ދާއިރާ ރަނގަޅަށް އެނގޭނީ ޑަބްލިޔުޑީސީއަށް، އެއީ ''އެއްވެސް ބަޔެއް ނޫން'' ކަމަށް ދެކުން ހުއްޓާލަން ޖެހޭ: ސާޖިދާ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ މެންބަރުންނަކީ އެއްވެސް ބަޔެއް ނޫން ކަމަށް ދެކުން ހުއްޓާލަން ޖެހޭ ކަމަށާއި، އެ ކޮމިޓީއެއް މަސައްކަތް ކުރާ ދާއިރާއެއްގެ މީހުންގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގޭނީ ޑަބްލިޔުޑީސީއަށް ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ޑަބްލިޔުޑީސީއަށް ވާދަކުރާ އާޝިޔަތު އަލައިކާގެ ކެމްޕެއިން އޮފީސް މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ، އަންހެނުންނަށް ދިމާވާ އެކި ގޮންޖެހުންތަކާ ގުޅޭ ގޮތުން ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންގެ ބަސް ހިމެނޭނީ ސީދާ އަންހެނުން ގޮސް އެ މައުލޫމާތު ފޯރުކޮށްދިނުމުން ކަމަށެވެ. ޑަބްލިޔުޑީސީއެއް އޮންނަން ޖެހޭނީ އެހެންވެ ކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ. "ވަރަށް ގިނަ ބޭފުޅުން، މިއީ ކީއްކުރާ ކޮމިޓީއެއްހެއްޔޭ، މި ތަނުން ކީއްހޭ ކުރާނީ، އެއްގޮތަކަށް ވެސް މިގޮތަށް އަޅުގަނޑުމެން ވިސްނައިގެން ނުވާނެ، އެއީ އަންހެނުން އަންހެނުންނަށް ބާރުވެރި ކުރެވޭނީވެސް،" ސާޖިދާ ވިދާޅުވިއެވެ. ޕީއެންސީން ބޭއްވި ދިވެހީންގެ ރާއްޖެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން: ސާޖިދާ ވަނީ، ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލައްވައިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް އެ ކަމަނާ ވިދާޅުވީ، އަންހެނުން އެކަކު އަނެކަކަށް އެހީވާން ޖެހޭ ކަމާއި، ޑަބްލިޔުޑީސީ އޮންނަން ޖެހޭކަން އަންހެނުން ފުރަތަމަ ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެގޮތަށް އަމަލު ނުކޮށް، އަންހެނުން ޑަބްލިޔުޑީސީ ދެރަކޮށް، ވާހަކަ ދައްކާނަމަ އެއީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި ސާޖިދާ ސިފަކުރެއްވިއެވެ. އެ ކަމަނާ ވިދާޅުވީ، އެ ސަބަބަށް ޓަކައި، ޑަބްލިޔުޑީސީއަށް ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވަން، އަންހެނުން ނުކުންނަން ޖެހޭ ކަމަށެވެ. އަންހެނުން ބާރުވެރިކުރުވާ ވާހަކަ އަބަދުވެސް ދައްކާއިރު މިފަދަ ކޮމިޓީއެއް އެކުލަވައިލާއިރު އެ ކޮމިޓީގެ އަންހެން ބޭފުޅުންނަކީ އެއްވެސް ބަޔެއް ނޫން ކަމަށް އަޅުގަނޑުމެން ފުރަތަމަ ދެކޭއިރު އެ ދެކޭ ދެކުމަކީ ގޯހެއް. އެހެން ދެކޭނަމަ ދެން ކޮން ބައެއްތޯ އަޅުގަނޑުމެން ބާރުވެރިކުރުވަން ނުކުންނާނީރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެ ކަމަނާ ވިދާޅުވީ، ޑަބްލިޔުޑީސީގެ މެންބަރުންނަކީ އެ ދާއިރާއެއްގެ މީހުންނާ އެންމެ ގާތުން ބައްދަލުވެ، އެންމެ ގާތުން އެ މީހުންގެ އިހުސާސްތައް ދެނެގަނެވޭނެ މީހުން ކަމަށެވެ. "އެހެންކަމުން މި މައުލޫމާތުތައް ކައުންސިލާ ހަމައަށް ވެސް ގެންދިޔުމުގައި އެންމެ ފަސޭހަ ބޭފުޅުން ކަމުގައި އަޅުގަނޑަށް ހަމަ ޔަގީނުން ވެސް ވާނީ އަޅުގަނޑު ގަބޫލުކުރަނީ އަންހެން ބޭފުޅުން ކަމަށް،" ސާޖިދާ ވިދާޅުވިއެވެ. އެހެންވެ، ޑަބްލިޔުޑީސީގެ މެންބަރުންނަކީ ސަރުކާރާ ރައްޔިތުންނާ ގުޅުވައިދޭ ބަޔަކަށް ހަދަން އެބަޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ޕީއެންސީގެ މެންބަރުން ހޮވައިގެން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީންނެވެ. މި ވަގުތު، 74,000އަށް ވުރެ ގިނަ މެންބަރުންނާއެކު، އެންމެ ބޮޑު ޕާޓީއަކީ ވެސް އެ ޕާޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ