އެމްއައިބީން ފަހު 10 އާއި 6 ރޯދައިގައި ޚިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި
ރޯދަ މަހު ފަހު ދިހައެއްގައި އަދި ޝައްވާލަ މަހު ހަ ރޯދައިގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ކަސްޓަމަރުންނަށް ޚިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި އެވެ. އެމްއައިބީން ބުނީ މިއަދުން ފެށިގެން ޢީދު ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ބިޒްނަސް ބްރާންޗްގެ ކަސްޓަމަރުންނަށް ބިޒްނަސް ބޭންކިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:30 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށެވެ. އެ މުއްދަތުގައި މާލޭގައި ހުންނަ ބިޒްނަސް ބްރާންޗުން ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ ކުރުމުގެ ކަޓްއޯފް ޓައިމަކީ ހެނދުނު 11:00 އިން 12:00 އަށް ކަމަށް އެމްއައިބީގެ އިއުލާނުގައިވެއެވެ. އެމްއެމްއޭގެ އިޢުލާނާ ގުޅިގެން ފަހު 10 ގައި ހުރިހާ ބޭންކުތަކެއް ހުޅުވާ ދެ ދުވަހަކީ 11 އަދި 18 މާރިޗެވެ. މި ދެ ދުވަހު އެމްއައިބީ ބިޒްނަސް ބްރާންޗްގެ ކަސްޓަމަރުންނަށް ބިޒްނަސް ބޭންކިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށް އެމްއައިބީން ބުންޏެވެ. އަދި، މި ދެދުވަހު ބިޒްނަސް ބްރާންޗުން ޓީޓީ ކުރުމުގެ ކަޓްއޯފް ޓައިމަކީ ހެނދުނު 09:30 އިން 11:00 އަށް ކަމަށް ވެސް އެމްއައިބީން ބުނެފައިވެއެވެ. ޝައްވާލު މަހުގެ ހަ ރޯދައިގެ ތެރެއިން މި މަހުގެ 23 އިން 26 އަށް އެމްއައިބީ ބިޒްނަސް ބޭންކިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 9.30 އިން 14:00 އަށެވެ. އަދި، ޓީޓީ ކުރުމުގެ ޚިދުމަތްދޭ ގަޑިއަކީ ހެނދުނު 9:30 އިން 11:00 އަށް ކަމަށް ވެސް އެމްއައިބީން ބުނެފައިވެއެވެ. އެމްއައިބީ ބިޒްނަސް ބްރާންޗް ނޫން އެހެން ހުރިހާ ބްރާންޗުތަކަށް މިއަދުން ފެށިގެން ޢީދު ދުވަހުގެ ނިޔަލަށް (އެމްއެމްއޭގެ އިޢުލާނާ ގުޅިގެން ފަހު 10 ގައި ބޭންކު ހުޅުވާ ދެދުވަސްކަމުގައިވާ) މި މަހު 11 އަދި 18 ފިޔަވައި އެހެން ހުރިހާ ދުވަހެއް ބަންދުވާނެއެވެ. އެ ދެދުވަހު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 13:30 އާ ހަމަޔަށެވެ. ޝައްވާލު މަހުގެ ހަ ރޯދައިގައިވެސް ކަސްޓަމަރުންނަށް ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ހަމަ މި ގަޑީގައެވެ. އެމްއައިބީއަކީ އެ ބޭންކުގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދޭ ބޭންކެކެވެ. ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓާކުރުމާއި، ފައިސާ މޯބައިލް އަދި ފައިސާ ނެޓް މެދުވެރިކޮށް ޓީޓީގެ ޚިދުމަތަށް އެދުމުގެ އިތުރުން ވެސް އެމްއައިބީގެ އެޕްލައި ނައު ޕޯޓަލް މެދުވެރިކޮށް އެ ބޭންކުން ދޭ ހުރިހާ ހިދުމަތަކަށް އެދެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ