ބަންޑުން ޖަހައިލި ލޯންޗުގައި އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންހާނިއާ ވެސް ދަތުރުކުރި
ވ. ފެލިދޫ ކައިރިން ރޭ ބަންޑުންޖަހައިލި ލޯންޗުގައި އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ ގޯތަމް ސިންހާނިއާ ވެސް ދަތުރުކުރިކަން އެނގިއްޖެއެވެ. ފުލުހުންނަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 01:15 އެހާކަންހާއިރުއެވެ. ޖުމްލަ ހަތް މީހުން ދަތުރުކުރި އެ ލޯންޗުން ކަނޑަށް ވެއްޓުނު މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާގައި ރޭމަންޑް ގްރޫޕްގެ ޗެއާމަން ގޯތަމް ސިންހާނިއާ ވެސް ހިމެނެއެވެ. https://sun.mv/219447 އެ ހާދިސާގައި އޭނާއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާ މިހާރު ވަނީ އިންޑިއާގެ މުމްބާއީއަށް ގެނެސްފައި ކަމަށް އޭނާގެ ސްޕޯކްސްޕާސަން ވަނީ ބުނެފައެވެ. މި ހާދިސާގައި ލޯންޗު ބަންޑުންޖަހާލުމާއެކު ވިއްސައިގެންގޮސް މޫދަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ. މީގެ ތެރެއިން މިހާރު ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. ގޯތަމް ސިންހާނިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ފެބްރިކް އުފައްދާ ކުންފުނި ކަމަށްވާ ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރެވެ. ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރުގެ ނެޓް ވޯތެއް އޮންނަ ގޯތަމްއަކީ ލަގްޒަރީ އަދި ހައި ސްޕީޑް ކާރުތަކަށް ލޯބި ކުރާ މީހެކެވެ. އެގޮތުން އޭނާއަކީ އިންޑިއާގެ އެންމެ ހައި ޕްރޮފައިލް ސުޕަ ކާރު ކަލެކްޝަން ގެންގުޅޭ ބިލިއަނަރުކަމަށް ވެސް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ