގެންދާނީ އޮބްޒާވްކުރަމުން،" މި ފަދަ މަސައްކަތެއް އެއީ ހަޔާތުގައި އެންމެ ފަހަރަކު ކުރަން ލިބޭ ފަދަ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ މަސައްކަތެއްގައި ވެސް އެފްކޯންސްއިން ކުރާނީ އެންމެ މަތީ ފެންވަރުގެ މަސައްކަތް ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ކަނޑުގައި ކުރި ޕައިލިންގެ މަސައްކަތަކީ އެންމެ ފުނުގައި ކުރި އެ ފަދަ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 122 މީޓަރު އަޑިއަށް ޕައިލިން މަސައްކަތް ކުރިއިރު އެއީ ރެކޯޑަކަށް ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިސްވަމުރްތީ ވިދާޅުވިއެވެ. ތިލަމާލެ ބްރިޖުގެ ސެގްމަންޓުތައް ގުޅުވުމުގެ މަސައްކަތުގެ ތެރެެއިން ޕްރީކާސްޓެއް -- ސަން ފޮޓޯ: މުޙައްމަދު ޝާން އެހެންވެ ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއަށް ވެސް ހުށަހަޅައިފައިވާ ކަމަށާއި، ވޯލްޑް ރެކޯޑު ޓީމުން އައިސް އެ ތަންތަން ބެލި ކަމަށް ވިދާޅުވިއެވެ. އަދި ބްރިޖުގެ މަސައްކަތް ނިމުމުން، އެންމެ ފުނުގައި އެޅި ޕައިލް ފައުންޑޭޝަންގެ ރެކޯޑު ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. މި މަސް ނިމޭއިރު މާލެއާއި ވިލިމާލެއާ ދެމެދު މަސައްކަތުގެ 70 ޕަސެންޓު ނިމޭނެ ކަމަށާއި، މާލެއާއި ވިލިމާލެއާ ދެމެދު ސެގްމަންޓް ޑިރެކްޝަންގެ މަސައްކަތް ނިމުމުން ވަރަށް ގިނަ ކަންކަން ފަސޭހަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://sun.mv/216715 ޖުމްލަ ހަތް ކިލޯމީޓަރެއްހައި ދިގުމިނަށް ދެމިގެން ދާނެ މި ބްރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭނެ ބޮޑު، މުހިންމު ބްރިޖެކެވެ. މި ބްރިޖުގައި ކޮޅަކަށް ދެ ލޭނު ހުންނައިރު، އެއް ކޮޅުގައި ހިނގާ މީހުންނަށް ޖާގައެއް އޮންނައިރު، އަނެއް ކޮޅުގައި ކަރަންޓު، ފެން ފަދަ ކަންކަމަށް ޚާއްސަ ހޮޅި ބަހައްޓަން ޖާގަހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ