ބުރާސްފަތި ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި މަސް ކޭސް ދޫކުރާނީ މިފްކޯ ފިހާރައިން
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސްތައް މާލެ ސަރަހައްދުގައި 15 ތަނަކުން ދޫކުރަމުން އައި ނަމަވެސް، އަންނަ ބުރާސްފަތިން ފެށިގެން ދޫކުރާނީ އެންމެ ތަނަކުން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ. ރޯދަ ހަދިޔާގެ ގޮތުގައި މިއީ މަސްކޭސް ދޫކުރާ ދެވަނަ އަހަރެވެ. މިއަހަރު މަސްކޭސް ދޫކުރަން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ. އެރޭ އެކަނިވެސް 4،196 ކޭސް ދޫކުރިއެވެ. ލޯކަލް ގަވަމެންޓް މިނިސްޓްރީން އިންތިޒާމުކޮށްގެން، މާލެ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސް ކޭސް ބަހަމުންދެއެވެ. އެއީ، މާލޭގެ އަށް މަރުކަޒާއި ވިލިމާލޭގެ މަރުކަޒަކާއި ހުޅުމާލޭގެ ހަ މަރުކަޒެއްގައެވެ. އާދަމް ޝަރީފް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުން މިހާރު ކުރިއަށްދާ ތަންތަނުގައި ކުރިއަށްދާނީ އަންނަ ބުދައިގެ ނިޔަލަށް ކަމަށެވެ. https://x.com/Adamshareefz/status/2019086086866362638 އޭގެ ފަހުން ރޯދަ ހަދިޔާ ދޫކުރާނީ މާފަންނުގައި ހުންނަ މިފްކޯ ފިހާރައިން ކަމަށް އޭނާ ވިދާޅުވިއެވެ. ރަށްރަށުގައި މަސް ކޭސް ދޫކުރަނީ، އެ ރަށްރަށުގެ ކައުންސިލުތަކުންނެވެ. މި އަހަރު 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހާނެއެވެ. އެއީ، ރަށްރަށުގެ 56،918 ގޭބީސީއަކަށާއި މާލެ ސަރަހައްދުގެ 61،755 ގޭބީސީއަކަށެވެ. ލޯކަލް ގަވަމެންޓް މިިނިސްޓްރީން މިއަދު ބުނި ގޮތުގައި ރޭގެ ނިޔަލަށް 35،132 މަސްދަޅު ކޭސް، ގޭބިސީތަކަށް ދޫކޮށްފައިވެއެވެ. https://sun.mv/217089 އެ މިނިސްޓްރީން ބުނީ ރޭގެ ނިޔަލަށް މާލެ ސަރަހައްދުގެ 53.5 ޕަސެންޓް ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މަސްދަޅު ކޭސްތައް މިހާރު ފޮނުވައިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ބާޒާރުގައި މިފްކޯއިން މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. އެހެންކަމުން 118،977 މަސްދަޅު ކޭސް ނަމަ އެއީ ޖުމުލަ 90.4 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ