ހިޔާ ފްލެޓެއްގައި ޒުވާބުކޮށް، މަންމަގެ ފޯނު ހަލާކުކޮށްލި ވާދޫ މީހަކު ޖަލަށްލާން ހުކުމްކޮށްފި
ހުޅުމާލޭ، ދެވަނަ ފިޔަވަހީ ހިޔާ ފްލެޓެއްގައި މަންމައާ ޒުވާބުކޮށް، މަންމަގެ ފޯނާއި ޓީވީއެއް ހަލާކުކޮށްލި ފިރިހެނަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ، މިދިޔަ އޮކްޓޫބަރު މަހު ހިޔާ ފްލެޓެއްގައި މަންމައާ ޒުވާބުކޮށް، މަންމަގެ ސެމްސަންގް ފޯނަކާއި، ގޭގެ ސިޓިން ރޫމުގައި ހުރި ޓީވީ ހަލާކުކޮށްލި މައްސަލައެވެ. އެ މައްސަލައިގައި، ގދ. ވާދޫ މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ރައްދުވީ ވާދޫ މީހާވަނީ އޭނާ، އޭނާގެ މަންމަގެ 5،200 ރުފިޔާގެ ފޯނާއި، ގޭގެ ސިޓިން ރޫމުގައި ހުރި، 5،799 ރުފިޔާގެ ޓީވީ ހަލާކުކޮށްލި ކަމަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އެ މައްސަލައިގައި ދައުވާއަށް އިއުތިރާފުވެފައިވާތީ ޝަރީއަތުންވަނީ އޭނާގެ އަދަބު ލުއިކޮށްދޭން ނިންމާފައެވެ. އެ މައްސަލައިގެ އަސާސީ އަދަބަކަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޮތް ނަމަވެސް، އިއުތިރާފުވެ، އަދަބު ލުއިކޮށްދިނުމަށް އެދިފައިވާތީ އަދި ދައުލަތުންވެސް އެކަމަށް އިންކާރު ނުކުރާތީ ގާޒީ ނިންމެވީ، ތިން މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއް އިއްވާށެވެ. މި މައްސަލައިގައި ތަހުގީގު މަރުހަލާގައި، ދައުވާ ލިބޭ މީހާ ބަންދުކޮށްފައި ހުރި 16 ދުވަސް ހުކުމުން އުނިކުރާނެއެވެ. ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު މި ހުކުމް އިއްވެވީ މިދިޔަ ހަފުތާގައެވެ. އެ މައްސަލަ ދައުލަތުން ޝަރިއަތަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ