އީދު ބަންދަށް ފަހު ހޯމަ ދުވަހު ސަރުކާރު ހުޅުވަން ނިންމައިފި

އީދުގެ ބަންދު ދުވަސްތަކަށްފަހު، އަންނަ ހަފްތާ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވަން ނިންމާފައިވާކަމަަށް ރައީސް އޮފީހުން ބުނެފިއެވެ.
މިކަމާ ގުޅިގެން މިއަދު ރައީސް އޮފީހުން ބުނީ ފިތުރު އީދުގެ ބަންދު ދުވަސްތަކަށްފަހު، މި މަހުގެ 23ވާ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެކަމަށެވެ.
އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ހަމަޖައްސަވާފައި ވުމާއެކު، މި ފެށޭ ހަފުތާގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ރޯދަމަސް ނިންމައި މިއަދު ފާހަގަ ކުރަންފެށި ފިތުރު އީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަ ގަދަކޮށް ދަނީ ފާހަގަކުރަމުންނެވެ. އީދު ނަމާދާއިއެކު އީދު ފާހަގަ ކުރަން އެކި ރަށްރަށުގައި ސަގާފީ އެކި ކުޅިވަރުތަކާއި، އާއިލީ ހަވީރުތައް މިއަދު ވަނީ ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އީދުގެ ތިން ދުވަހަށް ހާއްސަކޮށް، 4 ސަރަހައްދެއްގައި އެމްއެންޑީއެފް އިން ވެސް އެކި ހަރަކާތްތައް ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ