އެކްޝަން ފިލްމްތަކަށް މަޝްހޫރު ތަރި ޗަކް ނޮރިސް މަރުވެއްޖެ

ހޮލީވުޑްގައި އެންމެ ވިދާލި އެއް އެކްޝަން ތަރި އަދި މާޝަލް އާޓިސްޓު ޗަކް ނޮރިސް އަކީ 'ލޯން ވުލްފް މެކުއޭޑް'، 'ދަ ޑެލްޓާ ފޯސް'، 'ވޯކާ، ޓެކްސަސް ރޭންޖާ' އަދި 2012ގައި ނެރުނު 'ދި އެކްސްޕެންޑަބްލްސް 2' ފަދަ އެކްޝަން ފިލްމުތަކަށް މަޝްހޫރު އެކްޓަރެކެވެ. އޭނާ އެންމެ ގަދަޔަށް ވިދަން ފެށީ 70ގެ އަހަރުތަކުގަ އެވެ. އަދި 'ދަ ވޭ އޮފް ދަ ޑްރެގަން'ގައި ބްރޫސް ލީއާ އެކު ވެސް ފެނިގެންދިޔަ އެވެ.
ޗަކް ނޮރިސް އުމުރުން 86 އަހަރުގައި އިއްޔެ މަރުވިކަމުގެ ހަބަރު އާއިލާއިން މިއަދު ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ސިއްހީ ހާލަތު ދަށްވެގެން ހަވާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓު ކުރިކަމުގެ ހަބަރު ވެސް އާއިލާއިން ދިނެވެ. އެކަމަކު ކޮން ސަބަބަކާ ހުރެ ކަމެއް ނުބުނެ އެވެ. އަދި ސަބަބު އެ މީހުން ހާމަ ކުރަން ބޭނުންނުވާ ވާހަކަ ވެސް ބުނެފައިވެ އެވެ.
ނޮރިސް މަރުވީ އޭނާ ކަސްރަތަށް ބޮކްސިން ތަޅާ ތަން ފެންނަ ވީޑިއޯއެއް އާންމުކުރިތާ 10 ދުވަސް ފަހުންނެވެ. އެއާ އެކު އޭނާގެ ސަޕޯޓަރުންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. ދާދި ފަހުން އުފަން ދުވަސް ފާހަގަކުރި އެކްޝަން ތަރި ވަނީ، އޭނާގެ އުމުރާ އަޅާބަލާއިރު ހުރި ވަރުގަދަކަމާއި ހަލުވިކަން ބޮކްސިން ވީޑިއޯއިން ދައްކާލައިފަ އެވެ.
ކާލޯސް ރޭ ނޮރިސް ނުވަތަ 'ޗަކް' ނޮރިސް ފުރަތަމަ މަޝްހޫރުކަން ހޯދީ މާޝަލް އާޓްސް ޗެމްޕިއަނެއްގެ ގޮތުގަ އެވެ. އޭނާގެ ނަން، 1993ގައި ފެށި އެކްޝަން ކްރައިމް ޓީވީ ސީރީޒް 'ވޯކާ، ޓެކްސަސް ރޭންޖާ'ގެ ކޯޑެލް ވޯކާގެ ރޯލުން އިތުރަށް ވިދާލި އެވެ. 
ސްކްރީނުން ފެނުނު މަސައްކަތްތަކުގެ އިތުރުން، ނޮރިސް ފަހު ޒަމާނުގެ ސަގާފީ އައިކޮނަކަށް ވެސް ވި އެވެ. "ޗަކް ނޮރިސް ފެކްޓްސް" މީމްގައި ވެސް އޭނާގެ ޝަހުސިއްޔަތު ވަރަށް މަޖާކޮށް ފާހަގަކުރި އެވެ.
ޗަކް ނޮރިސް އަކީ އޭނާގެ ކޮންޒާވެޓިވް ސިޔާސީ ފިކުރު ވަރަށް އާއްމުކޮށް ފާޅު ކުރި އެކްޓަރެކެވެ. ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވިގޮތުގައި "ޓޭކްސަސްއަށް ލެޖެންޑެއް ގެއްލިގެންދިޔައީ" އެވެ. 
ޗަކް ނޮރިސްގެ މަރާ ގުޅިގެން ތައުޒިޔާގެ މެސެޖުތައް ހޮލީވުޑްގެ ފަންނާނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން މީހުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ފޮނުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ