ދިހަ އަހަރަށް ފަހު، ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވެފައިވާ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން، މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފަހު މެޗުން 2-0 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
ލީގުގައި އެންމެ ފަހުން، ޔުނައިޓެޑް ވިކްޓަރީން ކުޅުނު މެޗުގައި، ކްލަބް ވެލެންސިއާއާ އެއްވަރުވެ، 10 އަަހަރަށް ފަހު ފުރަތަމަ ޑިވިޝަނުން ވަނީ ރެލިގޭޓްވެފަ އެވެ. މިރޭގެ މެޗުން ވިކްޓަރީ އަތުން ބަލިވެ، ޔުނައިޓެޑް ވިކްޓަރީން ލީގު ނިންމާލީ 18 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 10 ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ދެ ބުރުގެ ކުޅުން ނިމޭއިރު ފުލަށް ދާ ދެ ޓީމެއް އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އަށް ދާ ޓީމާއި އަށް ވަނައިގައި ނިންމާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީން ދެ ލަނޑު ޖެހީ ވެސް މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، މި ދެ ލަނޑު ވެސް ޖެހީ އެ ޓީމުގެ މިސްރު ފޯވާޑް، މުސްތަފާ މުހައްމަދު އަލް ޝާޒްލީ އެވެ. އެ ގޮތުން، 83 ވަނަ މިނިޓްގައި އޭނާ ފުރަތަމަ ލަނޑު ޖެހީ އޭރިއާތެރެއިން، މޫސާ އަޒީމް ހަަސަން ނަގައިދިން ބޯޅައަކުން އެއް ފަހަރުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
އޭގެ ހަތަރު މިނިޓް ފަހުން، ބޯޅަ ހިފައިގެން އޭރިއާތެރެއަށް ދުވެފައި ވަދެ، ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން މަހުމޫދު ވަނީ ޔުނައިޓެޑް ވިކްޓަރީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
މި މެޗުގައި ވިކްޓަރީގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، އަހުމަދު ރިޒްވާން (ރިޒޭ) އަދި، ސްލޮވާކިއާގެ ފޯވާޑް، މިލޯސް ލެޗްނީ އަށް ޔުނައިޓެޑް ވިކްޓަރީ ކައިރިން ކުރި އެޓޭކުތަކުގައި ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.
ލީގުގެ ދެ ވަނަ ބުރު ރަނގަޅު ފޯމެއްގައި ފެށި، ވިކްޓަރީން ނިންމާލާފައި މި ވަނީ ދަށްކޮށެވެ. އެ ގޮތުން، ވިކްޓަރީން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެ ޓީމުން ސީޒަން ނިންމާލީ ހަ ވަނައިގައި 18 މެޗުން 21 ޕޮއިންޓާ އެކު އެވެ.
ޔުނައިޓެޑް ވިކްޓަރީން ފަހު މެޗުގައި ވިކްޓަރީ ބަލިކޮށްފި ޔުނައިޓެޑް ވިކްޓަރީން ފަހު މެޗުގައި ވިކްޓަރީ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ