ސަރުކާރު ޓެކްސީ ޚިދުމަތް ހިލޭ ދޭ މުއްދަތު އިތުރުކުރުމަކީ، އަމިއްލަ ޓެކްސީތަކަށް ލިބޭ ފޫނުބެއްދޭ ގެއްލުމެއް: އެސޯސިއޭޝަން

ސަރުކާރު ޓެކްސީ ޚިދުމަތް ހިލޭ ދޭ މުއްދަތު އިތުރުކުރުމަކީ، އަމިއްލަ ޓެކްސީތަކަށް ފޫނުބެއްދޭ ގެއްލުމެއް ލިބޭ ކަމެއް ކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާ، ޑްރައިވާސް އެސޯސިއޭޝަނުން މިއަދު ބުނެފިއެވެ. ސަރުކާރު ކުންފުނި އެމްޓީސީސީން ހިންގާ 'މާލެ ޓެކްސީ' ޚިދުމަތް ފެށީ މި ހިނގާ އޭޕްރީލްމަހުގެ ކުރީކޮޅުގައެވެ. އޭރު އެމްޓީސީސީން ބުނެފައިވަނީ ޓެކްސީގެ ޚިދުމަތް ތަޖުރިބާކޮށްލުމަށް އެއް ހަފުތާއަށް ހިލޭ ދަތުރުތައް ކުރިއަށް ދާނެކަމަށެވެ. ނަމަވެސް މިމަހުގެ ނުވަވަނަ ދުވަހަށް ހަފުތާއެއް ވެފައިވާއިރުވެސް، އެ ޚިދުމަތް އަދިވެސް ދެމުން އަންނަނީ ހިލޭކަމަށް އެމްޓީސީސީން މިއަދު ވަނީ ބުނެފައެވެ. https://sun.mv/220482 ސަރުކާރުން ފަށާފައިވާ ޓެކްސީ ޚިދުމަތާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޑްރައިވަރުންގެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީގެ ޚިދުމަތަކީ ޒަމާނުންސުރެ އާންމު ޑްރައިވަރުންނާއި ސެންޓަރުތަކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތެއް ކަމަށެވެ. އެހެންކަމުން މިއީ އެތައް ސަތޭކަ ދިވެހި އާއިލާތަކާ ސީދާ ގޮތުން ގުޅިފައިވާ ދާއިރާއެއް ކަމަށާއި، މި ދާއިރާގެ ތެރެއަށް ސަރުކާރުން ވަނުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށް ބަޔާނުގައިވެއެވެ. އެ ޖަމިއްޔާއިން ތުހުމަތު ކުރި ގޮތުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ދެމުން އަންނަނީ ހުރިހާ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ވެސް ތަބާވުން މަޖުބޫރުކޮށް، ސަރުކާރުން ހަދާފައިވާ ގަވާއިދާ ވެސް ޚިލާފަށެެވެ. ދައުލަތުގެ ވަސީލަތަކުން އާންމު ވިޔަފާރީގެ ތެރެއަށް ވަނުމަކީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ، ދެމެހެއްޓުމުގެ ގާނޫނުގެ އެތަކެއް މާއްދާތަކަކާ ޚިލާފުވުން. އަދި ވަކިން ޚާއްސަކޮށް، ސަރުކާރުން އަމިއްލަ އެޕްލިކޭޝަން ތައްޔާރުވަންދެން މި ޚިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، އިގުތިސާދީގޮތުން ދަތި މި ދަނޑިވަޅުގައި، އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ލިބޭ ފޫނުބެއްދޭ ގެއްލުމެއް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޓެކްސީ ސެންޓަރުތަކާއި ޓެކްސީ އެޕްލިކޭޝަން ހިންގާ ފަރާތްތަކާއި ޓެކްސީ ޑްރައިވަރުން ހަރުކަށި އުސޫލުތަކުން ރެގިއުލޭޓްކޮށް، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުން ހިންގާ ޓެކްސީ ޚިދުމަތް ދެމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ. އެ ޖަމިއްޔާއިން ވަނީ، އަމިއްލަ ޓެކްސީތަކާއި ސަރުކާރުގެ ޓެކްސީ ލައިނާ ދެމެދު ތަފާތުކުރުން ނުގެންގުޅެ ހަމަހަމަކަން ގާއިމް ކުރުމަށް ގޮވާލާފައެވެ. މީގެ ކުރިން، ޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ނިޔާޒް ވިދާޅުވީ، ސަރުކާރުގެ ޚިދުމަތް ފެށި ފަހުން، ބައެއް ގަޑިތަކުގައި ކުރަން ލިބޭ ދަތުރުތައް މަދުވާ ކަމަށާއި ނަމަވެސް އެއީ ޓެކްސީ ލައިނާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. https://sun.mv/220324 ސަރުކާރުން ޓެކްސީ ލައިންގެ ޚިދުމަތް ފަށާފައިވަނީ ޓެކްސީ ޚިދުމަތް ލިބުމުގައި ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައި ދިނުމަށެވެ. ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ