ހޯރަފުށީ އެއާޕޯޓްގެ ލަގެޖް ސްކޭން ކުރާ މެޝިނު ހަލާކުވެފަ ހުންނަތާ 5 މަސް!

ހއ. ހޯރަފުށީ އެއާޕޯޓްގެ ލަގެޖް ސްކޭންކުރާ މެޝިނު މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެއްވެސް ވަރަކަށް ބޭނުންނުކުރެވޭކަން ހާމަ ވެއްޖެ އެވެ.ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ އެއާޕޯޓް ހިންގުމާ ހަވާލުވެ ހުންނެވި ސީނިއާ މެނޭޖަރު އަހުމަދު ވަލީދު  ވިދާޅުވީ، އެއާޕޯޓުގެ ލަގެޖް ސްކޭންކުރާ މެޝިނު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ކުރިން ވެސް ދެ ފަހަރަކު ހަލާކުވެގެން މަރާމާތު ކޮށްފައިވާނެ ކަމަށެވެ. އަދި މި މެޝިނު ހަލާކުވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ކުރީގެ ބްރޭންޑަކަށް ވުމުން ސްޕެއާ ހޯދަން ދަތިވުން ކަމުގައި އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވެސް މި ބްރޭންޑް ގެ ލަގެޖް ސްކޭނަރެއް ހުންނަނީ ހަމައެކަނި ހޯރަފުށީ އެއާޕޯޓް ގައި ކަމަށް ވަލީދު ވިދާޅުވި އެވެ. ދައުލަތުގެ ކުންފުންޔަކުން ހިންގާ އަދި "ސެޓިފައި" ކޮށްފައިވާ އެއަޕޯޓެއްގެ ލަގެޖް ސްކޭން ކުރާ މެޝިނު މިހާ ގިނަ ދުވަސް ވަންދެން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުގެ ސަބަބުން ގިނަ ފަރާތްތަކަކުން ދަނީ ސޯޝަލް މީޑިއާ ގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއާޕޯޓުތައް ސެޓިފައި ކުރުމަކީ އެ ތަނެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ލިބެން ހުރިކަން ޔަގީން ކުރުމެވެ. އެ ކަންކަން ކަށަވަރު ކުރުމަކީ ސިވިލް އޭވިއޭޝަންގެ ޒިންމާއެކެވެ.ނޮވެމްބަރު 19، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައި ދެއްވި ހޯރަފުށި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ