މާލެ ސަރަޙައްދުގައި އާއިލާތަކުން ކުޑަކުދިން ގޮވައިގެން ހިތްހަމަޖައްސާލަން ދާން އޮންނަ މަދު ސަރަޙައްދުތަކުގެ ތެރޭގައި ސަލްޓަން ޕާކު ހިމެނެއެވެ. މިއީ ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލު އަދި އެކުދިން ގަޔާވާ ތަނެކެވެ. ނަމަވެސް ސަލްޓަން ޕާކު ހަލާކުވެ ވީނާރާވަމުން ދިއުމާއި ގުޅިގެން ސަރުކާރުން ވަނީ ސަލްޓަން ޕާކު މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތްފަށާފައެވެ.
މި މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާންވެސް އެއިރު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިތަންތަން މަރާމާތުކޮށް ޢީދު ދުވަހާއި ދިމާކޮށް މިވަނީ ހުޅުވާފައެވެ.
ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ސަލްޓަން ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް އަދި ޕާކުގެ ވޯކްވޭތަކާއި ކުޑަކުދިން ކުޅޭ ސަރަޙައްދުތައް މާރާމާތުކޮށް ވަނީ އާބާތުރަ ފިލުވާފައެވެ.
ސަލްޓަން ޕާކުގެ މަސައްކަތްތައް ނިމުނުއިރު ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން އިށީންނާނެ ބެންޗުތައް ހެދުމާއި، ކޮންކްރީޓް ފްލޯ މަރާމާތުކޮށް ވޯކްވޭތައް ހެދުމުގެ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެއިތުރުން ގާޑަން އަދި ސީސީޓީވީތައް ރަނގަޅުކުރުމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.
ސަލްޓަން ޕާކަކީ ފެހިކަންގަދަ ތަނަކަށް ހެދުމުގެ ގޮތުން އެތަން ފެހިކުރުމަށް ގަސް ހެއްދުމާއި ކާޕެޓް ވިނަ ހެއްދުމުގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އަލުން ހުޅުވިއިރު ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ސަރަހައްދުގައި ތަފާތު ރީތި މާގަސްތައް ވަނީ އިންދާފައެވެ. މިއާއެކު އެ ސަރަހައްދަށް އިތުރު ހިތްގައިމުކަމެއް ވަނީ ގެނެސްދީފައެވެ.
ސަލްޓަން ޕާކު މަރާމާތައްފަހު އަލުން ހުޅުވިއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ޕޯސް، އެމްއެންޑީއެފްގެ ޓްރެއިނިންގ ތަކުގެ ބައެއް ހަރަކާތްތައްވެސް ކުޑަކުދިންނާއި ގުޅޭނެހެން ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވައި އަލުން ހުޅުވީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކާއި، އާއިލާތަކާއި އަދި ޚާއްސަކޮށް ކުޑަކުދިން ގަޔާވާނެ ފަދަ ގޮތަކަށެވެ. ޖުމްހޫރީ މައިދާން ސަރަހައްދުގައިވެސް އިށީންނަ ބެންޗުތައް ވަނީ ޒަމާނީ ގޮތަކަށް ފަރުމާކޮށްފައެވެ. އަދި އެތަނުގައިވެސް ވިނަހެއްދުމުގެ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
ޕާކުތަކާއި މައިޒާންތަކުގެ މަސައްކަތުގެތެރެއިން ރަސްފަންނުގެ އާބާތުރަފިލުވާ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ގެންދަނީ އެމްޓީސީސީ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދަމުންނެވެ.
ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނަށް ހިތްގައިމު ބަދަލުތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ