ބަންސާލީގެ 'ލަވް އެންޑް ވޯ' އަންނަ އަހަރަށް ފަސްކޮށްފި
ބޮލީވުޑްގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމު "ލަވް އެންޑް ވޯ"ގެ ޔުނިޓު މެމްބަރަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ އަންނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބްރުއަރީ މަސް ތެރޭގައެވެ. ފިލްމު "ލަވް އެންޑް ވޯ" އަންނަ އަހަރަށް ފަސްކުރެވުނު ވާހަކަތަކެއް ދެކެވޭއިރު އެންމެ ފުރަތަމަ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމީ މިދިޔަ އަހަރެވެ. އޭގެ ފަހުން މި އަހަރު ފިލްމު ރިލީޒްކުރުމުގެ މަސައްކަތް ސަންޖޭގެ ޓީމުން ކުރަމުން އަންނަ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމު "ލަވް އެންޑް ވޯ"ގެ ލީޑް ތަރިން ކަަމަށްވާ ވިކީ ކޯޝަލް، އާލިއާ ބަޓް، ރަންބީރު ކަޕޫރު އަދި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ--ފޮޓޯ/ހިންދުންސްތާންޓައިމްސް ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި "ލަވް އެންޑް ވޯ" ބެލުންތެރިންނަށް ގެނެސްދިނުން ފަސް ކުރުމަށް ނިންމީ އެ ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން އަދިވެސް ނުނިމި އޮތުމާ ގުޅިގެންނެވެ. މިހާރު ޝެޑިއުލް އޮތް ގޮތުން ފިލްމުގެ މަސައްކަތް އެންމެ ލަސްވެގެން މި އަހަރުގެ ޖޫން މަހު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބަންސާލީ ޕްރޮޑަކްޝަންއާ ހަވާލާދީ ޕިންކްވިލާއިން ވަނީ ބުނެފައެވެ. ރަންބީރު ކަޕޫރު، ވިކީ ކޯޝަލް އަދި އާލިއާ ބަޓް ލީޑް ރޯލް ކުޅޭ "ލަވް އެންޑް ވޯ"އަކީ އެ ފިލްމު އިއުލާނުކުރީއްސުރެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. މިއީ މި ތިން ތަރިން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ