ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި އަދި ޑޭޓާ ސެންޓަރެއް ގާއިމްކުރަނީ

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ގުޅިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމް ކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.މި ސެންޓަރު ޤާއިމްކުރުމުގެ އެއްބަސްވުމުގައި މައިންޑްކޯގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ، އެބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.މި ސަރުކާރުން ގެންގުޅޭ 'މޯލްޑިވްސް 2.0' ޑިޖިޓަލް ސިޔާސަތުގެ ދަށުން ތަރައްގީކުރާ މި ސެންޓަރަކީ، އެ ދެ ކުންފުނިން ބުނި ގޮތުގައި، ދައުލަތުގެ އިދާރާތަކަށާއި އިގްތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވެދޭނެ ގައުމީ ވަސީލަތެކެވެ.މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ގައުމުގެ ތަރައްގީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށްޓަކައި އާންމު ހިދުމަތްތައް ރަނގަޅުކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ވިލުންތެރި އިގްތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުމެވެ.ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމަށް، އޭއައި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް ދައުވަތު ދީ، އެ ފަރާތްތަކާ ގުޅިގެން މި ސެންޓަރުން މަސައްކަތްކުރާނެ ކަމަށް މައިންޑްކޯ އަދި ބީއެމްއެލް އިން ބުންޏެވެ.އެ ދެ ކުންފުނިން ބުނި ގޮތުގައި، ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި އަލަށް ފަށާ ވިޔަފާރިތަކާއި މި ދާއިރާގެ މާހިރުންނާ އެކު ރޭވުންތެރިކަމާ އެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް މި ސެންޓަރުން މަސައްކަތްކުރާނެ އެވެ.ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްގެ ތަޖުރިބާ ހުރި ދާއިރާތައް ކަމަށްވާ ޑިޖިޓަލް ޕޭމެންޓް، ފައިނޭންޝަލް ޓެކްނޮލަޖީ، ޑޭޓާ އާއި އޭއައި ބޭނުންކުރުމުގައި ހޯދަމުން އަންނަ ތަޖުރިބާ، މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމުގައި އެހީތެރިވެދޭނެކަން އެ ބޭންކުން ފާހަގަކުރި އެވެ.މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް ހަރުދަނާކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް ފަސޭހަވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ