އީސީއަށް ސަރުކާރުގެ ނުފޫޒު؛ އީފާސް ބޭނުންކުރަން ފެށީ ސަރުކާރުން އަންގައިގެން ކަމަށް މުއިއްޒު ވިދާޅުވެއްޖެ އީސީއަށް ސަރުކާރުގެ ނުފޫޒު؛ އީފާސް ބޭނުންކުރަން ފެށީ ސަރުކާރުން އަންގައިގެން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގައި އީފާސް ބޭނުންކުރަން އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމީ ސަރުކާރުގެ ނުފޫޒުންކަން ހާމަވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ޕީއެންސީގެ ކެމްޕޭން ހަރަކާތުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އީފާސް މެދުވެރިކޮށް މެންބަރުން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު އީސީން ހަމަޖެއްސީ ސަރުކާރުން އެކަމަށް އެދިގެން ކަމަށެވެ.
"އަޅުގަނޑުމެން އެދިގެން އަޅުގަނޑުމެން ހުށަހަޅައިގެން އީސީން ނިންމީ އީފާސް މެދުވެރިކޮށް ވަރަށް ޓްރާންސްޕޭރެންޓުކޮށް ޕާޓީތަކަށް މެންބަރުން ވެއްދޭ ގޮތް ހަދަން،" މުއިއްޒު ވިދާޅުވިއެވެ.
އެއީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގައި އެއްވެސް އިލްޒާމެއް އެޅުވުމުގެ ފުރުސަތު ދޭން ބޭނުންނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި ބަދަލު އީސީން ގެނައުމުން އެކަމަށް މުއިއްޒު އެ ކޮމިޝަނަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރު ނޮވެމްބަރު 17، 2023 ގައި ފެށިއިރު ޕީއެންސީގައި ތިބީ އެންމެ 3،000 މެންބަރުންނެވެ. ނަމަވެސް މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދު 75,000 އަށް އަރާފައިވާ ކަމަށާއި، އަމާޒަކީ އެ އަދަދު އެއް ލައްކައަށް އިތުރުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މިއަހަރުގެ އޮކްޓޯބަރު މަހު ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ލީޑަޝިޕުން ނިންމާފައިވާކަން މުއިއްޒު ހޮނިހިރު ދުވަހުގެ ރޭ އިއުލާނު ކުރެއްވި އެވެ.
މިއީ ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތެއް ކަމަށާއި، ޕާޓީއާ އަލަށް ގުޅުމަށާއި، މިހާރު ތިބި މެންބަރުން އިތުރަށް ހަރަކާތްތެރިވުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.
މީގެ އިތުރުން އެކި ސަބަބުތަކާ ހުރެ ހިތްހަމަނުޖެހިގެން ޕާޓީއާ ދުރުވެ، ގޭގައި ތިބި ފަރާތްތަކުން ވެސް ނުކުމެ މަސައްކަތް ކުރުމަށާއި މި ލޯކަލް ކައުންސިލް އިންތިހާބަށް ވެސް މަސައްކަތް ކޮށް ދިނުމަށް ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ