ރާއްޖޭގައި މިހާރު ތުރުކީ ސިފައިން އެބަތިބި، ދެން އަންނާނީ އެމެރިކާ ސިފައިން: އެމްޑީޕީ

މި ސަރުކާރުން ވެރިކަމަށް އައީ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ހިންގި ހަރަކާތަކަށް ފަހު ނަމަވެސް، މިހާރު ރާއްޖޭގައި އިންޑިއާއާއި ތުރުކީގެ ސިފައިން ތިބި ކަމަށާއި ދެން އަންނާނީ އެމެރިކާގެ ސިފައިން ކަމަށް، ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމަށް ގޮވާލައި 'އިންޑިއާ އައުޓް' ހަރަކާތް ހިންގުމަށް ފަހު ވެރިކަމަށް އައި މި ސަރުކާރުގައި، މިހާރު ކުރިއަށް ވުރެ ގިނައިން އިންޑިއާ ސިފައިން ރާއްޖޭގައި އެބަ ތިބި ކަމަށެވެ. އޭގެ އިތުރުން، ތުރުކީން ދިން ޑްރޯންތައް ބޭނުންކުރަން ދަސްކޮށް ދޭން ކަމަށް ބުނެ، އެ ގައުމުގެ ސިފައިން ވެސް މިހާރު ރާއްޖޭގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. "ދެން ކުރިއަށް މިއޮތީ އެމެރިކާ ސިފައިން ދިވެހިރާއްޖެއަށް އައުން، ޗާގޯސް ލިބިއްޖެއްޔާ އެ ތަނަކީ އެމެރިކާއަށް ހިބައިން ދޭނެ ތަނެއް ކަމަށް މިހާރު އެ އޮތީ އަޑުތައް އަރައިފައި، އެއީ އެކަން ހިނގާތީ،" އަމީން ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރެއްވީ، އެމެރިކާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅަކަށެވެ. އެގޮތުން އެ މަނިކުފާނު ވަނީ، ޗާގޯސްގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެ ނަމަ، އެ ސަރަހައްދުގައި އެމެރިކާއިން ހަދައިފައިވާ އަސްކަރީ މަރުކަޒު، އެމެރިކާއިން ހިންގަމުން ދިޔުމާ ގުޅޭ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/217443 އިނގިރޭސިވިލާތުގެ އިސްތިއުމާރުގެ ދަށުގައި މޮރިޝަސް އޮތް ދުވަސްވަރު، އެ ގައުމުން އަތުލި ޗާގޯސްގެ މިލްކުވެރިކަމާ ދެމެެދު ދެ ގައުމުގެ މެދުގައި އެތައް އަހަރެއް ވަންދެން އަރައިރުންތައް އޮތީ ބޮޑުވެފައެވެ. ނަމަވެސް މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ. އެއީ ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާއިން އަޅައިފައިވާ އަސްކަރީ މަރުކަޒު އޭގެ ފަހުން ވެސް އެމެރިކާއަށް ބޭނުންކުރެވޭނެ ކަމަށް ހަދައިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ޗާގޯސްގެ މިލްކުވެރިކަމަށް ރާއްޖޭން ވެސް ވަކާލާތުކޮށްފައިވާއިރު، ރައީސް ވަނީ ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު: އެ މަނިކުފާނު ވަނީ ރާއްޖެއަށް ޗާގޯސް ލިބިއްޖެ ނަމަ، އެމެރިކާއަށް ޑިއޭގޯ ގާސިއާގައި ތިބެވޭނެ ގޮތް ހެދޭނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: ރައީސް އޮފީސް އަމީން ތުހުމަތު ކުރެއްވީ، ރާއްޖެއަށް ޗާގޯސް ލިބޭ ހާލަތެއްގައި، އެ ސަރަހައްދުގައި އެމެރިކާގެ މަަރުކަޒު ހިންގަން ހުއްދަ ދޭން އުޅެނީ މި ސަރުކާރުން ނާޖާއިޒު ގޮތުގައި ފައިސާ ނަގައިގެން ކަމަށެވެ. "އިންޑިއާ ސިފައިން އެބަތިއްބެވި ރާއްޖޭގައި ކުރިއަށް ވުރެ ގިނައިން، ތުރުކީ ސިފައިން ޑްރޯންތަކާއި މި ކަންކަމުގައި ދިވެހީންނަށް ދަސްކޮށްދޭން ނަމުގައި ރާއްޖޭގައި އެބަ އުޅޭ. އެމެރިކާ ސިފައިން އަންނަން މި ތައްޔާރުވަނީ މި ބޭފުޅުންނަށް ބައި އެޅޭ ގޮތަށް ފައިސާ ނަންގަވައިގެން، ނާޖާއިޒު ގޮތުގައި ފައިސާ ނަންގަވައިގެން،" އޭނާ ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން، މި ސަރުކާރުގެ ގިނަ ވެރިން އިސްކޮށް ތިއްބަވައި ދިގު މުއްދަތަކަށް 'އިންޑިއާ އަައުޓް' ހަރަކާތް ކުރިއަށްގެންދިޔައެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭރުކުރާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް 2024ގެ މެއި މަހު އިއުލާންކޮށްފައެވެ. https://x.com/MDPSecretariat/status/2019008039580528778 މި ސަރުކާރުން އޭރު ވަނީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކަޕްޓަރުތައް އޮޕަރޭޓުކުރަން އެ ގައުމުގެ މަދަނީން އަންނާނެ ކަމަށް އޭރު ބުނެފައެވެ. ނަމަވެސް އެމްޑީޕީން ތަކުރާރުކޮށް ވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން އަދިވެސް ތިބޭ ކަމަށް ތުހުމަތުކޮށްފައެވެ. އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުންނާއި، ވެރިކަމުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކުރި މައްސަލައިގައި އެ ގައުމާ ރާއްޖެއާ ގުޅުން ގޯސްވިއެވެ. ނަމަވެސް، ރާއްޖެއަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާ އިންޑިއާއާ ގުޅުން ބަދަހިކުރުމަށް ފަހުން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ