އާޝާ ބޯސްލޭގެ ފުރަތަމަ ކައިވެނީގެ ހިތްދަތި ތަޖުރިބާތައް

އިއްޔެ މެންދުރުގެ ވަގުތެއްގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވުމާ ގުޅިގެން، ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ އޭނާގެ ހަޔާތާ ގުޅޭ ތަފާތު މައުލޫމާތުތަކާއި ފޮނި ހަނދާންތަކުގެ މައްޗަށެވެ. އުމުރުން އެންމެ 10 އަހަރުގައި މިއުޒިކީ ދާއިރާއަށް ނުކުތް އާޝާ އަކީ ފަންނީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ. ނަމަވެސް އޭނާގެ އަމިއްލަ ދިރިއުޅުމަކީ ހިތްދަތި ގޮންޖެހުންތަކާއި ހިތްވަރުގަދަ ނިންމުންތަކުން ފުރިގެންވާ ދިރިއުޅުމެކެވެ. އާޝާ މި ދުނިޔެއާ ވަކިވެގެންދިޔައިރު، އޭނާއަކީ ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ބަލާ ހިތްވަރުގަދަ ޝަހްސިއްޔަތެކެވެ. އަމިއްލަ ހަޔާތުގައި ދިމާވި ހިތްދަތި ހާދިސާތަކުގައި އޭނާ ސާބިތުކޮށްދިން ކެތްތެރިކަމަކީ އެހެން މީހުންނަށް އޮތް ވަރަށް ބޮޑު މިސާލެކެވެ. ދުނިޔޭގައި ހުރިއިރު އެކިފަހަރު މަތިން މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކެއްގައި އާޝާ ވަނީ އޭނާގެ ފުރަތަމަ ކައިވެނީގައި އުފުލަންޖެހުނު ތަކުލީފުތަކުގެ ވާހަކަ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކިޔައިދީފައެވެ. އާޝާ ބޯސްލޭ ފުރަތަމަ ކައިވެނިކުރި ގަންޕަތުރާއޯ ބޯސްލޭ އަދި އެ ކައިވެންޏަށް ލިބުނު ތިން ކުދިންނާ އެކު. ފަހުން އާޝާ ބޯސްލޭ ވަނީ ކުރީގެ ކުޅަދާނަ މިއުޒީޝަން އާރްޑީ ބަރުމަންއާ ކައިވެނިކޮށްފައި--ފޮޓޯ/ފިލްމުފެއަ އަޝާ ބޯސްލޭގެ ފުރަތަމަ ކައިވެނި: އާޝާ އޭނާގެ ފުރަތަމަ ކައިވެނި ކުރީ އުމުރުން އެންމެ 16 އަހަރުގައެވެ. އޭނާ މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވާ ގޮތުގައި، އުމުރުން 31 އަހަރުގެ ގަންޕަތުރާއޯ ބޯސްލޭއާ އޭނާ ކައިވެނިކުރީ އާއިލާގެ ނުރުހުމުގައެވެ. "އަހަރެން ކައިވެނި ކުރީ އުމުރުން ވަރަށް ހަގުއިރު، އަހަރެންނަށް ވުރެ 20 އަހަރު ދޮށީ މީހަކާ. އެއީ ލޯބީގެ ކައިވެންޏެއް ނަމަވެސް، ލަތާ ދީދީ (ލަތާ މަންގޭޝްކަރް) އެކަމާ ހިތްހަމަނުޖެހިގެން ވަރަށް ގިނަ ދުވަސްވަންދެން އަހަރެންނާ ވާހަކަ ނުދައްކާވެސް ހުރި. އެއީ ވަރަށް ބޮޑަށް އާދަކާދަތަކަށް ތަބާވާ އާއިލާއެއް ކަމުން، ލަވަކިޔުންތެރިއަކު އެ އާއިލާގެ ޅީދަރިއަކަށް ވުން އެމީހުންނަކަށް ބަލައެއް ނުގަނެވުނު،" އާޝާ ކިޔައިދީފައިވެއެވެ. ފުރަތަމަ ކައިވެނީގެ ތަކުލީފުތައް: އާޝާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބައޮގްރަފީގައި ބަޔާންކޮށްފައިވާ ގޮތުން، އެ ކައިވެނީގައި އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެންމެ ފަހުން އޭނާގެ ހަގު ދަރިފުޅަށް ބަނޑުބޮޑު ދުވަސްވަރު ގެއިން ނުކުމެގެން ދާން މަޖުބޫރުވިއެވެ. އެހެންނަމަވެސް، އާޝާ ބުނެފައި ވަނީ އޭނާގެ ހިތުގައި އެއްވެސް މީހަކާ މެދު ޝަކުވާއެއް ނެތް ކަމަށާއި، އެ ކައިވެނި ނުކުރި ނަމަ އޭނާގެ ލޯބިވާ ތިން ދަރިން ނުލިބުނީސް ކަމަށެވެ. ފިރިމީހާގެ ރުޅިވެރިކަމުގެ ކުރިމަތީގައި ވެސް އާޝާ މަސައްކަތް ކުރީ އަތްބެއްގެ ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރުމަށެވެ. "އަހަރެންނަށް ވަރަށް އިހާނެތިކޮށް ކަންތައް ކުރި. އެންމެ ފަހުން އަހަރެންގެ ހަގު ދަރިފުޅު އާނަންދަށް ބަނޑުބޮޑު ދުވަސްވަރު، ގެއިން ނުކުމެގެން ދާން މަޖުބޫރުވި. އެ ހިސާބުން އަހަރެން އެނބުރި އަމިއްލަ އާއިލާގެ ގާތަށް ދިޔައީން. އެހެންނަމަވެސް، އަހަރެން އެއްވެސް މީހަކު އެކަމުގައި ކުށްވެރިއެއް ނުކުރަން. އެއްވެސް މިހަކާ މެދު ހިތުގައި ޝަކުވާއެއް ވެސް ނެތް" ދުނިޔޭގެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ލަވަކިޔުންތެރިޔާ ބުނެފައިވެއެވެ. އެ ދުވަސްވަރު ނަފްސާނީ ގޮތުން ވެސް މީހާ ބަލިކަށިވި ކަމަށާއި ނަމަވެސް ކުދިންގެ ހައްގުގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރި ކަމަށް އާޝާ ވަނީ ބުނެފައެވެ. އާޝާ ބޯސްލޭ ހުރި ހަމައެކަނި މާމަ ދަރިފުޅު ޒަނާއީ ބޯސްލޭއާ އެކު--ފޮޓޯ/ފިލްމުފެއަ އާރް.ޑީ ބަރްމަންއާއެކު އާ ދިރިއުޅުމެއް: ފުރަތަމަ ކައިވެނީގެ ހިތްދަތި ދުވަސްތަކަށްފަހު، އާޝާ ދެން ކައިވެނި ކުރީ މަޝްހޫރު މިއުޒިކް ކޮމްޕޯޒާ އާރްޑީ ބަރްމަންއާއެވެ. ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ކުރި މި ކައިވެނީގައި ވެސް ބައެއް ގޮންޖެހުންތައް ކުރިމަތިވެ، ފަހުން ދެމީހުން ދިރިއުޅުނީ ވަކިންނެވެ. އެހެންނަމަވެސް، 1994 ވަނަ އަހަރު ބަރްމަން ނިޔާވުމާ ހަމައަށްވެސް ދެމީހުންގެ މެދުގައި ގާތް ރަހްމަތްތެރިކަން އޮތްއިރު އެކަކު އަނެކަކަށް ވެސް ދެ މީހުންގެ ހިތުގައި އިހުތިރާމް އޮތްކަން އާޝާ ވަނީ ފާޅުކޮށްފައެވެ. އާޝާގެ ފުރަތަމަ ކައިވެންޏަށް ތިން ކުދިން ލިބިފައިވާއިރު އޭގެ ތެރެއިން ދެ ކުދިން ވަނީ ދުނިޔެދޫކޮށްފައެވެ. މިހާރު ދުނިޔޭގައި ހުރި އާޝާގެ ހަގު ދަރިފުޅު އާނަންދު ބޯސްލޭ އަކީ ލަވަކިޔުންތެރިޔާގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. އާޝާއާ އެކު ވަރަށް ގާތް ގުޅުމެއް އޮންނަ އާނަންދުގެ ދަރިފުޅު ޒަނާއީ ބޯސްލޭ މީގެކުރިން މީޑިއާތަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ މާމަ އާޝާ އަކީ އޭނާގެ ދުނިޔެ ކަމަށެވެ. އާޝާގެ ވަކިވުމާ ގުޅިގެން އެންމެ ފުން ހިތާމައެއްކުރި އެކަކީ ވެސް ޒަނާއީ ބޯސްލޭއެވެ. އާޝާ ބޯސްލޭ އާއި އާރްޑީ ބަރުމަން އަކީ ހިންދީ ސިނަމާގެ ތާރީހުގައި ފަނޑުވުމެއް ނެތް މިއުޒިކީ އާސާރުތަކެއް ބިނާކުރި ދެ ފަންނާނުންނެވެ. މި ދެ ފަންނާނުން ވަނީ 287 ފިލްމެއްގައި އެކުގައި މަސައްކަތްކޮށް، 840 އަށްވުރެ ގިނަ ލަވަ އުފައްދާފައެވެ. އެހެންކަމުން އާޝާގެ މިއުޒިކީ ކެރިއަރު އެންމެ އުހަށް ގެންގޮސްދިނުމުގައި ހަގީގީ މޭސްތިރިއަކީ އާރްޑީ ބަރުމަން ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ